ޖޭއެސްސީގެ ނިންމުން ބާތިލުކޮށް ދިނުމަށް އެދި އަބްދުﷲ ގާޒީ ދައުވާކުރައްވައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ސުލޫކީ މިންގަޑާއި ޚިލާފުވިކަމަށް ސާބިތުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އަބްދުﷲ ގާޒީ ސިވިލް ކޯޓުގައި ދައުވާކުރައްވައިފި އެވެ.

މިއަދު ސިވިލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ދާއުވާ ހުށަހަޅުއްވަމުން އަބްދުﷲ ގާޒީގެ ގާނޫނީ ވަކީލު ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވިދާޅުވީ ޖުލައި 2009،16 ދުވަހުގެ ރޭ ދި ޓީވީން ގެނެސްދިން ޚަބަރުގައި އަބްދުﷲ ގާޒީ ދެއްކެވި ވާހަކަތަކާއި ގުޅިގެން އަބްދުﷲ ގާޒީ އާއިމެދު ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ދިޓީވީގެ ޚަބަރުގައި ކިޔާފައިވާ ވާހަކަތަކަކީ އަބްދުﷲ ގާޒީ ދިޓީވީ އަށް ދެއްވި އިންޓަވިއުގައި ދައްކަވާފައިވާ ވާހަކަތަކެއް ނޫން ކަމަށެވެ.

"ޖުލައި2009،16 ދުވަހުގެރޭ ދި ޓީވީއިން ފޮނުވި ޚަބަރުގައި "ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ކެބިނެޓުން މިހާރު ކުރަމުންދާ ކަންތައްތަކަކީ ސަރުކާރެއް ނޭވާ ހޮޅިއަށް އެޅިގެން އުޅޭއިރު ކުރައްވާނެ ކަންތައްތަކެއް ކަމުގައި ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ،" މިގޮތަށް ޚަބަރު ކިޔާފައިވީ ނަމަވެސް އެފަދަ އިބާރާތަކުން އަބްދުﷲ ގާޒީ ވާހަކަ ދައްކަވާފައެއް ނުވާނެ،" ކޯޓުގައި ރިޒާ ވިދާޅުވިއެވެ.

މިއަދު ފެށި ޝަރީއަތަށް އަބްދުﷲ ގާޒީ ވެސް ވަޑައިގެންނެވި އެވެ. ނަމަވެސް ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ.

ރިޒާ ވިދާޅުވީ އަބްދުﷲ ގާޒީ އެހެން ވިދާޅުވި ކަމަށް ޖޭއެސްސީ އަށް ހެކިބަސް ދިން ފަރާތްތަކުގެ ހެކިބަހުން ވެސް ސާބިތު ނުވާ ކަމަށާއި އެހެންކަމުން ސުލޫކީ މިންގަނޑާއި ޚިލާފުވިކަމަށް ބަލައި ފިޔަވަޅު ނޭޅޭނެ ކަމަށެވެ.

އަބްދުﷲ ގާޒީއާ މެދެ ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމާފައިވަނީ ގާނޫނުގައި ކަނޑައެޅިގެން ކުށެއް ކަމަށް ބަޔާންވެފައި ނުވާކަމެއްގައި ކަމަށާއި އެ މައްސަލަ އަކީ އަބްދުﷲ ގާޒީ އާއިމެދު ތުހުމަތު ކުރެވިފައިވާ މައްސަލައަކަށްވާއިރު އެ މައްސަލަ ސާބިތުކުރެވޭ ވަރުގެ އެއްވެސް ހެއްކެއް ޖޭއެސްސީއަށް ލިބިފައި ނުވާކަމަށް ވެސް ރިޒާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމާއި ގުޅިގެން ޖޭއެސްސީން ދިޓީވީގެ ދެ މުވައްޒަފެއްގެ ބަޔާން ނަގާފައިވާ ކަމަށާއި އެ ދެ މުވައްޒަފުން ވެސް އަބްދުﷲ ގާޒީ އެހެން ވިދާޅު ނުވާކަމަށް ބުނެފައިވާ ކަމަށެވެ.

"އެކަމާއި ގުޅިގެން ދިޓީވީގެ އެޑިޓަރު މިދުހަތު އާދަމް ޖޭއެސްސީ އަށް ދިންބަޔާނުގައި ވަނީ އަބްދުﷲ ގާޒީ ސީދާ ބަހުން ބަހަށް އެގޮތަށް ވިދާޅުވެފައި ނުވާކަމަށް. އަދި ދިޓީވީގެ މުވައްޒަފު ހިދާޔަތުﷲ ދިން ބަޔާނުގައި ބުނެފައިވޭ އެ އިންޓަވިއު ނެގީ އޭނާ ކަމަށާއި، ނަމަވެސް އަބްދުﷲ ގާޒީ ސީދާ އިބާރާތުން އިބާރާތައް އެގޮތަށް ވިދާޅުވެފައި ނުވާކަމަށް،"ރިޒާ ވިދާޅުވިއެވެ.

