ބްރޯޑްކޮމްއަށް އެމްޑީޕީ އެކްޓިވިސްޓަކާ އެކު އައްޔަ އަދި މަރީ އައްޔަން ކުރަން ރުހުން ދީފި

ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް މަރިޔަމް ވަހީދާ އާއި އަލީ ޔޫސުފް (އައްޔަ) އަދި އަހުމަދު ގައިސްއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ބްރޯޑްކޮމްގެ ހަތަރު ގޮނޑިއެއް ހުސްވެފައިވާ އިރު، މިއަދު ވޯޓު ގަޑީގައި އޭގެ ތެރެއިން ތިން ގޮނޑިއަށް އައްޔަން ކުރަން ރައީސް ފޮނުއްވި ނަންތަކަށް ރުހުން ދޭން ވަނީ ވޯޓަށް އަހާފައެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިން ބޭފުޅުންނަށް ރުހުން ދީފައިވަނީ މަޖިލީހުގެ އަޣްލަބިއްޔަތުންނެވެ. ވޯޓުގެ ކުރިން އެމްޑީޕީން ވަނީ އެ ތިން ބޭފުޅުންނަށް ރުހުން ދިނުމަށް ނިންމައިފައެވެ.

މިއަދު އެންމެ ފުރަތަމަ ވޯޓަށް އެހީ ބްރޯޑްކޮމްއިން އިސްމާއިލް ސޮފްވާނާއި ހަސަން ނަބާހު އިސްތިއުފާ ދެއްވާފައި ވާތީ އެ ދެ ގޮނޑިއަށް ހަމަޖައްސަން ރައީސް ފޮނުއްވި ނަންފުޅުތަކުން ދެ ނަމަކަށް ރުހުން ދިނުމަށެވެ.

ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން، މިނވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ތަޅުމަށް ފޮނުވިއިރު، އެންމެ މަތީގައި އޮތީ ސަންގު ޓީވީގެ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމްގެ ނަމެވެ.

ނަމަވެސް ޝިފްލާއަށް ރުހުން ނުދޭން އެމްޑީޕީގެ ޕީޖީން ފާސްކޮށްފައިވާތީ، ޝިފްލާއަށް މަޖިލީހުން ރުހުން ނުލިބުނެވެ. އެހެންކަމުން ލިސްޓުގެ ދެވަނައަށް އޮތް، އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ގައިސްގެ ނަމަށް ވަނީ ވޯޓަށް އަހާފައެވެ. ގައިސް އަށް ރުހުން ދިނުމަށް ފާސްވީ 66 މެމްބަރުންގެ ވޯޓުންނެވެ.

ގައިސް އަކީ މީގެ ކުރިން އެމްޑީޕީގެ ފަރާތުން ގދ. އަތޮޅު ކައުންސިލަށް އިންތިހާބުވި ބޭފުޅެކެވެ. އަދި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައިވެސް އޭނާ ވާދަ ކުރެއްވި އެވެ. އޭގެ އިތުރުން އެމްޑީޕީގެ ތިނަދޫ ގޮފީގެ ރައީސްކަންވެސް އޭނާ ކުރެއްވި އެވެ. އޭނާ މީޑިއާގެ ދާއިރާގެ މަސައްކަތެއް ކުރިކަން އެނގިފައި ނުވެ އެވެ.

މަރީ ބްރޯޑްކޮމް އަށް އައްޔަންކުރަން 66 މެމްބަރުން ވޯޓު ދިން އިރު އައްޔައަށް ލިބިފައި ވަނީ 64 ވޯޓެވެ. އައްޔަ ބްރޯޑްކޮމް އަށް އައްޔަން ކުރަން ނުފެންނަ ކަމަށް ދެ މެމްބަރަކު ވަނީ ވޯޓު ދެއްވައިފައެވެ.

އެ ދެ ބޭފުޅުންނަށް ރުހުން ދޭން މަޖިލީހުން ފާސްކުރުމުން، އެހެން ބޭފުޅުންގެ ނަމަށް ވޯޓަށް އަހާފައެއް ނުވެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އައްޔަ އަކީ މީގެ ކުރިން ނޫސްވެރިކަމުގައި 18 ވަރަކަށް އަހަރު ހޭދަކޮށްފައިވާ ނޫސްވެރިއެކެވެ. އެގޮތުން އޭނާ ވަނީ "ހަވީރު" ނޫހާއި ރާއްޖެ ޓީވީގައި މަސައްކަތް ކޮށްފައެވެ.

މީޑިއާ ދާއިރާގައި ތަޖުރިބާކާރު މަރީ އަކީ ޓީވީއެމުގައި ގިނަ އަހަރުތަކެއް ވަންދެން ޚަބަރާއި ޕްރޮގްރާމުތައް ހުށަހަޅާ ދެއްވި ފަރާތެކެވެ. މީގެ ކުރިން ޓީވީއެމް ހިންގި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްއެންބީސީ)ގެ ބޯޑުގައި ވެސް މަރީ ހުންނެވި އެވެ.

މީގެ ކުރިން ވެސް މަރީ ވަނީ ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލައްވައިފައެވެ. އެ ފަހަރު ކޮމިޓީ މަރުހަލާގައި އެންމެ މަތިން މަރީއަށް މާކްސް ލިބިވަޑައިގެންނެވި ނަމަވެސް މަޖިލީހުން އޭނާގެ ނަން ފާހެއް ނުކުރި އެވެ.

ކޮމިޝަންގެ ނައިބު ރައީސްއަކަށް ހުންނެވި، ފާތިމަތު ޒައިނާގެ ބަދަލުގައި ހަމަޖައްސަން ރައީސް ތިންނަމެއް މަޖިލީހަށް ފޮނުއްވި ނަމަވެސް ކޮމިޓީއިން ވަނީ އޭގެއިން އެއްވެސް ނަމެއް ތަޅުމަށް ނުފޮނުވައި، އާ ނަންތަކެއް ފޮނުވުމަށް ރައީސް ލަފާދިނުމަށް ނިންމައިފަ އެވެ. އެ ރިޕޯޓުވެސް މަޖިލީހުގެ އަޣްލަބިއްޔަތުން މިއަދު ވަނީ ފާސްކޮށްފައެވެ.

comment ކޮމެންޓް