މާލެއާއި އަތޮޅުތެރޭގައި މިނިމަމްވޭޖުގެ ފަރަގެއް އޮތުން ރަނގަޅު: ޑރ. އަލީ ޝަމީމް

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލަޔާސް

މާލެއާއި އަތޮޅުތެރޭގައި ދިރިއުޅުމުގެ ފެންވަރާއި ޚަރަދުތަކުގައި ތަފާތު ހުރުމުން، ސިވިލް ސާވިސްގެ މިނިމަމްވޭޖު ކަނޑައަޅާއިރު މާލެ ސަރަހައްދާއި އަތޮޅުތެރޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެ ކުޑަ އުޖޫރައިގައި ކޮންމެވެސް ކަހަލަ ފަރަގެއް އޮތުން ރަނގަޅުކަމަށް ގަބޫލުކުރައްވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލު ޑްރާފްޓުކުރުމަށް އުފެއްދި ސަބްކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސީއެސްސީގެ ރައީސް ޝަމީމް ވިދާޅުވީ ދިރިއުޅުމުގެ ފެންވަރަށް ބަލާފައި އުޅެވޭ މިންވަރަށް ބޭސިކް ސެލެރީ އައުން މުހިންމު ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގައި ދިރިއުޅުމުގެ ފެންވަރު މަތިވެ، ހަރަދުތައްވެސް މަތިވާތީ ކަމަށެވެ.

ޑރ. ޝަމީމް ވިދާޅުވި ގޮތުގައި، ގްރޭޓާ މާލެ ސަރަހައްދުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން 85 ޕަސަންޓު މީހުންނަކީ އަތޮޅުތެރެއަށް އުފަން، އަދި މާލޭގެ ބިންވެރިން ނޫން މީހުން ކަމަށެވެ. މިވަގުތު ސިވިލް ސާވިސްގައި އެއް މަގާމެއްގައި ތިބޭ ހުރިހާ މުވައްޒަފަކަށްވެސް މުސާރައާއި އިނާޔަތްތައް އެއްވަރަކަށް ލިބެމުން ދިޔަ ނަމަވެސް، މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ހަރަދުތައް މާ ބޮޑުކަމަށް ޝަމީމް ވިދާޅުވިއެވެ.

އަދި މުސާރަ ކުޑަވުމުގެ ސަބަބުން ތަޖުރިބާކާރު މުވައްޒަފުން ރިޓެއިންކުރުމުގައިވެސް ގޮންޖެހުން ކުރިމަތިވާކަމަށް ވިދާޅުވިއެވެ.

"ދިރިއުޅުމަށް ބަލާއިރު މާލޭ ހިސާބުައިެ ހަރަދުތައް ބޮޑުކޮށް އުޅެނީ. އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ގޮންޖެހުމެއް މިއީ، ސިވިލް ސާވިސްގެ ރަނގަޅު ތަޖުރިބާ ލިބޭ މުވައްޒަފުން ވަކި ހިސާބަކުން ޕްރައިވެޓް ސެކްޓާއަށް ނުވަތަ ރާއްޖެއިން ބޭރަށް އެހެން ގައުމުތަކަށް ހިޖުރަކުރަމުން ދަނީ،" ޝަމީމް ވިދާޅުވިއެވެ.

ޑރ. ޝަމީމް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މިނިމަމް ވޭޖު ކަނޑައެޅޭ އިރު، މާލޭގައި ދިރިއުޅޭ މީހުންނާއި އަތޮޅުތެރޭގައި ދިރިއުޅޭ މީހުންގެ މުސާރައިގެ ފަރަގެއް އޮތުމަކީ މުހިންމުކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"މިއީ އެއްގޮތަކަށްވެސް ތަފާތުކުރުމެއް ނޫން. އެކަމަކު ދިރިއުޅުމުގެ ފެންވަރަށް ބަލާފައި، އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއަށް ބަލާއިރު އެބަހުރި މިގޮތަށް، ސިޓީތަކާއި ކަންކަން އަދި ޕްރޮފެޝަންތައް ތަފާތުކޮށް. އެކަންކަމަށް ބަލާއިރު ދިރިއުޅުމުގެ ފެންވަރަށް ބަލާފައި އުޅެވޭ މިންވަރަށް ކޮންމެވެސް ވަރަކަށް ބޭސިކް ސެލެރީއެއް އައުމަކީ ރަނގަޅުކަމެއް،" ސިވިލް ސާވިސްގެ ރައީސް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ނަމަވެސް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކުޑަކަމުގެ ޝަކުވާ މުވައްޒަފުންގެ ފަރާތުން އަބަދުވެސް ލިބޭ ކަމަށެވެ.ޝަމީމް ވިދާޅުވީ ސިިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ސަޕޯޓް ސްޓާފްގެ މުސާރައިން ގެއަށް ގެންދަން ލިބެނީ 5،083 ރުފިޔާ ކަމަށެވެ.

ދިރާސާއެއް ހެދިފައި ނެތްނަމަވެސް، ތަޖުރިބާގެ އަލީގައި ބަލާނަމަ ސިވިލް ސާވިސްގެ އެންމެ ދަށް މުސާރަވެސް އެންމެ ކުޑަމިނުން ދެގުނަ ވާންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

"10،000 ވަރު ނުޖެހި ވަރަށް ދަތިކޮށް އުޅެން ޖެހެނީ. އެކަންކަމުގެ ޝަކުވާ އެކި ފަހަރު މަތީން އެބަ އުފުލާ. އެންމެ ބޮޑެތި ކަންކަމުގެ ތެރޭގައި ގެދޮރުވެރިކަން – ހައުސިން އެލަވެންސް އެއް ސިވިލް ސާވިސްގެ ތެރޭގައި ނޯވޭ،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިހާރު ލިބޭ އާމްދަނީއަކީ ދުޅަހެޔޮކޮށް ދިރިއުޅުމަށް ބޭނުންވާ އަދަދަށްވުރެ ކުޑަ އަދަދެއް ކަމަށެވެ. އަދި އެކަންތައްތަކަކީ ވަރަށް ފުޅާ ކަމެއް ކަމަށާއި މިނިމަމް ވޭޖު ކަނޑައަޅާ އިރުގައި ގައުމުގެ ފެންވަރަށް ބެލުންވެސް މުހިއްމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ އިތުރުން ރޭގެ ސަބްކޮމިޓީގައި ނޭޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިންވެސް ބައިވެރިވެ، އެ ޖަމިއްޔާތަކުގެ ހިޔާލު ފާޅުކުރިއެވެ.

comment ކޮމެންޓް