ރާއްޖޭގެ އުތުރާއި ދެކުނުގައި އަޅާ ވިޔަފާރި ބަނދަރުތައް ގާއިމް ކުރުމުގެ މަސަައްކަތުގައި ކޮންސަލްޓެންސީ ދިނުމަށް ނެދަލޭންޑްސްގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓު ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް) އަދި ޑެންމާކުގެ ނީރާސްގެ ޖޮއިންޓް ވެންޗާއަކާ ހަވާލުކޮށްފި އެވެ.
މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީގެ އެކްޓިން ޕާމަނަންޓް ސެކްރެޓަރީ އަދި ޑިރެކްޓަރު އަހުމަދު މިގްދާދެވެ. އެމްޓީބީއެސް ގެ ފަރާތުން ސޮއިކުރެއްވީ އޮތޮރައިޒްޑް ޑިރެކްޓާ ކޮމާސް އެންތޮނީ ވަން ޑަ ހޮއެސްޓް އެވެ.
ކޮންޓްރެކްޓުގެ އަގަކީ 860،626 ޑޮލަރެވެ.
މި ކޮންޓްރެކްޓު ގައި ހިމެނެނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމް ކުރަން ނިންމާފައިވާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ގާއިމް ކުރުމަށް، ސްކޯޕިންގެ މަސައްކަތާއި ފީސިބިލިޓީ އެނެލިސިސް ހަދައި ޕްރޮޖެކްޓު އެކުލަވަލުމާއި ޓްރާންސެކްޝަން އެޑްވައިޒަރީގެ މަސައްކަތް ކުރުމެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ޓްރާންޝިޕްލމަންޓު ބަނދަރު ގާއިމް ކުރުމުގެ ފީޒިބިލިޓީ ބަލާނެ ސަރަހައްދުތަކަކީ އުތުރުން އިހަވަންދިއްޕޮޅާއި ދެކުނުން ލ. އަތޮޅާއި ހުވަދޫ އަތޮޅާ ދެމެދުގައިވާ ހުވަދޫ ކަނޑާ ކައިރިން އެންމެ އެކަށޭނަ ތަނެކެވެ.
މީގެ އިތުރުން ބަންކަރިން ބޯޓުފަހަރު މަރާމާތު ކުރުމަށް އަދި ބޫޓުފަހަރަށް ސަޕްލައިކުރުމަށް އަމާޒުކޮށްގެން ހިތަދޫ އިންޓަނޭޝަނަލް ޕޯޓު ތަރައްގީކުރުމުގެ ފީޒިބިލިޓީވެސް މި ކޮންޓްރެކްޓުގެ ދަށުން ބަލާނެއެވެ. އަދި ފީޒިބިލިޓީ އަށް ބިނާކޮށް މަޝްރޫއު ކުރިއަށްގެންދާނޭ ގޮތުގެ ދިރާސާ ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު އިޔާދު ވިދާޅުވީ ރާއްޖެ އޮތް ސަރަހައްދަކީ އިކޮނޮމިކަލީ މުހިއްމު ސަރަހައްދެއް ކަމަށާއި މި ލޮކޭޝަނުގެ ބޭނުން ހިފައި އިގްތިސާދީ ގޮތުން ރާއްޖެ އަށް އެންމެ ފައިދާ ކުރާނެހެން ބަނދަރުތައް ގާއިމް ކުރާނެ ކަމަށް އިޔާދު ވިދާޅުވި އެވެ.
"ރާއްޖޭގެ އުތުރުން އަހަރަކު 25 މިލިއަނަށް ވުރެ ގިނަކޮންޓެއިނަރާއެކު ބޯޓުތައް މޫވް ކުރޭ. ދެކުނަށް ބަލާއިރު އަހަރަކު 5 މިލިއަން ކޮންޓެއިނަރާއެކު ބޯޓުތައް މޫވް ކުރޭ،" އިޔާދު ވިދާޅުވި އެވެ.
އިޔާދު ވިދާޅުވީ ޓްރާންސްޝިޕްމެންޓު ބަނދަރު ގާއިމް ކުރުމުގެ ވާހަކަ ދެކެވޭތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށާއި މި ސަރުކާރުގެ އަމާޒަކީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރެވޭ ދިރާސާގެ އަލީގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ބަނދަރުތައް ގާއިމް ކުރުން ކަމަށެވެ.
ބަނދަރުތައް ގާއިމް ކުރުމަކީ ރާއްޖޭގެ އިގުތިސޯދަށް ދެމެހެއްޓެނިވި ބަދަލެއް އަންނާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިޔާދު ވިދާޅުވީ، މިއީ މާލެ ނޫން ސަރަހައްދުތައް ތަރައްގީކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބަޔެއް ކަމަށާއި ބަނދަރުތަކާއެކު ވަޒީފާގެ އާ ފުރުސަތުތައްވެސް ފަހިވާނެ ކަމަށެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ގާއިމް ކުރަން ކޮންސަލްޓެންސީ ހޯދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރަން ވެސް ވަނީ ނިންމައިފަ އެވެ.
ގުޅީފަޅު އަދި މާލޭ ހުޅަނގު އުތުރު ފަރާތު ބަނދަރު ސަރަހަައްދު ތަރައްގީކުރުމުގެ މާސްޓާ ޕްލޭން ފަރުމާކުރުމަށް ސިންގަޕޫރު ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ.
ގުޅިފަޅުގައި ތަރައްގީކުރާ އިންޓަނޭޝަނަލް ޕޯޓުގެ ކޮންސަލްޓެންސީ މަސައްކަތް އެއް މިލިއަން ޑޮލަރަރުގެ އަގަކަށް ޑެންމާކާއި ހޮލެންޑުގެ ދެ ކޮންސަލްޓަންސީ ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ޖޮއިންޓް ވެންޗާއަކަށް ވަނީ ހަވާލުކޮށްފަ އެވެ.
ގުޅީފަޅުގައި މި ސަރުކާރުން ހަދަން ނިންމާފައިވާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ކޮންސަލްޓެންސީގެ މަސައްކަތް ވެސް ކުރަން ހަވާލުކޮށްފައި ވަނީ އެ ކުންފުންޏާ އެވެ.