ކޮރަޕްޝަނާ ދެކޮޅަށް ކަމާގުޅޭ މުއައްސަސާތަކުގެ މަސައްކަތް ހަރުދަނާ ކުރަންޖެހޭ: ޝިއުނާ

އޭސީސީގެ ރައީސް މަރްޔަމް ޝިއުނާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ގެއްލިގެންދާ ހައްގުތަކާއި މުދަލާއި ފައިސާއަށް އެކަށީގެންވާ އިންސާފު ހޯދުމުގައި ކަމާ ގުޅުންހުރި މުއައްސަސާތަކުގެ މަސައްކަތް އިތުރަށް ހަރުދަނާކުރަން ޖެހޭކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ޝިއުނާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރޭ ބިތުފަންގި ބުލެޓިންގެ ހާއްސަ އަދަދަށް ދެއްވި ހިތޯބުގައެވެ.

ޝިއުނާ ވިދާޅުވީ ފަސާދައިގެ އަމަލުތަކުގެ ސަބަބުން، ވަކި ދާއިރާއެއް ނުވަތަ ވަކި ފަރާތެއް އިސްތިސްނާވުމެއް ނެތި އެކަމުގެ ނޭދެވޭ އަސަރު ކުރާކަމީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށެވެ.

އަދި ރާއްޖޭގައި ފަސާދައިގެ އަމަލުތައް ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނަކުން ވަކި މުއައްސަސާއެއް ކަނޑައަޅަފައި ވީނަމަވެސް، މި މުއައްސަސާތަކުގައި އޭސީސީއާއެކު އެއް ވިސްނުމެއްގައި ކޮރަޕްޝަންގެ އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާނެ ފަރުދުން ބޭނުންވާ ކަމަށެވެ.

ޝިއުނާ ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތަކަށް ޖާގަ ނުދިނުމަށް ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން އަޒުމު ކަނޑައަޅަންޖެހޭ ކަމަށާއި އަދި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ގެއްލިގެންދާ ހައްގުތަކާއި މުދަލާއި ފައިސާއަށް އެކަށީގެންވާ އިންސާފު ހޯދުމުގައި ކަމާ ގުޅުންހުރި މުއައްސަސާތަކުގެ މަސައްކަތް އިތުރަށް ހަރުދަނާކުރެވެން ޖެހޭ ކަމަށެވެ.

"ޖުމްލަކޮށް މުޅި ނިޒާމު އެކީގައި އެއް ވިސްނުމެއްގައި މަސައްކަތްކުރެވެން ޖެހެއެވެ،" ޝިއުނަ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ ގިނަ ބަޔަކު ފަހުރުވެރިވާ މަސައްކަތެއް ނަމަވެސް، މަދު ބަޔަކު އެ މަސައްކަތަށް ނަފްރަތުކުރާ ކަމަށެވެ. މިގޮތުން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް ފާޑުކިޔުންތައް އަމާޒުވާކަން ޝިއުނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ އޭސީސީއަށް ފާޑުކިޔުން އަމާޒުވާ މައިގަނޑު ސަބަބަކީ ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދެވިގެން ނުދިއުން ނުވަތަ އެފަދަ ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވެގެން ދާތީ ކަމަށެވެ.

އެހެންކަމުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި އެކަށީގެންވާ ނަތީޖާއެއް ފެންނަން ޖެހޭކަން ޝިއުނަ ފާހަގަކުރެއްވިއެވެ.

"އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު އިންސާފުވެރި ޝަރީއަތެއްކޮށް އަދަބު ދެވެން ޖެހެއެވެ. ދައުލަތަށް ގެއްލިގެންދާ މުދަލާއި ފައިސާ އެއްވެސް ޝަރުތެއް ނެތި ދައުލަތަށް އަނބުރާ ލިބެންޖެހެއެވެ." ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ އޭސީސީން ގަބޫލުކުރާ އިންސާފަކީ އެއީ ކަމަށެވެ.

ހިތާބުގައި ޝިއުނާ ވަނީ ގައުމުގެ ތަފާތު ދާއިރާތަކުގައި އެކި ފެންވަރުގައި ޒިންމާ އުފުލަން މާދަމާ ތިބޭނީ މިއަދުގެ ދަރިވަރުންކަން ފާހަގަކުރައްވައި އެންމެ ތުއްތު އުމުރުފުރައިން ފެށިގެން ތައުލީމީ ހަޔާތް ނިމި މުޖުތަމައުގެ ތެރެއަށް ނުވަތަ ވަޒީފާގެ މާހައުލަށް ނުކުތުމުގެ ކުރިން ކޮންމެ ދަރިވަރަކީވެސް ނަޒާހަތްތެރި ދަރިވަރަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ.

ދަރިންނަކީ ނަޒާހަތްތެރި ބަޔަކަށް ހެދުމުގައި މައިންބަފައިންގެ އިތުރުން މުދައްރިސުންގެ ޒިންމާ ބޮޑުކަން ޝިއުނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް