ތައްޔާރީތައް ނުނިމި، އައްޑޫ އާ ހޮސްޕިޓަލުގެ ހިދުމަތް ފެށުން ފަސްކޮށްފި

ޖުލައި 21، 2019: އައްޑޫގައި ގާއިމުކޮށްފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް: މިއަދު އެ ހޮސްޕިޓަލުގެ ހިދުމަތްތައް ފަށަން މަސައްކަތް ކުރުމަށްފަހު އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވުމުން ހިދުމަތް ފެށުން ވަނީ ފަސްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ހިދުމަތްތައް ފެށުން ފަސްކޮށްފިއެވެ.

ސަތޭކަ އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ބައެއް ހިދުމަތްތައް ފަށާގޮތަށް އޮތީ މިއަދު އެވެ. މިއަދު ފެށުމަށް ހަމަޖެހިފައި އޮތީ އޯޕީޑީއާ ބައެއް ޑައިގްނޯސްޓިކް ޓެސްޓުތަކުގެ ހިދުމަތްތަކެވެ.

އެގޮތުން ލެބޯޓްރީއާއި ރޭޑިއޮލޮޖީއާއި ސީޓީ ސްކޭންއާއި އެކްސްރޭއާއި މެމޮގްރާމްއި ބޯން ޑެންސިޓީ މެޓްރިކްގެ ހިދުމަތްތައް މިއަދު ފެށުމަށް ދިޔައީ ތައްޔާރުވަމުންނެވެ.

ހެލްތު މިނިސްޓްރީގެ އެގްޒެކެޓިވް ކޮމިއުނިކޭޝަން ޑިރެކްޓަރު ހައްވާ ވަޖުދާ ގާސިމް މިއަދު 'ސަން' އަށް ވިދާޅުވީ މިއަދު އެ ހޮސްޕިޓަލުގެ ހިދުމަތްތައް ނުފެށުނީ އެކަށީގެންވާ ވަރަށް ތައްޔާރީތައް ނުނިމުމުން ކަމަށެވެ.

އަދި ހިދުމަތްތައް ފެށޭނެ ތާރީހެއް އަދި ވިދާޅުވާނެ ނޭނގޭ ކަމަށާއި، ތާރީހެއް ކަނޑައެޅުނުހާ އަވަހަކަށް ހާމަކުރައްވާނެ ކަމަށް ވެސް ވަޖުދާ ވިދާޅުވިއެވެ.

"ހިދުމަތްތައް ފެށޭ ވަރަށް އަދި ތައްޔާރު ނުވެވޭތީ ފަސްކުރީ. ހިދުމަތް ދޭން ފެށޭނެ ތާރީހެއް އަދި ފައިނަލް ނުވޭ. ފައިނަލް ކުރެވުނުހާ އަވަހަކަށް ހާމަކުރާނަން،" ވަޖުދާ ވިދާޅުވިއެވެ.

އެ ހޮސްޕިޓަލް ރަސްމީކޮށް ނުހުޅުވި ނަމަވެސް، ބައެއް ހިދުމަތްތައް ފަށަން މަސައްކަތް ކުރާއިރު، އެ ހޮސްޕިޓަލުގައި މިވަގުތު 25 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 11 މެޑިކަލް އޮފިސަރުންނާއި 73 ނަރުހުން ތިބިކަމަށް ހެލްތު މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރު އިމާރާތުގައި ގާއިމުކުރި އާ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އެލިއާ ކޮންސްޓްރަކްޝަނުން ހޮސްޕިޓަލް ސަރުކާރާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އެ މަސައްކަތް އެލިއާ އާ ހަވާލުކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރު 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިންމާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.

އާ ހޮސްޕިޓަލް ހުޅުވިނަމަވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މީހުން އެޑްމިޓްކުރުމާއި އިމަޖެންސީއާއި ބައެއް އޮޕަރޭޝަންތަކާއި އަދި ވިއްސުން ފަދަ ހިދުމަތްތައް ދެމުންގެންދާނެއެވެ.

comment ކޮމެންޓް