ހަރުކަށި ފިކުރު ފަތުރާ ކަމަށް ބުނެ ތިން އިލްމުވެރިއެއްގެ ހުއްދަ ހިފަހައްޓައިފި

އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައްޖޭގައި ދީނީ ގޮތުން ހައްދު ފަހަނައަޅެމަށް ހިތްވަރު ލިބޭގޮތަށް ދީނީ ނަސޭހަތް ދިނުމާއި، ދީނީ ގޮތުން ހިޔާލު ތަފާތުވާ މައްސަލަތަކުގައި ވަކި ގޮތަކަށް ކަން ކުރަން ބާރު އަޅާ ކަމަށް ބުން އިސްލާމިކް މިނިސްޓްރީއިން ތިން އިލްމުވެރިއެއްގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި އެވެ.

އިސްލާމިކް މިނިސްޓްރީއިން ސަސްޕެންޑް ކޮށްފައިވާ ދީނީ އިލްމުވެރިންނަކީ އަބްދުއްރަހީމް މުހައްމަދު، މަނަދޫގެ، ނ.ޅޮހި އާއި ޖައުފަރު ފާއިޒް، ދެކުނުގެ، ސ. މީދޫ ގެ އިތުރުން މުހައްމަދު ހަސަން، ރެޑްސީ، ގދ. ތިނަދޫ އެވެ.

އިސްލާމިކް މިނިސްޓްރީއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ތިން ދީނީ އިލްމުވެރިންގެ ތެރެއިން އަބްދުއްރަހީމް މުހައްމަދާއި، ފާއިޒަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައިވަނީ އާންމުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެއްދުމަށް މަގުފަހިވާ ގޮތަށް ވާހަކަ ދައްކާތީ ކަމަށެވެ. އަދި އަނިޔާވެރި ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކަށް މަގުފަހިވާގޮތަށް ދީނުގެ ނަމުގައި އެމީހުން ވާހަކަ ދައްކަމުން ދާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުންޏެވެ.

"އަދި ރާއްޖޭން ބޭރުގައި ހިންގަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިތްވަރުލިބޭނެ ހެން ވާހަކަދައްކަމުން އަންނާތީ." އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ދީނީ އިލްމުވެރިޔާ މުހައްމަދު ހަސަނަށް ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރީ އިސްލާމް ދީނުގެ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާ މައްސަލަތަކާ ބެހޭގޮތުން މުޖުތަމައުގައި ބައިބައިވުމާއި ފިތުނަ ފަސާދައަށް މަގުފަހިވާ ގޮތަށް ވާހަކަ ދައްކާފައިވާތީ ކަމަށްބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ތިން މީޙުންގެ ހުއްދަވެސް އިސްލާމިކް މިނިސްޓްރީއިން ބާތިލުކޮށްފައިވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވައިދުގެ ދަށުންނެވެ.

comment ކޮމެންޓް