ޗައިނާއާއި ރާއްޖެއާ ދެމެދު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު ވުޖޫދުގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅު، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރުގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްދު ސައީދު ދޮގުކުރައްވައިފިއެވެ.
ދެ އަހަރު ދުވަހުގެ ދިގު މަޝްވަރާތަކަކާށް ފަހު ރާއްޖެއިން ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ފްރީ ޓްރޭޑް އެގްރީމަންޓް މިހާރު "މަރުވެފައިވާ" ކަމަށާއި، އެއްބަސްވުން ކުރިއަށް ނުދާ ކަމަށެވެ.
އަދި އެއްބަސްވުން ތަންފީޒު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވާނެ ކަމަށާއި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކަން ކުރައްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި، ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ސަރުކާރުގެ ފަރާތުން ފްރީ ޓްރޭޑް އެގްރީމަންޓުގައި ސޮއިކުރެއްވީ އޭނާ ކަމަށާއި އެ އެއްބަސްވުން މަރުނުވާ ކަމަށެވެ.
ސައީދު ވިދާޅުވީ ނަޝީދު ބައިނަލްއަގްވާމީ މީޑިއާގައި ދައްކަވާ ވާހަކަތަކީ އެމަނިކުފާނުގެ އަމިއްލަފުޅު ސިޔާސީ މަންފާތަކެއް ހާސިލްކުރެއްވުމަށް ދައްކަވަމުން ގެންދަވާ ވާހަކަފުޅު ތަކެއް ކަމަށެވެ.
އަދި އެ ވާހަކަތައް ކުށްވެރި ކުރެއްވުމަށް ސައީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ވެސް ގޮވާލައްވައިފައެވެ.
ފްރީ ޓްރޭޑް އެގްރީމަންޓަކީ ރާއްޖެއަށް އޮތް ނުރައްކަލެއް ކަމަށާއި މި ސަރުކާރުން އެ އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށް ނަޝީދު ވަނީ މީގެ ކުރިން ރޮއިޓާސްއަށް އަށް ދެއްވި އިންޓަވިއުއެއްގައި ވެސް ވިދާޅުވެފައެވެ.
ނަމަވެސް އޭރު ނަޝީދު ދެއްކެވި ވާހަކަތައް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ދޮގު ކުރައްވައިފައެވެ. ޝާހިދު ވިދާޅުވީ އެއްބަސްވުން އުވާލަން ނިންމާފައި ނުވާކަމަށާއި ފޮރިން މިނިސްޓްރީން އެ އެއްބަސްވުމާ ގުޅިގެން ކުރިއަށް ދާނީ ކަމާ ބެހޭ މާހިރުން އެ ދިރާސާކުރުމަށްފަހު ދެއްވާ ލަފާތަކެއްގެ މަތިން ކަމަށެވެ.