ވޮޝިންޓަން (ޑިސެމްބަރު 16) : އދ. ން އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށް ޗައިނާއާއި ރަޝިޔާ ކުރަމުންގެންދާ މަސައްކަތްތަކަށް އެމެރިކާ ފާޑުކިޔައިފިއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ މިއީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށް މުނާސަބު ވަގުތެއް ނޫންކަމަށާ ނިއުކްލިޔާ ހަތިޔާރު ނައްތާލުމާބެހޭގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުން ބޭއްވުމަށްވެސް އުތުރުކޮރެޔާގެ އެއްބާރުލުން ނުލިބޭއިރު ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަކީ ހައްލެއްކަމަށް ނުދެކޭ ކަމުގައެވެ.
އުތުރުކޮރެއިން ނިއުކްލިޔާ ހަތިޔާރާއި ދުރުރާސްތާގެ ބަލިސްޓިކް މިސައިލް ތަރައްގީކޮށް އެހަތިޔާރުތައް ތަޖްރިބާ ކުރަމުން ގެންދާތީ އެމެރިކާ އިސްނަގައިގެން އެކިފަހަރުމަތިން އދ. ގެ ސަލާމަތީ މަޖިލީހުންވަނީ އުތުރު ކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މީގެތެރޭގައި އުތުރުކޮރެއާގެ އާއްމު ރައްޔިތުންގެ ދިރިއުޅުން ހުއްޓުމަކަށް ގެނައުމަށް އަޅާފައިވާ އާދަޔާ ޚިލާފަށް ހަރުކަށި އަނިޔާވެރި ފިޔަވަޅުތައްވެސް ހިމެނެއެވެ.
ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އުތުރުކޮރެއާ އިނދަ ޖައްސާލުމުގައި އެމެރިކާއަށް ކާމިޔާބު ލިބިފައެއް ނުވެއެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިނުދީ ނިއުކްލިޔާ ހަތިޔާރު ނައްތާލުމަށާއި ދުރުރާސްތާގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމު ރޫޅާލުމަށް އެމެރިކާ ކުރިމަތިކުރާ ފިއްތުންތަކަށްވެސް އުތުރުކޮރެއާ ގެންދަނީ ތަކުރާރުކޮށް ދެކޮޅު ހަދަމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮންގް އުން މިދިޔައަހަރުގެ ޖޫންމަހު ސިންގަޕޫރުގައި ބޭއްވި ސަމިޓްގައި ނިއުކްލިޔާ ހަތިޔާރު ނައްތާލުމަށާއި ދުރުރާސްތާގެ މިސައިލް ޕްރޮގްރާމް ރޫޅާލުމަށް ޝަރުތުތަކެއްގެ މަތިން ކިމް އެއްބަސްވެވަޑައިގެންފައިވީނަމަވެސް އުތުރުކޮރެއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށް އެމެރިކާ ފަސްޖެހޭތީ މި އެއްބަސްވުން ތަންފީޒުކުރުމާބެހޭ މާބޮޑުކަމެއް އުތުރުކޮރެއާއިން ކުރިޔަށް ގެންގޮސްފައެއްނުވެއެވެ.
ނަމަވެސް ސުލްހައިގެ ވާހަކަތަކަށް ފުރުސަތު ދިނުމުގެ ގޮތުންނާއި މަސްރަހު ފިނި ކުރުމުގެ ގޮތުން އުތުރުކޮރެއާ ވަނީ ނިއުކްލިޔާ ތަޖްރިބާތަކާއި ދުރުރާސްތާގެ މިސައިލް ތަޖްރިބާތައް ވަގުތީގޮތުން ހުއްޓާލާފައެވެ. މީގެއިތުރުން އުތުރުކޮރެއާގެ ނިއުކްލިޔާ ހަތިޔާރު ތަޖްރިބާކުރާ ސައިޓް ރޫޅާލައި އެގައުމުގެ މައި ނިއުކްލިޔާ މަރުކަޒުކަމަށްވާ ޔޮންގް ބިއޮން ނިއުކްލިޔާ ރިއެކްޓަރުގެ މަސައްކަތްވެސް އުތުރުކޮރެއާއިން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.
މިއާއެކުވެސް ދަތިކުރުމުގެ ފިޔަވަޅުތަކަށް ކުޑަވެސް ލުއެއް ދިނުމަށް އެމެރިކާ ގެންދަނީ ދެކޮޅު ހަދަމުންނެވެ. ޗައިނާއާއި ރަޝިޔާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅަން މަސައްކަތް ކުރަނީ އުތުރުކޮރެއާގެ އާއްމު ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގަރާރެކެވެ. އޭގެތެރޭގައި ހިމެނެނީ ދެކޮރެޔާ ދެމެދުގައި ކުރާ ރޭލް ދަތުރުތަކާއި ވައިގެ ދަތުރުތަކާއި އުތުރު ކޮރެޔާގައި މަގުހެދުމުގެ މަޝްރޫއުތަކާއި އުތުރުކޮރެއާގެ ރައްޔިތުން ބޭރުގައުމުތަކުގައި މަސައްކަތް ކުރުން މަނާކުރުންފަދަ ފިޔަވަޅުތައް ދަތިކުރުމުގެ ފިޔަވަޅުތަކުން އިސްތިސްނާކުރުމެވެ.
އަދި އުތުރުކޮރެއާގެ ރައްޔިތުންކުރާ ކަނޑުމަހުގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމާއި އުތުރުކޮރެއާގެ ގިނަ ބަޔަކު ވަޒީފާ އަދާކުރާ ޓެކްސްޓައިލް އިންޑަސްޓްރީ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުންވެސް ޗައިނާއާއި ރަޝިޔާ ގަރާރުގައި ހިމެނެއެވެ.
އުތުރުކޮރެއާއަށް ލުއިދިނުމުގެ ގަރާރާބެހޭ މަޝްވަރާތައް ސަލާމަތީ މަޖިލީހުގެ މެންބަރު ގައުމުތަކުގެ މެދުގައި ކުރިޔަށްދިޔަނަމަވެސް އެ ގަރާރު ސަލާމަތީ މަޖިލީހަށް ރަސްމީކޮށް ހުށަހަޅައި ވޯޓަށް އަހާނެ ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. އެ ގަރާރު ފާސްވާނީ ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 ގައުމުގެ ތެރެއިން ވީޓޯކުރުމުގެ ބާރުލިބިފައިވާ ލިބިގެންވާ އެމެރިކާ، ރަޝިޔާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޗައިނާ، މިއިން ގައުމަކުން ވީޓޯ ނުކޮށް، 15 މެންބަރުންގެ ތެރެއިން 9 މެންބަރުންގެ ތާއީދު އެ ގަރާރަށް ލިބިގެންނެވެ.
އުތުރުކޮރެއަށް ލުއިދިނުމުގެ ގަރާރާބެހޭ ގަރާރަށް އެމެރިކާ ފާޑުކީނަމަވެސް އެއާ ދެކޮޅަށް ވީޓޯގެ ބޭނުން ކުރާނެކަން ނުވަތަ ނޫންކަން އެމެރިކާ ބުނެފައެއް ނުވެއެވެ. އެ ގަރާރަށް ތާއީދު ނުކުރިނަމަވެސް އެއާ ދެކޮޅަށް ވީޓޯ ނުކުރުމަކީ އެމެރިކާއަށް ކުރެވިދާނެކަމެކެވެ. އަނެއްކޮޅުން ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ ވިސްނުން އެގަރާރާމެދު ހުރިގޮތެއް އަދި އެނގިފައެއް ނުވެއެވެ. އެއީވެސް އުތުރު ކޮރެއާ ފަދައިން ނިއުކްލިޔާ ހަތިޔާރާއި ދުރުރާސްތާގެ ބަލިސްޓިކް މިސައިލް އުފައްދާ ދެގައުމުކަމަށް ވީނަމަވެސް އެދެގައުމުން އުތުރު ކޮރެއާއާމެދު މިހާތަނަށް ގެންގުޅެމުންދަނީ ވަރަށް ހަރުކަށި ސިޔާސަތެކެވެ. (ނޫސްއެޖެންސީތައް)