ކޮރަޕްޝަނުގެ ސަބަބުން ގާނޫނުގެ ވެރިކަން ނެތިކޮށްލާ: އަޒްމިރަލްދާ

ސުޕްރީމްކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރު --- ފޮޓޯ/ ރައީސް އޮފީސް

ކޮރަޕްޝަނަކީ ގައުމުގެ އެތެރޭގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށާއި އެއީ އަދުލު އިންސާފުގެ ހަމަތައް ގެއްލި ގާނޫނުގެ ވެރިކަން ނެތިކޮށްލާ ކަމެއް ކަމަށް ސުޕްރީމު ކޯޓުގެ ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އެންޓިކޮރަޕްޝަން ދުވަހާއި ގުޅުވައިގެން އޭސީސީ އިން ނެރޭ ހާއްސަ ބުލެޓިން އަށް ދެއްވި ހިތޯބުގައި އަޒްމިރަލްދާ ވިދާޅުވީ ކޮރަޕްޝަނަކީ ޖުމްހޫރިއްޔަތު ބަލިކަށިކޮށްލައި، މުޖުތަމައުގެ ސަމާލަތާއި ރައްކާތެރިކަން ނެތިކޮށްލާ ކަމެއް ކަމަށެވެ.

"އޭގެ ސަަބަބުން އެހެން ކުށްތައް މުޖުތަމައު ތެރޭ އާންމުވެ، ތަރައްގީގެ ދުވެލި މަޑުޖެހުމުގެ ސަބަބެއްކަމުގައި ކޮރަޕްޝަން ވެގެންދޭ. ކޮރަޕްޝަނުގެ މި ނުބައި ވަބާ ގައުމުން ނެތިކޮށްލުމަށްޓަކާ ފަރުދީގޮތުންނާއި ދައުލަތުގެ ފެންވަރުގައި ގައުމުގެ އެންމެހައި ފަރުދުން އެއްބައިވެ، އެއް އަމާޒަކަށް ވާސިލްވުމަށްޓަކާ މަސައްކަތްތަކެއް ކުރަންޖެހޭ،" އަޒްމިރަލްދާ ވިދާޅުވި އެވެ.

އަޒްމިރަލްދާ ފާހަގަ ކުރެއްވި ގޮތުގައި އިންސާނީ ވަސީލަތްތައް ފަސޭހަވެ، ފުރިހަމަވަމުންދާ ވަރަކަށް، ކޮރަޕްޝަނުގެ ނުބައި ވަބާ އާއި ކުރިމަތިލާންޖެހިފައިވުމަކީ ބައިނަލްއަގުވާމީ މުޅި މުޖުތަމައަށްވެސް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށެވެ. އެންޓިކޮރަޕްޝަން ދުވަހެއް ފާހަގަ ކުރަނީވެސް މި ވަބާއާ ދެކޮޅަށް މަސައްކަތްް ކުރުމަށްކަން އަޒްމިރަލްދާ ފާހަގަ ކުރެއްވި އެވެ.

ކޮރަޕްޝަން އިތުރުވުމަކީ ގައުމީ ތަރައްގީއަށް އޮތް ހުރަހެއްކަން ފާހަގަ ކުރައްވާ އަޒްމިރަލްދާ ވިދާޅުވީ ކޮރަޕްޝަނުގެ ސަބަބުން ގައުމުގެ ދާހިލީ ހަމަނުޖެހުން ގެއްލުމުގެ އިތުރުން ސީދާގޮތުންނާއި ނުސީދާ ގޮތުން ގައުމުގެ ތަރައްގީއަށް ހުރަސްއެޅޭ ކަމަށެވެ. ކޮރަޕްޝަން އިތުރުވާ ވަރަށް މާލީ ގޮތުންނާއި އިގްތިސާދީ ގޮތުން ގައުމަށް ގެއްލުން ލިބޭކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް