މިދިޔަ ހޯމަ ދުވަހު މއ. ޓޮމާޓޯގޭގެ ޓެރެސް މަތީގައި މަރުވެފައި އޮއްވާ ފެނުނީ ބިދޭސީ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.
ޓޮމާޓޯގޭގެ ޓެރެސް މަތީގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހޯމަ ދުވަހު ހެނދުނު 11:18 ހާއިރެވެ.
އެ މީހާ އަކީ ކާކުކަން އެނގިފައި ނުވާ ކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ. އެކަމަކު، މިއަދު ފުލުހުން ބުނީ އޭނާ އަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަން އެނގިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު ފެނުނު އިރު އަނގައިން ފޮނު އަރާފައިވާ ކަމަށެވެ. މީގެ ކުރިން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ މަރުވީ އޯވަޑޯސްވެގެންނެވެ.
މަރުވެފައި އޮތް މީހާ އަކީ އެގޭގައި ދިރިއުޅޭ މީހެއް ނޫންކަން ފުލުހުން ބެލިބެލުމުން އެނގިފައިވާ ކަމަށްވެސް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ.