މިއަހަރު އެންމެ ގިނަ ބަޔަކު ގޫގުލް އިން ހޯދީ ޝާހިދުގެ ކަބީރު ސިންހް

ޝާހިދު ކަޕޫރު ފެނިގެންދާ ކަބީރު ސިންގްގެ ފިލްމުން މަންޒަރެއް---

އަހަރު ނިމިގެންދާއިރު އިންޑިއާއިން އެންމެ ގިނަ ބަޔަކު ގޫގުލް އިން ހޯދި ފިލްމަކަށް ޝާހިދު ކަޕޫރުގެ ކާމިޔާބު ފިލްމު "ކަބީރު ސިންހް" ވެއްޖެ އެވެ.

ކަބީރު ސިންހް އާ އެންމެ ގާތުން ވާދަކުރަނީ އެވެންޖާސް: އެންޑްގޭމް އެވެ. ލިސްޓުގެ ތިންވަނާގައި ޖޯކާ ހިމެނުނު އިރު ކެޕްޓަން މާވެލް ހިމެނުނީ ލިސްޓުގެ ހަތަރު ވަނައިގަ އެވެ. މި އަހަރު ނުކުތް ރިތިކް ރޯޝަންގެ ސުޕަ 30 އޮތީ ލިސްޓުގެ ފަސް ވަނައިގަ އެވެ.

ކަބީރު ސިންހް އަށް ވަނީ 350 ކުރޯޑަށްވުރެ ބޮޑު އާމްދަނީ އެއް ލިބިފަ އެވެ. އެ ފިލްމަކީ ޝާހިދު ކަޕޫރުގެ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ޝޯގައި އެންމެ އާމްދަނީ ރަނގަޅު ވި ފިލްމެވެ. "ކަބީރު ސިންހް" އަކީ ތެލުގޫ ފިލްމު "އަރްޖުން ރެއްޑީ"ގެ ރީމޭކެކެވެ.
ކިއާރާ އަދްވާނީ އަންހެން ލީޑުން ފެންނަ އެ ފިލްމަކީ ޝާހިދުގެ ވަރަށް ތަފާތު ފިލްމެކެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހި ދިރިއުޅުން ކަޑައްތު ކުރަމުން އަންނަ މަންޒަރު ފިލްމުން ފެނިގެންދިޔައެވެ.

މަސްތުވާތަކެތީގެ މައި ދޮރަށް ޝާހިދު ވަންނަން މަޖުބޫރު ކުރުވި ކަންތައް ވެސް ފިލްމުން ވަނީ ފެނިފަ އެވެ.
ފިލްމުގައި ޝާހިދު ފެންނަނީ މެޑިކަލް ސްޓޫޑެންޓެއްގެ ދައުރުންނެވެ. އެ ފިލްމު ކުޅުމަށް ޝާހިދު ވަނީ 14 ކިލޯ ލުއި ކޮށްފަ އެވެ. ފިލްމުގައި ފެންނާނީ ލޯބި ވާ އަންހެން ކުއްޖާ ބޭވަފާތެރިވުމުން ކާމިޔާބު ޑޮކްޓަރެއްގެ ދިރިއުޅުން ބަނަ ވެގެން ދާ ގޮތެވެ.

comment ކޮމެންޓް