ޓްރަމްޕް މަގާމުން ދުރުކުރުމުގެ ދެވަނަ މަރްހަލާ ފަށަން ތައްޔާރުވަނީ

ވޮޝިންޓަން (ނޮވެމްބަރ 9) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރުމަށް ޓަކައި އޭނާގެ މައްޗަށް ކުރާ ރަސްމީ ތުހުމަތުތަކުގެ ޑްރާފް ތައްޔާރުކޮށް ނިމުމުގެ މަގުމަތީގައިވާ ކަމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވްއިން ބުނެފިއެވެ.

ހައުސްގެ ޝަރުއީ ކަންތައްތަކާބެހޭ ކޮމިޓީގެ މުގައްރިރު ޖެރޯލްޑް ނެޑްލާ ވިދާޅުވީ ޓްރަމްޕްގެ މައްޗަށް ކުރާ ރަސްމީ ތުހުމަތުތަކުގެ ޑްރާފްޓް ތައްޔާރުކުރަނީ ހައުސްގެ ކޮމިޓީއަކުންކަމަށާ އެ ޑްރާފްޓް ފާސްކުރުމުން އެ ތުހުމަތުތައް ވެގެންދާނީ ޓްރަމްޕް މަގާމުން ދުރުކުރުމަށްޓަކައި އޭނާގެ މައްޗަށް ކުރާ ރަސްމީ ތުހުމަތުތައް ކަމުގައެވެ.

އެމެރިކާގެ ގާނޫނު އަސާސީގައި "އާޓިކަލް އޮފް އިމްޕީޗްމަންޓް"ގެ ނަމުން ނަންދީފައިވާ އެ ތުހުމަތުތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހައުސް އޮފް ރެޕްރެޒެންޓެޓިވް ގެ ތަޅުމަށް ކަމަށާ އެކަން މިހަފްތާ ނިމޭއިރު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ނެޑްލާ ވިދާޅުވިއެވެ.

އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އަޣްލަބިއްޔަތު އޮންނަ ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން އެ ތުހުމަތުތައް ފާސްކުރާނެކަމަށް ބެލެވިފައިވާއިރު ދެން އެ މައްސަލަ ދާނީ ސެނެޓަށެވެ. މިއީ ޓްރަމްޕް މަގާމުން ދުރުކުރުމުގެ ދެވަނަ މަރުހަލާއެވެ. އެއީ ޓްރަމްޕް މަގާމުން ދުރުކުރުމަށް އެކުލަވާލަންޖެހޭ ފަނޑިޔާރުންގެ ކޮމިޓީ އުފެއްދުމަށް ބޭނުންވާ ސެނެޓްގެ އަގުލަބިއްޔަތު ހޯދުމަށެވެ. ފަނޑިޔާރުންގެ އެ ކޮމިޓީގައި އިސްކޮށް ހުންނަވާނީ އެމެރިކާގެ އުއްތަމަ ފަނޑިޔާރެވެ. ފަނޑިޔާރުންގެ ކޮމިޓީ އެކުލަވާލުމަކީ ޓްރަމްޕް މަގާމުން ދުރުކުރުމުގެ ތިންވަނަ މަރުހަލާއެވެ.

ފަނޑިޔާރުންގެ ކޮމިޓީ އެކުލަވާލެވޭނީ އެކަމަށް ސެނެޓްގެ ތިންބައިކުޅަ ދެބައި ގެ އަގުލަބިއްޔަތު ލިބިގެންނެވެ. ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ އަގުލަބިއްޔަތު އޮންނަ ސެނެޓުން، ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތު ނުލިބޭނެކަމީ ގާތްގަނޑަކަށް ކަށަވަރު ކަމެކެވެ.

ޓްރަމްޕްގެ މައްޗަށް ކުރާ ރަސްމީ ތުހުމަތުތައް ހައުސް އޮފް ރެޕްރެޒެންޓެޓިވްއިން ފާސްކުރި ނަމަވެސް ސެނެޓްގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތު ނުލިބި ޓްރަމްޕް މަގާމުން ދުރުކުރުމުގެ ދެވަނަ މަރުހަލާ ކުރިޔަށް ގެންދެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

ޓްރަމްޕް މަގާމުން ދުރުކުރުމުގެ ތަހްގީގުތައް ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ފަށާފައިވަނީ ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕްގެ ސިޔާސީ ވާދަވެރިއަކަށްވާނެ ކަމަށް ބެލެވިފައިވާ އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން ގެ މައްޗަށް ތަހުގީގެއް ހިންގުމަށް ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒެލެނެސްކީގެ އަރިހުން އެދިވަޑައިގެންނެވި ކަމަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެންނެވެ.

މިއީ ޓްރަމްޕަށް ލިބިފައިވާ އެމެރިކާގެ ރައީސްކަމުގެ ބާރާއި ނުފޫޒު ބޭނުންކުރައްވައިގެން އެމެރިކާގެ ދާޚިލީ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ހިންގުންކަމަށްވަނީ ބެލެވިފައެވެ.

މި މައްސަލާގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ޝަރުއީ ކަންތައްތަކާބެހޭ ކޮމިޓީން ކުރި ތަހުގީގުތަކުންވަނީ ޓްރަމްޕްގެ އަމިއްލަ ސިޔާސީ މަސްލަހަތު ހުރިކަމެއްގައި ޔޫކްރެއިންގެ ރައީސް ޒެލެނެސްކީއަށް ފިއްތުންތައް ކުރިމަތިކޮށްގެން އޭނާ ލައްވައި ވަކިކަމެއް ކުރުވުމަށް އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ލިބިފައިވާ ބާރާ އަދި އެމެރިކާގެ އަސްކަރީ އެހީގެ ބޭނުންވެސް ކުރައްވާފައިވާކަން ޓްރަމްޕްގެ މައްޗަށް ސާބިތުވާކަމަށް ނިންމައި ރިޕޯޓު ތައްޔާރުކޮށްފައެވެ.

ޓްރަމްޕްގެ މައްޗަށް ރަސްމީ ތުހުމަތުތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރިޔަށްގެންދަނީ ހައުސްގެ ތަހުގީގުތަކުން މިކަން ސާބިތުވެފައިވާތީއެވެ. މީގެ އިތުރުން މިމައްސަލައިގެ ތަހުގީގުތައް ކުރިޔަށް ގެންދިޔައިރު އެކަމަށް ހުރަސް އެޅުމަށް އެމެރިކާގެ ރައީސްއަށް ލިބިފައިވާ ބާރާއި ނުފޫޒުގެ ބޭނުން ކުރެއްވިކަމުގެ ތުހުމަތުވެސް ޓްރަމްޕުގެ މައްޗަށް ސާބިތުވާކަމަށް ހައުސްގެ ޝަރުއީ ކަންތައްތަކާބެހޭ ކޮމިޓީން ތައްޔާރުކުރި ތަހުގީގު ރިޕޯޓުގައި ވެއެވެ.

މިކަން މިގޮތަށް އޮތްއިރު ސެނެޓުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތު ލިބިގެން ފަނޑިޔާރުންގެ ކޮމިޓީއެއް އެކުލަވާލެވިއްޖެނަމަ އެ ކޮމިޓީން އެ ރިޕޯޓުގެ އަލީގައި ޓްރަމްޕް މަގާމުން ދުރުކުރަންޖެހޭކަމަށް ނިންމުމަށް ނަގާނީ އެންމެ ތިން ގަޑިއިރުކަމަށް ހައުސްގައި އިސްކޮށް ހަރަކާތްތެރިވާ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ދެކެވަޑައިގަންނަވައެވެ.

ވައިޓްހައުސްއިން ވަނީ ހައުސްގެ ޝަރުއީ ކަންތައްތަކާބެހޭ ކޮމިޓީގެ ތަހުގީގުތަކާ ބެހޭ ރިޕޯޓު ހުށަހެޅުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހާޒިރުވެ ވަޑައިނުގަންނަވާނެކަން އެ ކޮމިޓީއަށް އަންގާފައެވެ. އަދި ޓްރަމްޕުގެ މައްޗަށް ކޮށްފައިވަނީ އަސާސެއް ނެތްކަމެއްގެ ތަހުގީގުތަކެއް ކަމަށްވެސް ވައިޓްހައުސްއިން ވަނީ ސިފަކޮށްފައެވެ. ޓްރަމްޕުވެސް ވަނީ މި މޭރުމުން ވާހަކަ ދައްކަވާފައެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް