އެއްޕާޓީއަކަށް ވެރިކަން ދޭން ރައްޔިތުން ބޭނުމެއް ނުވޭ: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް --- ސަންފޮޓޯ/ މުހައްމަދު އަވްޝަން އިލިޔާސް

އެއް ޕާޓީއަކަށް ގައުމުގެ ވެރިކަން ދޭން ރައްޔިތުން ބޭނުން ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް ނިސްބަތްވާ ދާއިރާ އދ މާމިގިލީގައި ޖުމްހޫރީ ޕާޓީއިން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ މިހާތަނަށް އެއް ޕާޓީއަކުން ރިޔާސީ އިންތިހާބެއްގައި ވާދަކޮށްގެން ގައުމުގެ ވެރިކަން ހޯދިފައި ނުވާ ކަމަށެވެ. އެހެން އެކަން ވަނީ އެއް ޕާޓީއަކަށް ވެރިކަން ދޭން ރައްޔިތުން ބޭނުން ނުވާތީ ކަމަށް ގާސިމް ވިދާޅުވި އެވެ.

ރައްޔިތުން އެއް ޕާޓީއަކަށް ވެރިކަން ދޭން ބޭނުން ނުވަނީ ސަބަބުތަކެއް ހުރުމުން ކަމަށް ގާސިމް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ސަބަބުތަކެއް ކަމެއް ގާސިމް ވިދާޅެއް ނުވެ އެވެ. ވިދާޅުވީ އެއީ ވަރަށް ރަނގަޅު ސަބަބުތަކެއް ކަމަށެވެ.

"އެއް ޕާޓީއަކުން ކުރިމަތިލައިގެން މަސައްކަތް ކޮށްގެން ލިބޭނެ ކަމަށް ވަންޏާ 2013 ވަނަ އަހަރު ކީއްވެތޯ ރައީސް ނަޝީދު އެމްޑީޕީއަށް ވެރިކަން ނުހޯއްދެވުނީ. ލިބިވަޑައެއް ނުގަތް ދޯ. ރައީސް ޔާމީން 28 ޕަސެންޓްގައި އޮވެފައި އަޅުގަނޑުމެން ބައިވެރިވެގެން ދިޔައީމަ 51.5 ޕަސެންޓް ލިބުނީ." ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

ގާސިމް އެހެން ވިދާޅުވެފައިވާއިރު މިހާތަނަށް ބޭއްވި ގިނަ ޕާޓީތަކުން ބައިވެރިވާ ރިޔާސީ އިންތިހާބުތަކުގައި ކާމިޔާބު ހޯދާފައިވަނީ ޖުމްހޫރީ ޕާޓީ ހިމެނޭ ކޯލިޝަނަކުންނެވެ. 2008 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުނީ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމުންނެވެ. އަދި އޭގެ ފަހުން ޕީޕީއެމްއަށް 2013 ވަނަ އަހަރު ވެރިކަން ލިބުނު އިރުވެސް ކޯލިޝަނުގައި ޖުމްހޫރީ ޕާޓީ ހިމެނެ އެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ގޮތް ނިންމާ ޕާޓީ ކަމަށް އެ ޕާޓީގެ މެމްބަރުން ބުނަމުންދާ ކަމަށެވެ. އަދި އެކަމަކާ އޭނާ ފަހުރުވެރިވެ ބޮޑާވެ ނުހަދާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ހިތި ތަޖުރިބާތައް ލިބިއްޖެ. ކުރީގަ އިސްވެ ދިޔަ ދެފަހަރު. އެއީ އެމްޑީޕީގައި ކުރީގައި ހެދި ކޯލަޝަންއާއި އަދި ޕީޕީއެމްއާ އެކީގައި އަޅުގަނޑުމެން ހެދި ކޯލިޝަނުންވެސް އަޅުގަނޑުމެންނަށް ލިބިގެން ދިޔަ ނަތީޖާ ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ." ގާސިމް ވިދާޅުވި އެވެ.

މިހާރުގެ ސަރުކާރުންވެސް ޖުމްހޫރީ ޕާޓީއާ މެދު އަމަލުކުރަނީ އެންމެ ރުހެވޭ ގޮތަށް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. ނަމަވެސް ސަރުކާރު ހިންގަނީ ޖުމްހޫރީ ޕާޓީއަށް ދޭން އެއްބަސްވެފައިވާ ސްލޮޓްތަކަށް އެ ޕާޓީގެ މެމްބަރުން ވައްދަވައިގެން ކަން ގާސިމް ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް