ނިއު ޒިލެންޑުގެ އަލިފާން ފަރުބަދައެއް ގޮވައި، ފަސް މީހަކު މަރުވެއްޖެ

ނިއު ޒިލެންޑުގެ ވައިޓް އައިލެންޑް ފަރުބަދަ ގޮވައި، ފަސް މީހަކު ވަނީ މަރުވެފަ -- ފޮޓޯ: އޭއެފްޕީ

ވެލިންޓަން (ޑިސެމްބަރު 9): ނިއު ޒިލެންޑުގެ އަލިފާން ފަރުބަދައެއް މިއަދު ގޮވައި، ފަސް މީހަކު މަރުވެއްޖެ އެވެ.

ނިއު ޒިލެންޑުގެ ނޯތު އައިލެންޑާ 48 ކިލޯމީޓަރު ދުރުގައި އޮންނަ ވައިޓް އައިލެންޑު ފަރުބަދަ ގޮވީ، އެތަން ބަލާލުމަށް ފަތުރުވެރިން ގޮސް ތިއްބަ އެވެ.

ފުލުހުން ބުނި ގޮތުގައި އެގައުމުގެ ގަޑިން 14:11ގައި އެ ފަރުބަދަ ގޮވި ވަގުތު ވައިޓް އައިލެންޑުގައި ގާތްގަނޑަކަށް 50 މީހަކު ތިބި ކަމަށް ބެލެވެ އެވެ. އޭގެ ތެރެއިން 20 މީހުންނަކީ އޮސްޓްރޭލިއާގެ ފަތުރުވެރިން ކަމަށާއި 23 މީހަކު މިހާރު ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ވައިޓް އައިލެންޑް ގޮވީ، ފަރުބަދަ ބަލާލަން މީހުން ގޮސްތިއްބާ -- ފޮޓޯ: އަލްޖަޒީރާ

ވައިޓް އައިލެންޑުން މީހުން ސަލާމަތް ކުރުމުގައި ފުލުހުންގެ އިތުރުން ސިފައިންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ފަރުބަދަ ގޮވުމުން ވިހަ ގޭސް ބޭރުވެ، އަޅި ފޭބުމުގެ ސަބަބުން އެ މަސައްކަތަށް ހުރަސް އެޅެމުންދާ ކަމަށް އޮފިޝަލުން ބުންޏެވެ. އަދި މިހާރު ސަލާމަތް ކުރި މީހުންގެ ތެރެއިން ފަސް މީހަކު މަރުވެފައިވާ ކަމަށާއި ބައެއް މީހުން ފިހި، ސީރިއަސް އަނިޔާ ލިބިފައިވާތީ މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ފަރުބަދަ ގޮވުމުގެ ސަބަބުން ނޯތު އައިލެންޑަށް އޭގެ އަސަރެއް ނުކުރާނެ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

ވައިޓް އައިލެންޑް ފަރުބަދަ ވަނީ 2016 ވަނަ އަހަރުވެސް ގޮވާފަ އެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި އެފަރުބަދަ ގޮވުމުގެ ސަބަބުން މީހަކަށް އަނިޔާވެފައި ނުވެ އެވެ.

comment ކޮމެންޓް