ހިމަންދޫ މައްސަލަ: ޓެރެރިޒަމްގެ ދައުވާ އުފުލި މީހަކު ސަލާމަތް ވެއްޖެ

އއ. ހިމަންދޫގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރި ބައެއް މީހުން އެމީހުން ނަމާދުކުރާ ތަނުގެ ކުރިމަތީގައި ހެލްމެޓް އަޅައި މޫނު ނިވާކޮށްގެން -- ފައިލް ފޮޓޯ: ހަވީރު

އއ. ހިމަންދޫގައި 2007 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންނާއި ސިފައިންނާ ކުރިމަތިލި މައްސަލާގައި ޓެރެރިޒަމްގެ ދައުވާ އުފުލި މީހަކަށް ކުށް ސާބިތު ނުވެ ސަލާމަތް ވެއްޖެ އެވެ.

ހިމަންދޫގައި ވަކިން ޖަމާއަތް ހަދައިގެން އުޅުނު މީހުންނާއި ގައުމީ ސަލާމަތީ ބާރުތަކާ ދެމެދު 2007 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 63 މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން 53 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލިއިރު ހަތް މީހެއްގެ މައްޗަށް ޣައިރު ގާނޫނީ އެއްވުމަކުން ބާރު ދެއްކުމުގެ ދައުވާ ކުރި އެވެ. އަދި ދައުވާ އުފުލި ބައެއް މީހުނަށް ކުށް ސާބިތުވި އިރު އެ މައްސަލައިގެ ހިމެނޭ އެންމެ ފަހު މީހާއަށް ހުކުމް ކޮށްފައި ވަނީ އިއްޔެ އެވެ.

އެގޮތުން ޓެރެރިޒަމްގެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފައި ވަނީ ހިމަންދޫ އަސުރުމާގެ، އަހްމަދު އާދުމުގެ މައްޗަށެވެ.

ދައުވާގެ ހުލާސާ:

ސަލްޓަން ޕާކުގައި ސެޕްޓެމްބަރު 2007 ވަނަ އަހަރު ބޮމެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް ސުވާލުކުރުމަށް ބޭނުންވާ ބަޔަކާ އަދި ވެސް އެހެނިހެން ޖިނާއީ ކުށްތަކުގައި ފިލައިގެން އުޅޭ ބަޔަކު ހިމަންދޫގައި އުޅޭ ކަމަށް ފުލުހުންނަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން އެ ރަށަށް ސަލާމަތީ ބާރުތަކުން ގޮސްފައި ވަނީ 2007 ވަނަ އަހަރުގެ އޮކްޓޯބަރު ހަ ވަނަ ދުވަހު އެވެ.

އެ ރަށުގެ ތަންތަން ބަލައި ފާސްކުރަމުން ދަނިކޮށް އަހްމަދު އާދަމް އިތުރު ބަޔަކާ ބައިވެރިވެގެން 'ދާރުލްޚައިރު'ގެ ކައިރީގައި ލަކުޑިބުރި އާއި ކޮޅުތޫނު ކޮށްފައި ހުރި ދަގަނޑުބުރި އާއި ކަނޑިއާއި އެސިޑާއި ޕެޓްރޯލް ފަދަ އެއްޗެހި ހިފައިގެން ސަލާމަތީ ބާރުތަކަށް ހަމަލާ ދީ ސިފައިންގެ މީހަކު ރަހީނުކޮށް އަނިޔާކުރުގައި ބައިވެރިވެފައިވާތީ އުފުލާފައިވާ ދައުވާއެއް ކަމަށެވެ.

ނަމަވެސް އަހްމަދު އާދަމްގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ. އަދި އެދުވަހު އޭނާ އެތަނަށް ނުދާ ކަމަށް ވަނީ ބުނެފަ އެވެ.

ހިމަންދޫގައި 2007 ވަނަ އަހަރު ހިނގި ހަމަނުޖެހުމުގެ ތެރެއިން ---

އަހްމަދު އާދަމްގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ވަނީ ހެކިންގެ ގޮތުގައި ހަތް ފުލުހެއް ހުށަހަޅައިފަ އެވެ. ނަމަވެސް އެ ފުލުހުންނަށް އަހްމަދު އާދަމް ކުރިން ނޭނގޭ ކަމަށް ވަނީ ބުނެފަ އެވެ. އަދި އޭނާ އެނގެނީ ތަހުގީގަށް ނަގާފައިވާ ވީޑިއޯ އިން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ދިފާއުން ހުށަހެޅި ހެކިވެރިއެއް ބުނެފައި ވަނީ ހާދިސާ ހިނގި ދުވަހުގެ އެ ވަގުތު އަހްމަދު އާދަމް އުޅުނީ އޭނާއާ އެކު ދޯންޏެއްގެ ވަޑާމުގައި ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ވެސް ދެ މީހުން އެކުގައި އުޅުނީ ވަޑާމުގައި ކަމަށް ބުނެ ވަނީ ހެކިބަސް ދީފަ އެވެ.

ކްރިމިނަލް ކޯޓު މިވަގުތު ހިންގުމާ ހަވާލުވެ ހުންނެވި އަލީ ރަޝީދު ހުސައިން ކުރި އެހުކުމުގައި ބުނެފައި ވަނީ، އަހްމަދު އާދަމްއާ ދެކޮޅަށް ހެކިބަސް ދިން ފުލުހުން ރިއާޔަތް ކޮށްފައި ވަނީ ފޮޓޯ އާއި ވީޑިއޯއަށް ކަމަށާއި އެމީހުންގެ ހަމަ ލޮލަށް ފެނުނު މަންޒަރަކަށް ނޫން ކަމަށެވެ. އެހެންކަމުން ފުލުހުންގެ ހެކިބަހަށް މާބޮޑު ބުރަދަނެއް ދެވެން ނެތް ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި އަހްމަދު އާދަމްގެ ފަރާތުން ހުށަހެޅި ހެއްކެއްގެ ހެކިބަހުން އޭނާ އެ ދުވަހު ހަމަނުޖެހުން ހިނގި ސަރަހައްދަށް ނުދާ ކަމަށް އެނގެން އޮތް ކަމަށް ވެސް ވަނީ ހުކުމުގައި ބުނެފަ އެވެ.

comment ކޮމެންޓް