ޓްރަމްޕް ރައީސްކަމުން އަޒުލު ކުރުމަށް އެމެރިކާގެ ތިރި ގެއިން ފާސްކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރަން ފެންނަ ކަމަށް ނުވަތަ، އިމްޕީޗް ކުރުމަށް އެމެރިކާގެ މަޖިލީހުގެ ތިރިގެ ހައުސް އޮފް ރިޕްރެޒެންޓެޓިވް އިން މިއަދު ފާސްކޮށްފި އެވެ.

ޓްރަމްޕް އިމްޕީޗް ކުރުމުގެ ވޯޓް މިއަދު ނަގާފައި ވަނީ ހައުސް އޮފް ރިޕްރެޒެންޓެޓިވްގެ ޖުޑީޝަރީ ކޮމިޓީއިން ހިންގި ތަހުގީގަކަށް ފަހު، ޓްރަމްޕް ރައީސްކަމުން އަޒުލް ކުރަން ޖެހޭ ފަދަ ކަންތައްތަކެއް އޭނާ ހިންގަވާފައިވާ ކަމަށް އެ ތަހުގީގަށް ސާބިތުވުމުން އެވެ.

ޑިމޮކްރަޓުންގެ އަގުލަބިއްޔަތު އޮންނަ ތިރި ގެއިން ޓްރަމްޕް ރައީސް ކަމުން އަޒުލް ކުރުމަށް ފާސްކުރީ ވެރިކަމުގެ ބާރުތައް ނަހަމަގޮތުގައި ބޭނުން ކުރުމުގެ ތުހުމަތުގަ އާއި ގާނޫނު ހަދާ މަޖިލީހުގެ މަސްއޫލިއްޔަތުތަކަށް ޓްރަމްޕް ހުރަސްއެޅުއްވި ކަމަށް ސާބިތުވާ ކަމަށް މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުން ފާސްވުމުން އެވެ.

ޓްރަމްޕް އިމްޕީޗް ކުރުމުގެ ވޯޓް ނެގި ވަގުތު، ތިރިގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ސްޕީކާ ނެންސީ ޕެލޯސީ ރިޔާސަތުގައި -- ފޮޓޯ/ ގެޓީ އިމޭޖަސް

އެގޮތުން ވެރިކަމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރެއްވި މައްސަލައާ އެއްކޮޅަށް 230 މެންބަރަކު ވޯޓު ދެއްވި އެވެ. ދެކޮޅަށް ވޯޓް ދެއްވީ 197 މެންބަރެކެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ މަސްއޫލިއްޔަތުތަކަށް ހުރަސްއެޅުއްވި ކަމުގެ ތުހުމަތުގައި ނެގި ވޯޓްގައި، އެއްކޮޅަށް 229 މެންބަރަކު ވޯޓްދެއްވި އެވެ. ދެކޮޅަށް ވޯޓް ދެއްވީ، 198 މެންބަރެކެވެ.

ޓްރަމްޕް އަޒުލް ކުރުމާ އެއްކޮޅަށް އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ، ރިޕަބްލިކަން ޕާޓީގެ އެއްވެސް މެންބަރަކު ވޯޓް ދެއްވާފައެއް ނުވެ އެވެ. ނަމަވެސް އިދިކޮޅު ޑިމޮކްރަޓުންނަށް ނިސްބަތްވާ ދެ މެންބަރަކު ޓްރަމްޕް އަޒުލް ކުރުމާ ދެކޮޅަށް ވޯޓް ދެއްވި އެވެ.

ޓްރަމްޕް އިމްޕީޗް ކުރުމަށް ނެގި ވޯޓްގެ ހުލާސާ.

ވެރިޔަކު އަޒުލުކުރުމުގެ މައްސަލައެއް އެމެރިކާގެ ތާރީހުގައި އުފެދުނު މިއީ ތިންވަނަ ފަހަރެވެ. އެގޮތުން މީގެކުރީން 1998 ބިލް ކްލިންޓަން އަޒުލުކުރުމަށް ފާސްކުރިއިރު، 1868 ގައި ރައީސް އެންޑްރޫ ޖޯންސަންވެސް ވަނީ އަޒުލުކުރުމަށް ފާސްކޮށްފަ އެވެ.

ތިރިގެ ހައުސް އޮފް ރިޕްރެޒެންޓެޓިވްއިން އެމެރިކާގެ ރައީސް އަޒުލް ކުރުމަށް ތާއީދު ލިބުނު ނަމަވެސް އޭނާ މަގާމުން ވަތްކެއް ނުވާނެ އެވެ. މިދިޔަ ދެ ފަހަރު ވެސް ސެނެޓުން ނިންމާފައި ވަނީ ރައީސް ކްލިންޓަން އާއި ޖޯންސަން އަޒުލް ކުރަން ނުފެންނަ ކަމަށެވެ.

ޓްރަމްޕް އަޒުލް ކުރަން ހައުސްގައި ނެގި ވޯޓް.

އެމެރިކާގެ ގާނޫނު އަސާސީ ބުނާ ގޮތުން، ރައީސްއެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތިރިގެއިން ފާސްވުމުން އެ މައްސަލަ ދެން ދާނީ މަތިގެ ސެނެޓަށެވެ. ސެންޓްގައި ޓްރަމްޕްގެ ޕާޓީ، ރިޕަބްލިކަނުންނަށް އަގުލަބުއްޔަތު އޮންނަ އިރު، އުއްތަމަ ފަނޑިޔާރު ހިމެނޭ ސެނެޓްގެ މަޖިލީހަކުން ޓްރަމްޕްގެ މައްޗަށް ދެން ހިންގާނީ ޝަރީއަތެކެވެ. އެވެ. އަދި ވޯޓަކަށް ދާނީ އެއަށް ފަހު އެވެ.

ޓްރަމްޕް ރައީސްކަމުން އަޒުލް ކުރެވޭނީ، ސެނެޓްގެ ޝަރީއަތަށް ފަހު، އެ ޝަރީއަތުގެ ނިންމުން ސެނެޓްގެ އަގުލަބިއްޔަތުން ފާސްކުރުމުން އެވެ. ސެނެޓްގެ ތާއީދު ނުލިބިއްޖެ ނަމަ، ޓްރަމްޕް ރައީސްކަމުގައި ދެމި ހުންނަވާނެ އެވެ.

ޓްރަމްޕްގެ މައްޗަށް ނެގި އިމްޕީޗްމަންޓް ވޯޓަށް ފަހު، އޭނާގެ ސަޕޯޓަރުންނާ ރެލީގައި ބައްދަލު ކުރައްވަނީ: ވިދާޅުވީ އޭނާގެ އިމްޕީޗް ކުރިކަމުގެ އެއްވެސް އިހުސާސެއް ނުކުރެއްވޭ ކަމަށް -- ފޮޓޯ/ ގާޑިއަން

ޓްރަމްޕް ރައީސްކަމުން އަޒުލް ކުރުމަށް ތިރިގެއިން ފާސްކުރީ، އަންނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުކުންނަވާ އިދިކޮޅު ޑިމޮކްރަޓިކް ކެންޑިޑޭޓުންޑް ކުރީގެ ނައިބު ރައީސް ޖޯބައިޑަންގެ މައްސަލައެއް ތަހުގީގުކޮށް ދިނުމަށް ޔޫކްރައިންގެ ރައީސްއަށް ޓްރަމްޕް ޕްރެޝަރުތައް ކުރިމަތިކުރެއްވި މައްސަލައިގަ އެވެ.

comment ކޮމެންޓް