ސުޕްރީމް ކޯޓާއި ހައި ކޯޓަށް ރެޖިސްޓްރާއިން ހޯދަނީ

އޮކްޓޯބަރ 1، 2019: ސުޕްރީމް ކޯޓާއި ހައި ކޯޓު ހިމެނޭ ތީމުގެ: އެ ދެ ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރަރގެ މަގާމަށް މީހަކު ހޯދުމަށް ވަނީ އިއުލާނު ކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓަށް ރަޖިސްޓްރަރ އަކާއި ހައި ކޯޓަށް އަދި ސުޕްރީމް ކޯޓަށް ވެސް އެސިސްޓެންޓް ރަޖިސްޓްރަރ އެއް ހޯދުމަށް އިއުލާން ކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އިން މިއަދު ވަކި ވަކިން ކުރި ތިން އިއުލާނުގައިވާ ގޮތުން ރަޖިސްޓްރަރ އާއި އެސިސްޓެންޓް ރަޖިސްޓްރަރ އެދި ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 23 ވަނަ ދުވަހުގެ 13:30 ގައެވެ.

އިއުލާނުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރަރ އަށް މުސާރައާ އިނާޔަތުގެ ގޮތުގައި -/36،360ރ. ލިބޭނެއެވެ. އަދި އެތަނުގެ އެސިސްޓެންޓް ރަޖިސްޓްރަރ އަށް މުސާރައާއި އިނާޔަތުގެ ގޮތުގައި -/31،410ރ. ލިބޭއިރު ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރަރ އަށް ލިބެނީ -/26.620ރ. އެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރަރ އަށް ކުރިމަތިލުމުގެ ޝަރުތަކީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކަނޑައަޅާފައިވާ ޝަރުޠެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި ނުވަތަ އެދެކަމުގައި މަސައްކަތްކޮށް މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

އަނެއް ދެ މަގާމަށް އެދުމުގެ އަސާސީ ޝަރުތަކީ، ސުޕީރިއާ ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކަނޑައަޅާފައިވާ ޝަރުތެވެ. އޭގެއިތުރުން ޤާނޫނާއި އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށް ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި ނުވަތަ އެދެކަމުގައި މަސައްކަތްކޮށް މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހެއެވެ.

އެސިސްޓެންޓް ރަޖިސްޓްރަރ ގެ މައިގަނޑު މަސްއޫލިއްޔަތަކީ، ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގައި ރަޖިސްޓްރަރ އަންގާ ގޮތެއްގެ މަތީން އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި ރަޖިސްޓްރަރގެ މަސްޢޫލިއްޔަތު ޙަވާލުކުރެވިފައިވާ ޙާލަތްތަކުގައި އެ މަސްޢޫލިއްޔަތު އަދާކުރުން ވެސް ވަނީ ހިމަނާފަ އެވެ.

އެސިސްޓެންޓް ރަޖިސްޓްރަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ޤާބިލުކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއުއާއި ދެވޭ ޕްރެޓިކަލްޓެސްޓުން ކަމަށް ޑީޖޭއީއިން ވަނީ ބުނެފަ އެވެ.

އެސިސްޓެންޓް ރަޖިސްޓްރަރ އަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަން ޖެހޭނީ ޑީޖޭއީ އަށެވެ. އެ ފޯމް ޑީޖޭއީއިންނާއި އެތަނުގެ ވެބްސައިޓުން ވެސް ލިިބިން ހުންނާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް