ފުވައްމުލަކު ހޮސްޕިޓަލުގައި ޑަޔަލިސިސް ޔުނިޓެއް ހުޅުވައިފި

ޏ. އަތޮޅު ހޮސްޕިޓަލުގެ ޑަޔަލިސިސް ޔުނިޓް ރަސްމީގޮތުން އިފްތިތަހް ކުރުން -- ފޮޓޯ/ރައީސް އޮފީސް

ޏ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސް ޔުނިޓެއް ހުޅުވައި އިއްޔެ ހިދުމަތް ދޭން ފަށައިފި އެވެ.

އެ ޔުނިޓު ހުޅުވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ފުވައްމުލަކު ހޮސްޕިޓަލުގައި އިއްޔެ ހުޅުވި ޑަޔަލިސިސް ޔުނިޓުގައި އެއްފަހަރާ ތިން ބަލި މީހުންނަށް ޑަޔަލިސިސް ހެދޭވަރަށް ވަސީލަތްތައް ވަނީ ގާއިމުކޮށްފަ އެވެ.

އެ ހޮސްޕިޓަލަށް މިހާރު ވެސް ދުވާލަކު އެވްރެޖުކޮށް 150 އާއި 200 އާއި ދެމެދުގެ އަދަދެއްގެ މީހުން ހިދުމަތް ހޯދަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެެވެ.

ޑަޔަލިސިސް ޔުނިޓު އިފްތިތާހްކޮށްދެއްވައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރައްޔިތުންނަށް އެންމެ މުހިންމުވާކަންކަން ފަހިކޮށްދެއްވުމަށް ސަރުކާރުން ވަރަށްބޮޑު އަހައްމިޔަތުކަމެއް ދެއްވާ ކަމަށާއި އަދި ވަކިން ހާއްސަކޮށް ސިއްހި ދާއިރާގެ ހިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމަށް މިހާރު ވެސް ބޮޑު ހޭދައެއް ކުރަމުންގެންދާ ކަމަށެވެ.

ޏ. އަތޮޅު ހޮސްޕިޓަލުގެ ޑަޔަލިސިސް ޔުނިޓް ރަސްމީގޮތުން އިފްތިތަހް ކުރުން -- ފޮޓޯ/ ހެލްތު މިނިސްޓްރީ

ހަމައެއާ އެކު މިފަދަ އާ ހިދުމަތްތައް ތައާރަފުކުރުމުގެ އިތުރުން ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ދުރާލާ ފިޔަވަޅު އެޅުމުގެ މުހިންމުކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

ނައިބު ރައީސް ވަނީ ފުވައްމުލަކު ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކާ ހިނިތުންވުމާ އެކު މުއާމަލާތްކުރުމަށާއި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ހޮސްޕިޓަލުގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ޑަޔަލިސިސް ޔުނިޓު އިފްތިތާހުކޮށްދެއްވުމުގެ އިތުރުން ނައިބު ރައީސް ވަނީ ޑަޔަލިސިސް ޔުނިޓާ ހޮސްޕިޓަލުގެ ބައެއް ތަންތަން ބައްލަވާލައްވވައިފަ އެވެ. އަދި ހޮސްޕިޓަލުން ހިދުމަތް ހޯދުމަށް ގޮސް ތިބި ބައެއް އާންމު ފަރާތްތަކާ ވެސް ބައްދަލުކުރެއްވި އެވެ.

އެ ރަސްމިއްޔާތަށް ފަހު އެމަނިކުފާނު ވަނީ ފުވައްމުލަކުގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ވެސް ބައްލަވާލައްވައިފަ އެވެ.

އަދި ފުވައްމުލަކުގެ މަގުހަދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެމަސައްކަތް ކުރިއަށްދާ ގޮތް ވެސް ބައްލަވާލެއްވި އެވެ.

comment ކޮމެންޓް