ފޯކައިދޫއާއި ޔޫވީއަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ޔޫވީ ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ށ. ފޯކައިދޫ ފުޓްބޯލް ކްލަބް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު މެޗު ނިންމާލީ 1-1ގެ ނަތީޖާ އަކުންނެވެ. މި ނަތީޖާއާ އެކު ފޯކައިދޫ އޮތީ 16 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. ޔުނައިޓެޑް ވިކްޓްރީ އޮތީ 12 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. ތާވަލުގެ އެއް ވަނާގައި 32 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ.

ދުވަސްގަނޑަކަށް ލީގު މެދުކަނޑާލާފައި އޮތުމަށް ފަހު ކުޅުން އަލުން ފެށި އިރު ޔޫވީ އަކީ މިދިޔަ 50 ދުވަހުގެ ބޮޑު ބްރޭކުގައި ގަވާއިދުން ޕްރެކްޓިސްތައް ކުރިއަށްގެން ދިޔަ އެއް ޓީމެވެ. އަނެއްކޮޅުން ފޯކައިދޫ އަކީ އެންމެ އެކަށީގެންވާ ގޮތުގައި ޕްރެކްޓިސްތަކެއް ކުރި ޓީމެއް ނޫނެވެ. ބްރޭކަށް ފަހު ފަހު މިދިޔަ ހުކުރު ދުވަހު ލީގު ފަށަން އޮތް ނަމަވެސް އެފްއޭއެމުން ވަނީ އިތުރު ފަސް ދުވަސް ޓީމުތަކަށްދީފަ އެވެ. ލީގުގެ ކުޅުން އަލުން ފެށި އިރު ވިކްޓްރީ ސްޕޯޓްސް ކްލަބް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެހެންވެ ދެން ލީގުގައި ވާދަކުރާނީ އަށް ޓީމުންނެވެ.

މެޗަށް ޔުނައިޓެޑް ވިކްޓްރީ ނުކުތީ ދާދިފަހުން އެޓީމާ ހަވާލުވި ކޯޗު މުހައްމަދު އާދަމްގެ އިރުޝާދުގެ ދަށުންނެވެ. މުހައްމަދު އާދަމް އެޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ބްރޭކުގެ ކުރިން މުހައްމަދު ނަޒީހް މަގާމުން ވަކިވުމާއި ގުޅިގެންނެވެ. މި ސީޒަނުގެ ކުރީކޮޅު މުހައްމަދު އާދަމް ހުރީ ވިކްޓްރީގެ ކޯޗަކަށެވެ.

އިއްޔެގެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ޔޫވީއިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ކޮވަސެވިޗް މިލޮސް ހިލޭ ޖެހުމަކުން ވައްދާލި ލަނޑުން ޔޫވީ ކުރީގައި އޮއްވާ ފޯކައިދޫން ނަތީޖާ ހަމަހަމަކުރީ 64 ވަނަ މިނެޓުގައި ހަސަން ފުވާދު ޖެހި ގޯލުންނެވެ.

ލީގުގެ މެޗުތައް ދެން ކުޅޭނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު އެވެ. ހުކުރު ދުވަހު ހަވީރު ކުޅޭ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރާނެ އެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗުގައި ކްލަބް އީގަލްސް ނުކުންނާނީ ފޯކައިދޫއާ ދެކޮޅަށެވެ.

comment ކޮމެންޓް