ބްރޯޑްކޮމްގައި ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ޝަހީބު އަދި ކުރީގެ ނައިބު ރައީސާ ފާތިމަތު ޒައިނާ -- ފޮޓޯ/ ބްރޯޑްކޮމް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރުކަމަށް ކުރިމަތިލުމަށްް އަނެއްކާވެސް ހުޅުވާލައިފި އެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް ފާތުމަތު ޒައިނާ ރައްޔިތުންގެ މަޖިލީހުން ވަކިކުރުމާ ގުޅިގެންނެވެ. މިއީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ދެވަނަ ފަހަރެވެެ.

މީގެ ކުރިން އެ މަގާމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ މީހުންގެ ނަންތައް މަޖިލީހަށް ފޮނުވި ނަމަވެސް، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެއްވެސް ނަމެއް ފާހެއް ނުވި އެވެ.

ރައީސް އޮފީހުން އެ މަގާމަށް ދެވަނަ ފަހަރަށް ހުުޅުވާލީ މިއަދުން ފެށީގެން އަންނަ ހަފްތާގެ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށެވެ.

ބްރޯޑްކޮމްއަށް އައްޔަނުކުރާ މީހާއަކީ އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށް ވާންޖެހެ އެވެ. އަދި އެމީހަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެ ދިޔަ ފަސް އަހަރު ޝަރީއަތަށް ސާބިތުވެފައިނުވާ، ގާނޫނު އަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވިފައިވާ މަގާމެއްގައި ހުރި ފަރާތަކަށް ވެގެން ނުވާނެ އެވެ.

މީގެ އިތުރުން ސިވިލް ސާވިސް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ މީހުންނަށާއި ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަސްލަހަތު އޮތް މީހުންނަށް އެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

ބްރޯޑްކޮމް އިން މީގެ ކުރިން ޖުމްލަ ހަތަރު މެމްބަރެއްގެ މަގާމު ހުސްވި އެވެ. އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ މަގާމަށް އައްޔަން ކޮށްފަ އެވެ. އެއީ ޕީއެސްއެމްގެ ކުރީގެ ބޯޑު މެމްބަރު އަދި ޕްރެޒެންޓާ، މަރިޔަމް ވަހީދާ އާއި ރާއްޖެ ޓީވީގެ ކުރީގެ ނިއުސް ހެޑް އަލީ ޔޫސުފު އަދި އެމްޑީޕީ އެކްޓިވިސްޓް އަހްމަދު ގައިސް އެވެ. އޭގެ ތެރެއިން މަރިޔަމް ވަހީދާ މިހާރު ވަނީ އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަން ކޮށްފަ އެވެ. އަދި ނައިބަކަށް ވަނީ ގައިސް ހަމަޖައްސައިފަ އެވެ.

އެ ތިން މެމްބަރުންގެ އިތުރުން ދެން ބްރޯޑްކޮމްގެ މެމްބަރުންގެ ގޮތުގައި ތިއްބަވަނީ އަހްމަދު އަމްޖަދާއި، ޒީނާ ޒާހިރު އަދި އައިމިނަތު ސަހާރަތު އިއްޒަތެވެ.

comment ކޮމެންޓް