ދީބާޖާގެ މައްސަލަ ސުޕްރީމް ކޯޓުގައި މުރާޖައާ ކުރަން އޭޖީ އަށް ދަންނަވަން މަޖިލީހުން ފާސްކޮށްފި

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދީބާޖާއަށް ބަދަލު ދޭން ޖެހޭ ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް، ސުޕްރީމް ކޯޓުން ތާއީދު ކުރަން ނިންމި ނިންމުން އިތުރަށް މުރާޖަ ކުރުމަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުން މިގޮތަށް ނިންމި އިރު، މިދިޔަ ބުދަ ދުވަހު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަނީ ސެޓެލްމަންޓް ކޮމިޓީގެ ލަފަޔާއެކު ދީބާޖާއަސް 174 މިލިއަން ރުފިޔާ ދިނުމަށް ނިންމަވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ މުރާޖާ ކުރުމަށް އެދެން ނިންމެވީ، އެ މައްސަލައިގައި މާލިއްޔަތު ކޮމިޓީއިން ނިންމި ގޮތުގެ ރިޕޯޓް މިއަދު ތަޅުމުން ފާސްކޮށްގެންނެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ނިންމީ، ދީބާޖާ އިންވެސްޓްމަންޓަށް 174 މިލިއަން ރުފިޔާ ދިނުމަށް ސެޓްލްމަންޓް ކޮމިޓީގެ ލަފައާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުން މިވަގުތަށް މަޑުޖައްސައިލުމަށް ފަހު، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަ އިތުރަށް މުރާޖައާ އަކަށް ދިއުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ދެންނެވުމަށެވެ.

އެ ރިޕޯޓި ފާސްވީ، ވޯޓުގައި ބައިވެރިވެވަޑަިއގެންވި 65 މެމްބަރުންގެ ވޯޓުންނެވެ.

ރިޕޯޓުގައި އިތުރަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި، އެ އެއްބަސްވުމާ ގުޅިގެން ސަރުކާރުން އެ ކުންފުންޏާއެކު ހިންގާފައިވާ ހުރިމާ މުއާމަލާތްތައް ތަހުގީގު ކުރުމަށް އޮޑިޓާ ޖެނެރަލަށް ދެންނެވުމަށް ވެސް ހިމެނެ އެވެ.

މި މައްސަލައާ ގުޅިގެން ކޮމިޓީއަށް ބަންޑާރަ ނައިބު ރިފްއަތުވެސް ވަނީ ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން ރިއްފަތު ވިދާޅުވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކޮށް، އެކަން ސުޕްރީމް ކޯޓުން ދަމަހައްޓާފައި ވަނިކޮށް އޭގެ ދެބައިކުޅަ އެއްބައި ހޯދަން އެކުންފުނިން އެއްބަސްވުމުން އެ މައްސަލާގައި ދައުލަތަށް ބޮޑު ލުޔެއް ލިބިފައިވާ ކަމަށެވެ.

https://sun.mv/127971

ސިވިލް ކޯޓުން އެންމެ ފުރަތަމަ ދިބާޖާއާ އެއްކޮޅަށް 348 މިލިއަން ރުފިޔާ ދިނުމަށް ހުކުމް ކުރި އެވެ. ނަމަވެސް ހައިކޯޓުން އެ ހުކުމް ވަނީ ބާތިލްކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުން ފަހުން ވަނީ ހައިކޯޓްގެ ހުކުމް ބާތިލްކޮށް ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު