މައުމޫން ހަމީދުގެ ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް!

މައުމޫން ހަމީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމްގް ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒުގެ ފަރާތުން ބާ ކައުންސިލްގެ ރައީސް، މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދުގެ ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް ހުށަހަޅައިފި އެވެ.

ޒާހިދު ބާ ކައުންސިލަށް މައްސަލައެއް ހުށަހަޅައިފައި ވަނީ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ދިފާއީ ހެއްކެއްގެ ގޮތުން އޭނާގެ ނަން ހުށަހަޅައި، އޭނާ ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރުމަށް ނިންމާފައިވާ މައްސަލައިގައެވެ.

ދިފާއީ ހެއްކެއްގެ ގޮތުގައި ޒާހިދު ރަމީޒު ހާޒިރުކޮށް ދިނުމަށް އެދިފައިވަނީ އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދުގެ ފަރާތުންނެވެ.

ބާ ކައުންސިލަށް ޒާހިދު ފޮނުވި ސިޓީގައި ބުނެފައި ވަނީ، މައްސަލައިގެ ދިފާއީ ހެއްކެއްގެ ގޮތުގައި އޭނާގެ ނަން ހައިޝަމް ރަޝީދުގެ ފަރާތުން ދިފާއީ ވަކީލް މައުމޫން ހަމީދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ ޝަރީއަތުގައި ސިޔާސީ ކުލަވަރު ޖައްސައި، އޭނާގެ އަބުރު ކަތިލަން ކަމަށެވެ.

އަދި ޔާމީންގެ މަރާ އޭނާއާ ގުޅުމެއް ވާކަމަށް ބުނެ، ބަޔަކު އޭނާގެ އަބުރު ކަތިލަން މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށާއި، ވަކިން ހާއްސަކޮށް ސިޔާސީގޮތުން އޭނާ އާއި އޭނާ ނިސްބަތްވާ ޕާޓީ، ޕީޕީއެމް ބަލިކަށިކުރުމަށް އޭނާގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

"އަދި ރާއްޖޭގެ ބާ ކައުންސިލްގެ ރައީސް ފަދަ ގަދަރުވެރި މަގާމެއްގައި މައުމޫން ހަމީދު ހުރެ މިފަދަ ދޮގު އިލްޒާމް އަޅުވާ މީހުނާ ބައިވެ، މުޖުތަމައުގައި އަޅުގަނޑުގެ އަގު ވައްޓާލަން މަސައްކަތް ކުރުމަކީ ވަކީލުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ." ޒާހިދުގެ ސިޓީގައި ބުނެފައިވެއެވެ.

އަދި ގާނޫނީ ފަންނުގެ ގާނޫނުގެ ދެ މާއްދާއަކާ މައުމޫން ހަމީދު ހިލާފުވެފައިވާ ކަމަށާއި، އެހެންކަމުން އެ މައްސަލަ ބަލައިދިނުމަށް ސިޓީގައި ވަނީ އެދިފައެވެ.

އެގޮތުން މައުމޫން ހަމީދު މިމައްސަލައިގައި ކަން ކުރެއްވި ގޮތުން އާންމު މުޖުތަމައުން ވަކީލުންނާމެދު ކުރާ އިތުބާރު ގެއްލިފައިވާ ކަމަށް ގަބޫލުކުރާ ކަމަށާއި، މައްސަލައާ ގުޅުމެއް ނެތް އަދި ފުލުހުންނާ ޕީޖީން ވެސް ސުވާލުކޮށްފައި ނުވާ މީހަކާމެދު ބާ ކައުންސިލުގެ ރައީސްގެ ގޮތުގައި ހުރެ މައުމޫން ހަމީދު އަމަލުކޮށްފިނަމަ ދެން "ސަލާމަތުން ހުންނާނީ ވަކި ކާކުތޯ" އާންމުން ސުވާލުކުރަމުން އަންނަ ކަމަށެވެ.

ހަމަ އެއާއެކު ދައުވާ އުފުލާފައިވާ މ. ތާއިފް އިސްމާއިލް ރަޝީދަކީ މައުމޫން ހަމީދުގެ އަނބިކަނބަލުންގެ ކޮއްކޮ ކަމަށާއި، އަދި މައްސަލައިގައި "ޖަޒުބާތުން ފުރިފައިވާ ޕްރޮފެޝަނަލިޒަމް އެއް ނެތް ގޮތަކަށް" މައުމޫން ހަމީދަށް ވަކާލާތު ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށާއި އެކަމުގެ އަސްލަކީ މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ހުރަސްއެޅޭފަދަ މައްސަލައެއް އެނގިހުރެ ނެންގެވުން ކަމަށް ދެކޭ ކަމަށެވެ.

"އަދި މިކަމުގެ ސަބަބުން މައުމޫން ހަމީދުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދެއެވެ. އެހެންކަމުން މި މައްސަލަ ބައްލަވައިދެއްވައި ފިޔަވަޅު އަޅުއްވާދެއްވުމަށް އެދި ހުށަހެޅީމެވެ." ޒާހިދުގެ ސިޓީގައި ވެއެވެ.

ހައިޝަމްގެ ފަރާތުން ދިފާއީ 11 ހެއްކެއް ހުށަހެޅި އެވެ. ނަމަވެސް އޭގެތެރެއިން ހަތް މީހެއްގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށް އޭނާގެ ވަކީލް މައުމޫން ހަމީދު ވަނީ ވިދާޅުވެފަ އެވެ. ސަބަބެއް ކަމަށް މައުމޫން ހަމީދު ފާހަގަކޮށްފައިވަނީ ދައުލަތުން އޭނާގެ މުވައްކިލާ ދެކޮޅަށް އެކަށީގެންވާ ހެކިން ހުށަހަޅާފައި ނުވާތީ އެވެ. އެގޮތުން އެ ހަތް ހެކިންނަކީ ދައުލަތުން ހުށަހަޅާނެ ކަމަށް ދައުވާގައި ބުނެފައިވާ ހެކިންގެ ހެކިބަސް ނަފީ ކުރުމަށް ހައިޝަމްގެ ފަރާތުން ހިމެނި ހެކިންނެވެ.

ހައިޝަމް ރަޝީދުގެ ފަރާތުން ހެކިބަސް ނަގައިދިނުމަށް އެދުނު ހަތަރު ހެކިންގެ މީހުންނަކީ ވެސް ޔާމީން ރަޝީދަށް މަރުގެ އިންޒާރު ދީފައިވާ މީހުން ކަން މައުމޫން ހަމީދު ފާހަގަކުރެއްވި އެވެ. ޒާހިދަކީ ވެސް ޔާމީނަށް މަރުގެ އިންޒާރު ދިން މީހުންގެ ގޮތުގައި ހުށަހަޅާފައިވާ ނަމެކެވެ.

އޭނާ ހާޒިރު ކުރުމަށް އަމުރެއް ނެރުއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް