ގޮޅަރިހަ ކައްކައިގެން މުޅި ލާމު މާކެއުމަކަށް!

ގޮޅަރިހަ ކޭން ނަމުގައި ކުރިއަށް ދިޔަ އިވެންޓުގެ ދަށުގައި ލ. ފޮނަދޫގައި ގޮޅަރިހަ ކެއުމަށް ތައްޔާރުވެފައި --- ފޮޓޯ : ލާމު ޓުއާ

ލ. އަތޮޅަށް ހާއްސަވާ ގިނަ ކަންތައްތަކެއް ހުރެ އެވެ. ބޮޑެތި ކުޅިތަކާއި ފެންގަނޑުން ފެށިގެން ހަވިއްތަތަކަކީ، ލ. އަތޮޅު އެހެން އަތޮޅުތަކާ ތަފާތުވާ ކަންތައްތަކެވެ. ނަމަވެސް އެހުރިހާ ކަމުގެ އިތުރުން ސީދާ ލ. އަތޮޅަށް އެންމެ ހާއްސަވާ ކަމަކީ ލ. އަތޮޅުގެ ގޮޅަރިހަ އެވެ. ލ. އަތޮޅު ޕްރޮމޯޓުކުރުމަށްޓަކައި މި ފަހަރު ބޭނުންކުރީ މި އަތޮޅަށް މަޝްހޫރު ގޮޅަރިހަ އެވެ. ގޮޅަރިހައިގެ ލޯބި އަތޮޅުން ދައްކާލާފައިވަނީ މުޅި އަތޮޅުގައި ގޮޅަރިހަ ކެއުމުގެ އިވެންޓެއް އެކީގައި ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ބާއްވައިގެންނެވެ.

"ގޮޅަރިހަ ކޭން" ނަމުގައި އިއްޔެ ކުރިއަށް ގެންދިޔަ އިވެންޓަކީ ލ. އަތޮޅުގެ ޕްރޮމޯޓް ކުރަން ހާއްސަ، "ލާމު ޓުއާސް" އިން ރާވައިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔަ އިވެންޓެކެވެ.

ގޮޅަރިހަ --- ފޮޓޯ : ލާމު ޓުއާ

ލާމު ޓުއާސްގެ ފައުންޑާ އަބްދުﷲ ފައިސަލް "ސަން"އަށް ވިދާޅުވީ ލާމު ޓުއާގެ ގައިޑުން ލ. އަތޮޅުގެ ކޮންމެ ރަށެއްގައިވެސް ތިބޭ ކަމަށެވެ. އަދި ލ. އަތޮޅު އިތުރަށް ޕްރޮމޯޓުކުރުމުގެ ގޮތުން ހުރިހާ ރަށެއްގެ ކައުންސިލުތަކާއި އަންހެނުން ކުރިއަރުވާ ކޮމިޓީތަކުން ގުޅިގެން ހުރިހާ ރަށެއްގައި ގޮޅަރިހަ ކެއްކުމުގެ އިވެންޓެއް ކުރިއަށް ގެންދިޔުމަށް ނިންމީ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ލ. ފޮނަދޫގައި ގޮޅަރިހަ ކެއުމުގެ އިވެންޓަށް ތައްޔާރުވެފައި --- ފޮޓޯ : ލާމު ޓުއާ

މި އިސްނެގުމަށް ލާމުގެ ހުރިހާ ރަށަކުންވެސް ލިބިގެން ދިޔައީ ހީކުރިވަރަށްވުރެ ބޮޑު ތަރުހީބެކެވެ. ލ. އަތޮޅުގެ ރަށްތައް ޕްރޮމޯޓުކުރުމަށް ހުރިހާ ރަށަކުންވެސް ވަރަށް ފޯރިއާއެކު މަސައްކަތް ފެށި އެވެ.

އެންމެފަހުން އިއްޔެ ވަނީ ގޮޅަރިހަ އިވެންޓު ލ. އަތޮޅުގެ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ކުރިއަށް ގެންގޮސްފަ އެވެ. އެ އިވެންޓު ވެގެން ދިޔައީ މުޅި އަތޮޅުގެ ފަހުރެއް ކަމަށްވާ ގޮޅަރިހަ ޕްރޮމޯޓުކޮށްލުމުގެ ވަރަށް ބޮޑު ރަނުގެ ފުރުސަތަކަށެވެ.

"އިއްޔެ މެންދުރު ހުރިހާ ރަށެއްގައި ކުރިއަށް ދިޔައީ. ހުރިހާ ރަށެއްގެ އަތިރިމަތީގައި މި ހަރަކާތް ކުރިއަށް ދިޔައީ. ރަށްތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު އިވެންޓަށް. ވަރަށް ގިނަ ބަޔަކު ގުޅިގެން މި މަސައްކަތް ކުރިއަށް ދިޔައީ،" ފައިސަލް އިތުރަށް ފާހަގަކުރެއްވި އެވެ.

ޓުއަރިސްޓެއް ގޮޅަރިހައިގެ އަޖުމަ ބަލާލަނީ --- ފޮޓޯ : ލާމު ޓުއާ

ލާމު ޓުއާގެ މެމްބަރެއް ކަމަށްވާ ހަސަން މޫސާ ވިދާޅުވީ އެ އިވެންޓް ކޮންމެ ރަށެއްގައި ވެސް ކުރިއަށް ގެންދިޔައީ ވަރަށް ޖޯޝާއި ފޯރިއާ އެކުގައި ކަމަށެވެ. އެގޮތުން ހިތަދޫ އާއި މާމެންދޫ ފަދަ ރަށްތަކުގައި އެ އިވެންޓުގެ ފޯރި އިތުރަށް ގަދަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އިވެންޓަށް އެހެން އަތޮޅުތަކުން ވެސް ބޮޑު ސަމާލުކަމެއް ލިިބިގެން ދިޔަކަން ފައިސަލް ފާހަގަކުރި އެވެ.

ގޮޅަރިހަ ހެދުމުގައި ބަވެރިވި ފަރާތެއް އެ މަސައްކަތް ކުރާގޮތް ކިޔައިދޭ ވީޑިއޯ އެއް ވަނީ ލާމު ޓުއާ އިން އިއްޔެ ޕޯސްޓުކޮށްފަ އެވެ. އެ ޕޯސްޓަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 25،000 އަށްވުރެ ގިނަ ބަޔަކު ލައިކް ދިނުމަކީ ގިނަ ބަޔަކު ގޮޅަރިހައަށް ހުރި ސަމާލުކަން އަންގައިދިން ކަމެކެވެ.

ލ. އަތޮޅުގައި ގޮޅަރިހައަށް އޮންނަނީ ވަރަށް ބޮޑު ލޯތްބެކެވެ. އެގޮތުން ގޮޅަރިހައަށް ހާއްސަ ލަވައެއް ވެސް ލ. އަތޮޅުން ވަނީ ތައްޔާރުކޮށްފަ އެވެ.

ފައިސަލް ބުނީ، އެ ހަރަކާތް ކުރިއަށް ގެންދިޔުމުގައި ކައުންސިލުތަކުންނާއި އަންހެނުން ކުރިއަރުވާ ކޮމިޓީތަކުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށް ފައިސަލް ބުންޏެވެ.

comment ކޮމެންޓް