ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި މެލޭޝިއާގެ ޔުނިވަރސިޓީ ސުލްތާން ޒައިނަލް އަބީދީން އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިސްލާމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެމްއޯޔޫގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗަންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. އަދި ޔުނިވަރސިޓީ ސުލްތާން ޒައިނަލް އަބީދީންގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޕްރޮފެސަރ ޑރ. ހަސަން ބަސްރީ ބިން އަވަންގް މަޓް ދަހަން އެވެ.
އެ އެއްބަސްވުމުގެ ދަށުން ދެ ޔުނިވަރސިޓީގެ ދެމުގައި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. ވަކިން ހާއްސަކޮށް އިސްލާމިކް ފައިނޭންސްގެ ދާއިރާއިންނާއި އިސްލާމިކް ޓުއަރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވަނީ އެއްބަސްވެފައެވެ. އޭގެ އިތުރުން ދިރާސީ ކަންތައްތަކުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ތައުލީމާއި ތަމްރީނާއި ބެހޭ ގިނަ ދާއިރާތަކުން އެއްބާރުލުންދިނުމަށް މި އެއްބަސްވުމުގައި ވެއެވެ.
އިސްލާމިކް ޔުނިވާސިޓީން މީގެ ކުރިން ވަނީ ސައުދީ އަރަބިއްޔާގެ ޔުނިވާސިޓީއާއެކުވެސް އެއްބާރުލުންދީ ޔުނިވާސިޓީ ތަރައްގީކުރަން އެއްބަސްވުމުގައި ސޮއިކޮށްފައެވެ.