ވައިޓް އައިލެންޑުން ހަ މީހެއްގެ ހަށިގަނޑު ހޯދައިފި

ވައިޓް އައިލެންޑުން ހަ މީހެއްގެ ހަށިގަނޑު ހޯދާފައި ވަނީ ކަމާ ގުޅުން ހުރި މާހިރުން ގޮސް، ހަތަރު ގަޑި އިރު ތެރޭ -- ފޮޓޯ: އެންޒީޕޮލިސް

ވެލިންޓަން (ޑިސެމްބަރު 13): މިދިޔަ ހޯމަ ދުވަހު ނިއު ޒިލެންޑުގެ ވައިޓް އައިލެންޑު އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން މަރުވި ހަ މީހެއްގެ ހަށިގަނޑު އެގައުމުން ހޯދައިފި އެވެ.

ނިއު ޒިލެންޑުގެ ނޯތު އައިލެންޑާ 48 ކިލޯމީޓަރު ދުރުގައި ވަކިން އޮންނަ ވައިޓް އައިލެންޑު ފަރުބަދަ ގޮވީ، އެތަން ބަލާލުމަށް 47 ފަތުރުވެރިން ގޮސް ތިއްބަ އެވެ. އަދި އެދުވަހު 39 މީހަކު އެ ރަށުން ސަލާމަތް ކުރި ނަމަވެސް، ބާކީ އަށް މީހުން ހޯދޭ ގޮތެއް ނުވި އެވެ.

އޭގެ ފަހުން ވައިޓް އައިލެންޑުގައި ވިހަ ގޭސްތައް ފެތުރުމުގެ ސަބަބުންނާއި ފަރުބަދަ އަނެއްކާ ވެސް ގޮވާފާނެ ކަމުގެ ބިރު އޮތުމުން، އެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވަނީ ހުރަސް އެޅިފަ އެވެ. އަދި އެ އަށް މީހުން ދިރިހުއްޓާ ފެނުމުގެ އުއްމީދު ވަނީ ކަނޑާލާފަ އެވެ.

ނިއު ޒިލެންޑުގެ ވައިޓް އައިލެންޑް ފަރުބަދަ ގޮވީ ފަރުބަދަ ބަލާލުމަށް ފަތުރުވެރިންތަކެއް ގޮސް ތިއްބާ -- ފޮޓޯ: އޭއެފްޕީ

އެ އަށް މީހުންގެ ތެރެއިން ހަ މީހެއްގެ ހަށިގަނޑު އޮތް ތަނެއް ހޯދުމަށް ފަހު ނިއު ޒިލެންޑުގެ ޑިފެންސް ފޯސްއިން ވަނީ މިއަދު ކަމާ ގުޅޭ އަށް މާހިރުން ހެލިކަޕްޓަރަކުން ވައިޓް އައިލެންޑަށް ގެންގޮސްފަ އެވެ. އަދި ހަތަރު ގަޑި އިރު ތެރޭ އެ ހަ މީހުންގެ ހަށިގަނޑު ކަނޑުގެ ސިފައިންގެ ބޯޓަކަށް ލައިގެން ގެންގޮސްފަ އެވެ.

ޕޮލިސް ކޮމިޝަނާ މައިކް ބުޝް ވިދާޅުވި ގޮތުގައި ބާކީ ދެ މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު އޮތީ ކަނޑު އަޑީގައިކަން ވަނީ އެނގިފަ އެވެ. އަދި ޑައިވަރުން ދަނީ އެ ހަށިގަނޑު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަށް ވަނަ މީހާގެ ހަށިގަނޑު ވީތަނެއް އަދި ޔަގީންވެފައި ނުވެ އެވެ.

ވައިޓް އައިލެންޑު ގޮވި ހާދިސާގައި އިތުރު އަށް މީހަކު ވަނީ މަރުވެފަ އެވެ. އަދި 20 މީހަކު ވަރަށް ބޮޑަށް ފިހި، އެމީހުންނަށް ދަނީ އަދިވެސް އައިސީޔޫގައި ފަރުވާ ދެމުންނެވެ.

comment ކޮމެންޓް