މޮސްކޯ (ޑިސެމްބަރު 17) : ލީބިޔާގެ މައްސަލާގައި މަޝްވަރާ ކުރުމަށްޓަކައި ރަޝިޔާގެ ރައީސް ވްލަޑީމީރު ޕޫޓިން އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާންގެ ސަމިޓެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރްޖަމާން ޑިމިޓްރީ ބިސްކޯވް ވިދާޅުވީ ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރަށް އަސްކަރީގޮތުން އެހީވުމަށް ތުރުކީ ގެންގުޅޭ ޕްލޭނާމެދު މަޝްވަރާ ކުރުމަށްޓަކައި ޕޫޓިން އާއި އުރުދުޣާން ގެ ސަމިޓެއް ބޭއްވުމުގެ ބޭނުންތެރިކަން ދެގައުމުން ގަބޫލުކުރާތީ އަންނަ ޖަނަވަރީ މަހުގެ ކުރީކޮޅު ސަމިޓް ބައްދަލުވުމެއް ބޭއްވުމަށް އެދެބޭފުޅުން ނިންމަވައިފި ކަމުގައެވެ. ނަމަވެސް ސަމިޓް ބާއްވާނެތަކެއް ކްރެމްލިން އިން ހާމައެއް ނުކުރެއެވެ.
އެފްރިކާގައި ގުދްރަތީ ގޭހާއި ތެލުގެ އެންމެ ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ލީބިޔާ ވަނީ އެގައުމުގެ ކުރީގެ ޒައީމް މުއައްމަރުލްގައްޒާފީ އާ ދެކޮޅަށް 2011 ވަނަ އަހަރު ހިންގި ހަރަކާތްތަކުގައި ގައްޒާފީ އަވަހާރަ ކޮށްލުމާއެކު ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓި ރައްޔިތުން ވަރަށް ބޮޑަށް ހާލުގައި ޖެހިފައެވެ.

އެރްދުޣާން އާއި ލީބިޔާގެ ސައްރާޖް
ލީބިޔާގައި ވެރިކަމުގެ ވަރުގަދަ އަރާރުމެއް ހިނގަމުންދާއިރު ލީބިޔާގެ ހަނގުރާމަވެރި ލީޑަރުގެ ގޮތުގައި ސިފަކުރެވޭ ޖެނެރަލް ޚަލީފާ ހަފްތަރުގެ ބާރުތަކާއި ވެރިރަށް ޓްރިޕޮލީގައި ވެރިކަންކުރާ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ބާރުތަކާދެމެދު ދަނީ ވަރުގަދައަށް ހަނގުރާމަ ހިނގަމުންނެވެ. މި ހަނގުރާމަ ވަރުގަދަވެފައިވަނީ ޓްރިޕޮލީ ހިފުމަށް ޖެނެރަލް ހަފްތަރުގެ ބާރުތަކުން ވަރުގަދައަށް ހަމަލާދެމުން ގެންދާއިރު ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރަށް އަސްކަރީގޮތުން އެހީތެރިވުމަށް ތުރުކީން ދާދިފަހުން ނިންމުމާ ގުޅިގެންނެވެ.
ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރަށް އަސްކަރީ އެހީދިނުން ހިމެނޭ ސްޓްރެޓީޖިކް އެއްބަސްވުމެއްގައި އެސަރުކާރުގެ ރައީސް ފާއިޒް އައްސައްރާޖް އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާން ދާދިފަހުންވަނީ ސޮއިކުރައްވާފައެވެ. އެރްދުޣާން ވަނީ ސައްރާޖްގެ ސަރުކާރަށް އަސްކަރީގޮތުން އެހީތެރިވުމަށްޓަކައި ލީބިޔާގައި ތުރުކީގެ އަސްކަރީ ބޭހެއް ގާއިމްކޮށް ތުރުކީ ސިފައިން އެގައުމަށް ފޮނުވުމަށް ތައްޔާރަށް ހުންނެވިކަމަށްވެސް ވިދާޅުވެފައެވެ. މި ބޭސް ބިނާކުރުމަށް ޓަކައި ތުރުކީ ސިފައިންނާއި އަސްކަރީ ތަޖްރިބާކާރުންގެ ޓީމެއް ޓްރިޕޮލީގައި ހަރަކާތްތެރިވަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަފްތަރާއި ޔޫއޭއީގެ ވަލީއުލްއަހްދާއި މިސްރުގެ ރައީސް ސީސީ
ތުރުކީގެ އިތުރުން ގަލްފުގެ ކުޑަ ގައުމެއް ކަމަށްވާ ގަތަރުންވެސް ގެންދަނީ ސައްރާޖުގެ ސަރުކާރަށް މާލީ ގޮތުން އެހީތެރިވަމުންނެވެ. އެދެގައުމުން ސައްރާޖްގެ ސަރުކާރަށް އަސްކަރީގޮތުންނާއި މާލީގޮތުން އެހީ ދޭއިރު ރަޝިޔާ، މިސްރު އަދި ފަރަންސޭސިވިލާތާއި ގަލްފުގެ އަރަބި ގައުމެއްކަމަށްވާ ޔޫއޭއީ ގެންދަނީ ސައްރާޖްގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރައްވާ ލީބިޔާގެ ހަނގުރާމަވެރި ލީޑަރު ޖެނެރަލް ޚަލީފާ ހަފްތަރުގެ ބާރުތަކަށް އަސްކަރީ ގޮތުން ބޮޑެތި އެހީތަކެއް ވަމުންނެވެ.
މިކަމުގެ ސަބަބުން ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި ވަރުގަދަ ލޭ އޮހޮރުވުންތަކެއް ހިނގައި ސޫރިޔާއަށް ވެގެންދިޔަ ގޮތް ލީބިޔާއަށް ވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. ލީބިޔާގެ ވަކި ސަރަހައްދުތަކެއްގައި ފާއިތުވި އަށެއްކަ އަހަރު ހަނގުރާމަ ހިނގަމުން ދިޔަނަމަވެސް ތިން މިލިޔަން މީހުން ދިރިއުޅޭ ވެރިރަށް ޓްރިޕޮލީ އަދި އޮތީ ސަލާމަތުންނެވެ. (ނޫސްއެޖެންސީތައް)