އެ ކަމަކީ ސުލޫކީ މިންގަނޑާއި ޚިލާފްވުންކަމަށް ޖެއެސްސީއަށް ގަބޫލުކުރެވިގެން ފިޔަވަޅު އަޅަން ނިންމިޔަސް، ފަނޑިޔާރުންގެ ގާނޫނު ފާސް ކުރުމުގެކުރިން ކޮށްފައިވާ ކަމަކަށްވާތީ އެ ކަމާއި މެދު ފިޔަވަޅު ނޭޅޭނެކަމަށް ވެސް އަބްދުﷲ ގާޒީގެ ފަރާތްޕުޅުން ކޯޓުގައި މިއަދު ބުންޏެވެ.

ޖޭއެސްސީގެ ވަކީލު އަބްދުލް ފައްތާހު ވިދާޅުވީ ސުލޫކީ މިންގަނޑާއި ޚިލާފުވާ ގާޒީންނާއި މެދު ފިޔަވަޅު އެޅޭނެ ކަމަށް ޖޭއެސްސީގެ ގާނުގައި ބުނެފައިވާތީ ޖޭއެސްސީއަށް ފިޔަވަޅު އެޅޭނެ ކަމަށެވެ. އަބްދުﷲ ގާޒީއާމެދު ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމަވާފައިވަނީ ސުލޫކީ މިންގަނޑާއި ޚިލާފުވެވަޑައިގެންނެވިކަން ސާބިތުވެފައިވާތީ ކަމަށާއި، އެކަމައިމެދު ޝަރީއަތުގައި ބަހުސްކުރާނެ ގާނޫނީ އެއްވެސް ހަމައެއް ނެތްކަމަށެވެ. ފިޔަވަޅު އަޅަން ނިންމެވީ ކޮމިޝަނަށް ލިބިފައިވާ، އެކޮމިޝަނުން ގަބޫލުކުރާ ހެއްކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ފައްތާހު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ފަނޑިޔާރަކާމެދު ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމައިފިނަމަ އެ ފަނޑިޔާރަކު އަމަލު ކުރައްވަންޖެހޭ އިޖުރާއަތްތަކެއްވާ ކަމަށާއި އެކަންކަން އަބްދުﷲ ގާޒީ ފުރިހަމަ ކުރައްވާފައި ނުވާތީ މި މައްސަލަ އަކީ ޝަރުއީ މަރުހަލާގައި ހިންގޭނެ މައްސަލައެއް ކަމަށް ޖޭއެސްސީން ގަބޫލު ނުކުރާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރިޒާ ވަނީ ސިވިލްކޯޓުން އެ މައްސަލައާއިމެދު ފައިސަލާ ކުރަނިވި ހުކުމެއް ކުރަންދެން އަބްދުﷲ ގާޒީ އާއިމެދު ފިޔަވަޅު އެޅުން ފަސް ކުރުމަށް ޖޭއެސްސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިވަޑައިގެންފައެވެ.

ވަގުތީ އަމުރަކަށް އެދެމުން ރިޒާ ވިދާޅުވީ އަބްދުﷲ ގާޒީ، ފެމެލީ ކޯޓަށް ބަދަލުކުރެއްވުމަށް މައްސަލަ ތަހުގީގު ކުރާ ކޮމެޓީން މިހާރު ނިންމަވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުން ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރަންވާނީ ސުޕްރީމް ކޯޓުގެ އެޕްރޫވަލް ހޯދުމަށްފަހުގައި ކަމަށާއި އަބްދުﷲ ގާޒީ ފެމެލީ ކޯޓަށް ބަދަލުކުރެއްވުމަށް ތަހުގީގު ކޮމެޓީން ނިންމެވީ ސުޕްރީމް ކޯޓުގެ އެޕްރޫވަލް ނުހޯދާ ކަމަށެވެ.

ނަމަވެސް ފައްތާހު ވިދާޅުވީ ޖޭއެސްސީން އަބްދުﷲ ގާޒީ ފެމެލީ ކޯޓަށް ބަދަލުކުރަން ނިންމާފައި ނުވާކަމަށާއި އެއީ މައްސަލަ ބެލި ކޮމެޓީން ޖޭއެސްސީއަށް އެފަދަ ލަފައެއް އެރުވާފައިވާ ކަމަށެވެ.

ވަގުތީ އަމުރަށް ލިޔުމުން ޖަވާބުދާރީ ވުމުގެ ފުރުސަތަކަށް ފައްތާހު އެދިވަޑައިގަތުމުން ގާޒީ މަރިޔަމް ނިހާޔަތު ވަނީ މިއަދު ހަވީރު 4:00 އަށް ލިޔުމުން ޖަވާބުދާރީ ވުމުގެ ފުރުސަތެއް ޖޭއެސްސީއަށް ދެއްވާފަ އެވެ.






ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު