އެމެރިކާގެ ޕާޓީ ވާދަވެރިކަމުގެ ތެރެއިން ޓްރަމްޕް މަގާމު ދިފާއު ކުރައްވަނީ

ވޮޝިންޓަން (ޑިސެމްބަރު 14) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރުމަށްޓަކައި އޭނާގެ މައްޗަށް ކުރާ ދެ ތުހުމަތާ ގުޅޭ ރަސްމީ ލިޔުންތައް ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ޖުޑިޝަރީއާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

އެކޮމިޓީގެ މުގައްރިރު ޖެރޯލްޑް ނެޑްލާ ވިދާޅުވީ ދެން އެމައްސަލަ ދާނީ ހައުސްގެ ތަޅުމަށްކަމަށާ ހައުސްގައި ހިމެނޭ 535 މެންބަރުންގެ ތެރެއިން 270 އަށްވުރެ ގިނަ މެންބަރުންގެ އަޣްލަބިއްޔަތުން އެ ތުހުމަތުތަކަށް ރުހުން ލިބޭނެކަމުގެ ޔަގީންކަން އޮތް ކަމުގައެވެ.

އެމެރިކާގެ ޕާލަމެންޓް ކަމަށްވާ ކޮންގްރެސްގައި ތިރިގެ އަކާއި މަތިގެއެއް ހުންނައިރު ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ އަޣްލަބިއްޔަތު އޮތީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށެވެ. މަތިގެކަމަށްވާ ސެނެޓްގެ އަޣްލަބިއްޔަތު އޮތީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށެވެ. ރިޕަބްލިކަން ޕާޓީގެ މެންބަރުން ގެންދަވަނީ އެމެރިކާގެ ރައީސްކަމުގައި ހުންނަވައިގެން ޓްރަމްޕް ހައްދަވާ ގޯސްތަކަށް ބީރު ކަންފަތެއް ދެއްވައި ޓްރަމްޕް ދިފާއުކުރައްވަމުންނެވެ.

އެމެރިކާގެ ގާނޫނު އަސާސީގައި "އާޓިކަލް އޮފް އިމްޕީޗްމަންޓް" ގެ ނަމުން ނަންދީފައިވާ އެ ތުހުމަތުތަކުގައި ދެ މައްސަލައެއް ހިމެނެ އެވެ. ފުރަތަމަ މައްސަލައަކީ އެމެރިކާގެ ދާހިލީ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރާފަދަ ކަމެއް ކުރެއްވުމަށް ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒެލެނެސްކީގެ އަރިހުން ޓްރަމްޕް އެދިވަޑައިގެންނެވި މައްސަލަ އެވެ.

މިމައްސަލާގައި ޓްރަމްޕް ގެ މައްޗަށް ކުރެވިފައިވަނީ އެމެރިކާގެ ކުރިޔަށްއޮތް ރިޔާސީ އިންތިހާބުގައި އޭނާގެ ސިޔާސީ ވާދަވެރިއަކަށްވާނެ ކަމަށް ބެލެވިފައިވާ އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންގެ މައްޗަށް ތަހުގީގެއް ހިންގުމަށް ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒެލެނެސްކީގެ އަރިހުން އެދިވަޑައިގެންނެވި ކަމުގެ ތުހުމަތެވެ. މިގޮތުން ބައިޑެންގެ މައްޗަށް ތަހުގީގް ނުހިންގާނަމަ އެމެރިކާއިން ޔުކްރޭނަށް ދިނުމަށް ކޮންގްރެސް އިން ފާސްކޮށްފައިވާ އެހީ ނުދޭނެކަމުގެ ބިރު ޔުކްރޭންގެ ރައީސަށް ދެއްކެވި ކަމުގެ ތުހުމަތު ޓްރަމްޕްގެ މައްޗަށް ވަނީ ކުރެވިފަ އެވެ.

މިއީ ޓްރަމްޕަށް ލިބިފައިވާ އެމެރިކާގެ ރައީސްކަމުގެ ބާރާއި ނުފޫޒު ބޭނުންކުރައްވައިގެން އެމެރިކާގެ ދާހިލީ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގައި "އާޓިކަލް އޮފް އިމްޕީޗްމަންޓް" ގައިވަނީ ފާހަގަކޮށްފަ އެވެ.

ދެވަނަ މައްސަލައަކީ ޓްރަމްޕާ ދެކޮޅަށް ހައުސް އޮފް ރެޕްރެޒެންޓެޓިވް ގެ ސަބްކޮމިޓީތަކުން ކުރި ތަހުގީގުތަކަށް ޓްރަމްޕް ހުރަސްއެޅުއްވި ކަމުގެ ތުހުމަތެވެ. މިއީވެސް އެމެރިކާގެ ރައީސް ކަމުގެ ހައްސިއްޔަތުން ޓްރަމްޕަށް ލިބިފައިވާ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ އަމަލެއްކަމަށް "އާޓިކަލް އޮފް އިމްޕީޗްމަންޓް" ގައި ފާހަގަކޮށްފައިވެއެވެ. މި ދެ ތުހުމަތަކީވެސް އެކަން ސާބިތުވެއްޖެނަމަ އެމެރިކާގެ ރައީސްކަމުގެ މަގާމުން ޓްރަމްޕް އަޒުލުކުރެވޭފަދަ ނުރައްކާތެރި ދެ މައްސަލަ އެވެ. ހައުސްގެ ކޮމިޓީތަކުން ކުރި ތަހްގީގްތަކުގައި މިދެ މައްސަލަވަނީ ޓްރަމްޕް ގެ މައްޗަށް ސާބިތުވާ ވަރަށް ހެކި ލިބިފަ އެވެ.

މިދެ މައްސަލައިގެ ތުހުމަތުތައް ޓްރަމްޕްގެ މައްޗަށް ސާބިތު ކުރެވޭތޯ ބެލުމަށް ފަނޑިޔާރުންގެ ކޮމިޓީ އެއް އެކުލަވާލަންޖެހޭއިރު އެކޮމިޓީގެ ވެރިއަކަށް ހުންނަވާނީ އެމެރިކާގެ އުއްތަމަ ފަނޑިޔާރެވެ. އެމެރިކާގެ މިހާރުގެ އުއްތަމަ ފަނޑިޔާރަކީ ޖޯން ރޮބަޓްސް އެވެ.

ނަމަވެސް ފަނޑިޔާރުންގެ ކޮމިޓީ އެކުލަވާލެވޭނީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ އަގުލަބިއްޔަތު އޮންނަ ސެނެޓްގައި ހިމެނޭ 100 މެންބަރުންގެ ތެރެއިން މަދުވެގެން 67 މެންބަރުންގެ އަގްލަބިއްޔަތު އެކަމަށް ލިބިގެންނެވެ. ހައުސްގެ ތަޅުމުން "އާޓިކަލް އޮފް އިމްޕީޗްމަންޓް" ފާސްކޮށް ސެނެޓަށް ފޮނުވުމުން ފަނޑިޔާރުންގެ ކޮމިޓީ އެކުލަވާލުމަށް ސެނެޓްގެ ތަޅުމުގައި ވޯޓަށްއަހާނެ އެވެ.

ސެނެޓްގައި ތިއްބެވި ރިޕަބްލިކަން ޕާޓީގެ މެންބަރުންނަކީ ގާނޫނާއި ގަވައިދަށް ބެލުމެއްނެތި ހަމައެކަނި ޕާޓީގެ ރޫހަށް ރިއާޔަތް ކުރައްވާ ބޭފުޅުންނެވެ. އެބޭފުޅުން ތިއްބެވީ ޓްރަމްޕް ކުރައްވާ ކޮންމެ ކަމެއް ދިފާއު ކުރުމުގެ ރޫހުގައެވެ. އެހެންކަމުން ޓްރަމްޕްގެ މައްޗަށް ކުރެވިފައިވާ މި ދެ ތުހުމަތު ތަހްގީގްކޮށް ބެލުމަށް ބޭނުންވާ ފަނޑިޔާރުންގެ ކޮމިޓީ އެކުލަވާލުމަށް ބޭނުންވާ ތިން ބައިކުޅެ ދެބައި އަގުލަބިއްޔަތު ސެނެޓުން ލިބުމަކީ މުސްތަހީލް ކަމެކެވެ.

ޓްރަމްޕް މަގާމުން ދުރުކުރުމަށް ބޭނުންވާ ދެ ތުހުމަތު ހައުސްގެ ޖުޑިޝަރީއާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނީވެސް އެ ކޮމިޓީގައި ތިއްބަވާ ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ދެކޮޅު ހެއްދެވުންތަކާއެކުގައެވެ. ނަމަވެސް ހައުސް ގެ ޖުޑިޝަރީ ކޮމިޓީގެ އަގުލަބިއްޔަތު އޮތީ އިދިކޮޅު ޑިމޮކްރެޓުންނަށްކަމަށްވާތީ އެ ތުހުމަތުތައް ފާސްވީއެވެ.

މިއީ އެމެރިކާގެ ތާރީޚުގައި ރައީސަކު މަގާމުން ދުރުކުރުމަށް މަސައްކަތްކުރާ ތިންވަނަ ފަހަރެވެ. އެމެރިކާގެ ތާރީޚުގައިވެސް ކުށެއް ކުރައްވައިގެން ރައީސަކު މަގާމުން ދުރުކުރެވިފައިނުވާއިރު ކުށުގެ ތުހުމަތުގައި މަގާމުން ދުރުކޮށްފާނެ ކަމުގެ ބިރު ހީވެގެން އެމެރިކާގެ ކުރީގެ ރައީސެއްކަމަށްވާ ރިޗަޑް އެމް ނިކްސަން 1974 ވަނަ އަހަރު މަގާމުން އިސްތިއުފާ ދެއްވާފައިވެއެވެ.

ނިކްސަންގެ ކުރިން އެމެރިކާގެ ރައީސްކަން ކުރެއްވި އެންޑްރޫ ޖޯންސަން މަގާމުން ދުރުކުރުމަށްޓަކައި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ކޮމިޓީތަކުން އޭނާގެ މައްޗަށް ތަހްގީގް ހިންގައި އެ ތުހުމަތުތައް ހައުސްގެ ޖުޑިޝަރީއާބެހޭ ކޮމިޓީންނާއި ހައުސްގެ ތަޅުމުން 1868 ވަނަ އަހަރު ފާސްކުރިއެވެ. ނަމަވެސް ޖޯންސަންގެ މައްޗަށް ޝަރީއަތް ހިންގުމަށް ބޭނުންވާ ފަނޑިޔާރުންގެ ކޮމިޓީ އެކުލަވާލުމަށް ބޭނުންވާ ސެނެޓްގެ އަގުލަބިއްޔަތު ނުލިބުމުން އެމައްސަލަ ކުރިޔަށް ނުގެންގޮސް ހުއްޓާލަން ޖެހުނީއެވެ.

އަނެއްކޮޅުން މޮނިކާ ލުވިންސްކީ ނަމަކަށްކިޔާ ޒުވާން އަންހެން ކުއްޖަކާއެކު ވައިޓް ހައުސްގައި ބަދު އަޚްލާގީ އަމަލުތައް ހިންގެވި މައްސަލާގައި އެމެރިކާގެ ކުރީގެ ރައީސެއްކަމަށްވާ ބިލް ކްލިންޓަން ގެ މައްޗަށް ކުރެވުނު ތުހުމަތުތަކު ތަހްގީގް ހިންގައި އެ ތުހުމަތުތައް ފާސް ކުރުމުންވެސް ކަންދިމާވެފައިވަނީ މިފަދަ ގޮތަކަށެވެ. އެމައްސަލާގައި ކްލިންޓަންވަނީ ތަހްގީގަށް އޮޅުވާލުމަށްޓަކައި ދޮގު ހެއްދެވި ކަމަށްވެސް އެއްބަސްވެވަޑައިގެންފައެވެ. ދޮގު ހެއްދެވުމަކީވެސް އެމެރިކާގެ ރައީސްގެ ހައިޘިއްޔަތުން އޭނާ ކުރައްވާފައިވާ ހުވައާ ހިލާފު ކަމެކެވެ.

ނަމަވެސް ސެނެޓްގެ ތިން ބައިކުޅަ ދެބައި އަގްލަބިއްޔަތު ނުލިބުމުން އެކަންވެސް ކުރިޔަށް ގެންދެވޭގޮތް ނުވެ އެމައްސަލައިން ކްލިންޓަން ސަލާމަތްވެ ވަޑައިގަތީ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް