ފަނޑިޔާރު ޣަނީ ވަކިކުރުމުން ހުސްވި މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އޮކްޓޯބަރު 1، 2019: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން، އަބްދުލްޣަނީ މުހައްމަދު ވަކިކުރުމާ ގުޅިގެން، ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ފަނޑިޔާރު އަބްދުލްޣަނީއާ ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި މައްސަލަތަކަށް ފަހު އޭނަ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ 64 މެންބަރުން ވޯޓާއެކު ޣަނީ ވަނީ ފަނޑިޔާރުކަމުން ވަކިކޮށްފަ އެވެ.

ޣަނީ ފަނޑިޔާރުކަމުން ވަކިކުރީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ.

އެހެންކަމުން އެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.

ޖޭއެސްސީން ކުރި އިއުލާނުގައި ބުނެފައި ވަނީ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހަކީ ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވާންޖެހޭނެ ކަމަށާއި އަދި ގާނޫނު އަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބީ މަގާމެއް ނުވަތަ ސިޔާސީ މަގާމެއް ފުރާ މީހަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ވެގެން ނުވާނެކަމަށް ވެސް އިއުލާނުގައިވެ އެވެ.

މީގެ އިތުރުން ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި އޮވެގެން ނުވާނެ ކަމަށާއި ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް، ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް، ނުވަތަ ޓެރަރިޒަމްގެ އަމަލެއް ކުރިކަމަށް ހުކުމްކުރެވި އެ ހުކުމް ވޭތުވެ ދިޔަ ހަތް އަހަރުގެ ތެރޭގައި ތަންފީޒުކޮށްފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ. އަދި ސާބިތު ދަރަންޏެއް އޮތް މީހެއް ނަމަ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރާ މީހަކަށް ވާންޖެހޭ ކަމަށްވެ އެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހަކީ އުމުރުން 30 އަހަރު ވެފައިވާ މީހަކަށް ވާންޖެހޭ ކަމަށާއި، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހޭ ކަމަށް އިއުލާނުގައިވެ އެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ ދެކަމުގައި ވެސް މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާހުރި މީހަކަށްވެސް ވާންޖެހެ އެވެ.

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ދީފައިވާ ސުންގަޑިއަކީ 17 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ.

ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މިވަގުތު ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެވެ.

comment ކޮމެންޓް