ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކުރަން މިފަހަރު ޖަރުމަނު ނޫސްވެރިން

ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާ ކުރުމަށް އައި ޖަރުމަނު ނޫސްވެރިން -- ފޮޓޯ: އެމްއެމްޕީއާރުސީ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ އިން މިއަހަރު ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފޭމް ޓްރިޕްތަކުގެ 20 ވަނަ ދަތުރުގައި ޖަރުމަނުގެ ނޫސްވެރިންތަކެއް ރާއްޖެ އަތުވެއްޖެ އެވެ.

މިއީ ފޭމްޓްރިޕްތަކުގައި ޖަރުމަނުގެ ނޫސްވެރިން ބައިވެރިވާ ތިންވަނަ ފަހަރެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މި ދަތުރުގައި ބައިވެރިވާ ނޫސްވެރިންނަކީ އޮސްޓްރިއާ، ސްވިޒަލެންޑް އަދި ޖަރުމަނުގެ ނޫސްތަކަށް ލިޔާ ސީނިޔާ ނޫސްވެރިންތަކެއް ކަމަށެވެ. އެގޮތުން ޖަރުމަނުގެ ރުހް ނަހްރިކްޓެން، މެއިން ޕޯސްޓް، ފުލްޑާރް ޓެއިޓުންގް އަދި އޮސްޓްރިއާގެ ރެއިސް ޓިޕް އަދި ސްވިޒަލެންޑްގެ މިގްރޯޒް މެގަޒިންގެ ނޫސްވެރިން ކަމަށެވެ.

"ޑިސްކަވާ އަ ބްރޭންޑް ނިއު ލަގްޒަރީ އެކްސްޕީރިއަންސް" ގެ ނަމުގައި ކުރިއަށްގެންދާ މި ފޭމް ޓްރިޕްގެ ބައިވެރިން ތިބޭނީ ޔޫ އެންޑް މީ ބައި ކޮކޫން މޯލްޑިވްސް އަދި ރެޒިޑެންސް މޯލްޑިވްސް ދިގުރަށުގެ އިތުރުން ޕުލްމަން މާމުޓާގައެވެ.

މި ރިސޯޓުތަކުން ދަތުރުގެ ބައިވެރިންނަށް ހާއްސަ ހަރަކާތްތައް ކުރިއަށްގެންދާނެެއެވެ. އެގޮތުން ރިސޯޓުގެ ރެސްޓޯރެންޓު ތަކުން ތަފާތު ރަހަތައް ތަޖުރިބާ ކުރުމުގެ ފުރުސަތާއި ސްޕާ ޓްރީޓްމެންޓް އަދި ޑޮލްފިން ކްރޫޒް ފަދަ ހަރަކާތްތައް ކުރިއަށްގެންދާނެއެވެ.

ޖަރުމަނަކީ ރާއްޖެއަށް ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. ޖަރުމަނުގެ މާކެޓަށް ހާއްސަކޮށްގެން އެމްއެމްޕީއާރުސީ އިން މިއަހަރު ވަނީ މާކެޓިންގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބޫޓް ޑުސަލްޑޯފް ފެއާ އާއި އައިޓީބީ ބާލިން އަދި ޒިއުރިކް ފެސްޕޯ ފެއާގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް