ކެރެލާގައި ދިވެހިންނަށް ހުރި މަތީ ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ކޮންފަރެންސް އެއް ބާއްވައިފި އެވެ.
ހޮޓެލް ޖެންގައި ކުރިއަށް ދިޔަ ކޮންފަރެންސް އަކީ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަދި އިންޑިއާ އެމްބަސީ އާއި ކެރެލާ ސަރުކާރުން ގުޅިގެން ކުރިއަށް ގެންދިޔަ ކޮންފަރެންސް އެކެވެ.
އެ ކޮންފަރެންސްގައި މާލެއިން މަތީ ސާނަވީ ތައުލީމު ފޯރުކޮށްދޭ ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ބިލަބޮން އިންޓަނޭޝަނަލް ހައި އާއި ވިލާ އިންޓަނޭޝަަނަލް ހައިސްކޫލާއި ސެންޓަރ އޮފް ހަޔާ އެޑިއުކޭޝަން އަދި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު ހިމެނެއެވެ.
މިނިސްޓްރީއާއި އެމްބަސީގެ ފަރާތްތަކުންވެސް ބައިވެރިވެފައިވާ އެ ކޮންފަރެންސްގައި ކެރެލާއިން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ޔުނިވާސިޓީތަކާއި ޕްރޮގްރާމުތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

މިއަދުގެ ކޮންފަރެންސްގައި ކެރެލާގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ކޭ ޓީ ޖަލީލު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
އެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ކެރެލާ ސްޓޭޓްގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ކޭ ޓީ ޖަލީލު ވިދާޅުވީ ރާއްޖެއިން ހަތަރު ދަރިވަރަކަށް ކެރެލާއިން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުުސަތު ފަހިކޮށްދޭނެ ކަމަށެވެ.
ރާއްޖެއާއި ކެރެލާއާ ދެމެދުގައި އޮތް ގުޅުމުގެ ސަބަބުން ރާއްޖޭގައި ނޮލެޖް އިކޮނޮމީއެއް ބިނާކުރުމަށް ވާސިލުވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ޖަލީލު އިޝާރާތްކުރެއްވި އެވެ.
މިނިސްޓަރު ޖަލީލުގެ ވާހަކައިގައި ވަނީ ކެރެލާގެ އިންޖިނިއަރިންގެ ދާއިރާއަށް އަލިއަޅުވާލާފައެވެ. އަދި ޕޮލިޓެކްނިކުން ޑިޕްލޮމާ ހަދާ ދަރިވަރުންނަށް ޑިގްރީގެ ދެވަނަ އަހަރުގައި ބައިވެރިވެވޭނެ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ ކެރެލާއަކީ ރައްކާތެރި ސަރަހައްދެއް ކަމަށާއި އެތަނަކީ އިންޑިއާގެ ލިޓްރަސީ އެންމެ މަތި އެއް ސްޓޭޓު ކަމަށެވެ.