ކުޑަކުޑަ ރަށެއްގެ ހުވަފެން ހަގީގަތަކަށް، ތަރައްގީގެ އާ ނާރެހެއް!

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއް ޖައްސަނީ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ނ. މާފަރުން -- "މިއީ ދައްތަމެން އުޅެ ބޮޑުވި ރަށް. ރަށަށް އަންނަ ކޮންމެ ކުރިއެރުމަކާއެކު ދައްތަމެންވެސް އުފާވޭ. އެއާޕޯޓު ހުޅުވީމާ ފަސޭހަވާނީ ދައްތަމެންނަށް. މިރަށު މީހުންނަށް. ދަތުރުކުރަން ދެން ވަރަށް ފަސޭހަވާނެ،" މިއީ މިދިޔަ އާދިއްތަ ދުވަހު ރަސްމީކޮށް ހުޅުވި މާފަރު އިންޓަނޭޝަނަލް އެއާޕޯޓާމެދު މި ރަށުގެ އަންހެނެއްގެ ޝުއޫރެވެ.

އާދިއްތަ ދުވަސްވީ، މި ރަށުގެ ރައްޔިތުންނަށް އަދި މި ނ. އަތޮޅުގެ ރައްޔިތުންނަށްވެސް އުފާވެރި ދުވަހަކަށެވެ. އެތައް އަހަރެއްވަންދެން އެއާޕޯޓަކަށް ކުރި އުއްމީދުގައި ކުލަޖެހި އެއާޕޯޓު އޮޕަރޭޓު ކުރަން ފެށީ އެވެ. ރަށުގެ ކުދިބޮޑު އެންމެންހެން ތިބީ އުފާވެރިކަމުގެ ޝުއޫރުތަކެއްގަ އެވެ.

މީގެ ކުރިން ކޯސްޓްލައިން އާއި މިލޭނިއަމް ކެޕިޓަލާވެސް ހަވާލު ކުރި މި އެއާޕޯޓުގެ މަސައްކަތް ކުރިއަށް ނުގޮސް އެންމެ ފަހުން އެއާޕޯޓު އަޅާ ނިންމާފައިވަނީ އަބޫ ދާބީ ފަންޑުގެ ހިލޭ އެހީގައި ސިންގަޕޫރުގެ ޓަފް ކުންފުނިންނެވެ.

އިންޓަނޭޝަނަލް އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފެށުމުގެ ރަސްމިއްޔާތުގައި އެރަށުގެ ރައްޔިތުން --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އެއާޕޯޓާއެކު ރަށުގެ އަގު އުފުލޭނެ

މާފަރުގައި އިއްޔެ ބައިނަލްއަގުވާމީ އެއާޕޯޓެއް ހުޅުވުނުއިރު އެރަށުގައި އަދި ގެސްޓުހައުސް އެއް ނެތެވެ. ނަމަވެސް އެއާޕޯޓުގެ މަސައްކަތް ފެށި ހިސާބުން ރަށުގައި އެއާޕޯޓު އަޅައި އޮޕަރޭޓު ކުރުމަށް ގިނަ ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކުރަން ފަށައިފަ އެވެ. ރަށު ކައުންސިލުން ޕްލޭނިން މިނިސްޓްރީ އާއެކު މިހާރު ކުރަމުންދާ މަސައްކަތަކީ މާފަރުން ރަށުފަތުރުވެރިކަމަށް ބިން ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

"އެއާޕޯޓާއެކު ބިމުގެ އަގު އުފުލިގެންދާނެ. ވަރަށް ބޮޑަށް ރަށް ކުރިއަރައިގެންދާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" މި ރަށު ކައުންސިލްގެ ރައީސް އަބްދުލް މާޖިދު އަލީ ވިދާޅުވި އެވެ.

މާޖިދު މިސާލު ދެއްކެވީ ބ. ދަރަވަންދޫ އެއާޕޯޓާއެކު އެރަށަށް އައިސްފައިވާ ތަރައްގީ އެވެ. ގެސްޓުހައުސް ވިޔަފާރި ކުރިއަރައިގޮސް ރަށުގެ ބިމުގެ އަގު އުފުލި ރައްޔިތުންގެ ޖީބުތައް ތަނަވަސްވެގެން ގޮސްފައިވާ ގޮތެވެ. އޭނާ މި ރަށާ މެދު ކުރަހާ މަންޒަރަކީމި އެވެ.

މާފަރު ކައުންސިލުގެ ރައީސް އަބްދުލްމާޖިދު އަލީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

"އެތަނުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީވެގެން ހިދުމަތް ދެވެން ފެށުމާއެކު އެތަނުގެވެސް ބިމުގެ ކުލި ވަރަށް މަތީގައި އެހުރީ. މިރަށުގައިވެސް ހަމަ އެގޮތަށް ވެގެންދާނެ ކަމަށް ގަބޫލު ކުރަނީ. އޭގެ ހެތްކެތް ކަންނޭނގެ އެއާޕޯޓު ތަރައްގީ ކުރަން ފެށުމާއެކުވެސް ރަށުގައި ހުރި ކުއްޔަށް ދޭ ގެތަށް ފުލްވެގެން ދިޔައީ. ކުރިއަށް އޮތްތަނުގައި ރަށް ކުރިއަރައި ތަރައްގީވެގެންދާނެ،" މާޖިދު ވިދާޅުވި އެވެ.

މާޖިދު ވިދާޅުވި ގޮތުގައި މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީވެ އޮަޕަރޭޓު ކުރަންފެށުމާއެކު ރަށުގައި މިހާރު ނެތް އިތުރު ހިދުމަތްތައް ދޭން ފެށޭނެ ކަމަށެވެ.

"މިހާރު ފުލުހުންގެ ޑެސްކެއްވެސް ރަށުގައި ނެތް. ބޭންކެއްވެސް ނެތް. ނަމަވެސް މި ހުރިހާ ކަމެއް އެއްކޮށް މި އަންނަނީ އެއާޕޯޓާއެކު،" މާޖިދު ވިދާޅުވި އެވެ. "ބާރަ އަހަރުގެ އިންތިޒާރަކަށްފަހު އެއާޕޯޓު މި ހުޅުވިގެންދަނީ. 2007 ވަނަ އަހަރު އެންމެ ފުރަތަމަ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކާ ބަޔަކާ ހަވާލު ކުރެވުނީ. އެކި ސަބަބުތަކާ ހުރެ ޓާމިނޭޓު ކުރެވި، ބަޔަކާހަވާލު ކުރެވި އެގޮތަށް މިދިޔައީ. 12 އަހަރުގެ އިންތިޒާރަކަށްފަހު އެއާޕޯޓު ހުޅުވިގެންދާއިރު ރަށަށް ތަރައްގީ އަންނާނެ. ގެސްޓުހައުސްގެ ވިޔަފާރި ފެށި، ތަރައްގީވެގެން ދާނެ،"

ގެސްތު ހައުސް ތަރައްގީ ކުރުމަށް ރަށުގެ ލޭންޑްޔޫސް ޕްލޭނުގައި ވަނީ ސަރަހައްދެއް ކަނޑައަޅައިފަ އެވެ. ނަމަވެސް ބިން ދޫކުރި މީހުން އެގްރިމެންޓާ ހިލާފުވުމުން އެއްބަސްވުންތައް ބާތިލްކުރީ އެވެ.

ނަމަވެސް ކައުންސިލުން ޓޫރިޒަމް މިނިސްޓްރީ އާއެކު މަޝްވަރާކޮށް، ރަށުން ގެސްޓުހައުސް އަޅަން ބިން ދޫކުރުމާ ގުޅޭ ކަންތައް ހަމަޖެހިފައިވާ ކަމަށް މާޖިދު ވިދާޅުވި އެވެ. އެކަމަށް ހުށަހެޅުންތައް ވެސް އަންނަނީ ލިބެމުން އެވެ.

ވަޒީފާގެ ގިނަ ފުރުސަތުތައް

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ފުލް އޮަޕަރޭޝަނަށް ގެނައި އިރު އެތަނުގައި 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު އޮންނާނެ އެވެ. މިހާރުވެސް 53 ވަޒީފާއަކަށް ހުޅުވާލާފައިވާއިރު މިއީ މާފަރުގެ ރައްޔިތުން ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމަށް ލިބިފައިވާ ފުރުސަތެކެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މި ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ، ރަށުގެ އާންމު ހާލަތު މިހާރަށްވުރެ ކުރިއަރައި، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެން އައުމެވެ.

ބާރަސަތޭކައަށް ވުރެ ބޮޑު އާބާދީ އެއް އޮންނަ މާފަރުގައި ދިރިއުޅެނީ ހަ ސަތޭކައެއްހައި މީހުންނެވެ. ޒަރޫރީ ބޭނުންތަކަށްޓަކާ ގިނަ އަދަދެއްގެ ބަޔަކު ރަށުން ބޭރުގައި ދިރިއުޅޭއިރު، އެއާޕޯޓާއެކު އަންނަ ތަރައްގީގެ ސަބަބުން ރަށުން ބޭރުގައި އުޅޭ މީހުން އަނބުރާ ރަށަށް ހިޖުރަކުރުމަކީ މި ރަށުގެ އުންމީދެވެ.

އެއާޕޯޓް އަދިވެސް ބޮޑު ކުރަން ޕްލޭނެއް

ފެހިކަންގަދަ، ބިން ބޮޑު މާފަރުގެ ބިމުން ބޮޑު ބަޔެއް ދޫކޮށްލީ ރަށާއި އަތޮޅުގެ އުއްމީދު ކަމަށްވާ އެއާޕޯޓު އެޅުމަށެވެ. ބައިނަލްއަގުވާމީ ފެންވަރުގެ އެއާޕޯޓެއް އަބޫދާބީ ފަންޑުގެ އެހީގައި ގާއިމް ކުރިއިރު އެ އެއާޕޯޓަކީ އެއާބަސް އޭ-320 އަދި ބޮއިންގް 737 ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

ސަރުކާރުގެ ވިސްނުން ހުރީ އެއާޕޯޓުގެ ރަންވޭ އިތުރަށް ތަރައްގީކޮށް އެއާބަސް އޭ-380 ޖެއްސޭ ފެންވަރަށް ރަންވޭ ބޮޑު ކުރުމަށެވެ. މި މަސައްކަތް ކުރުމަށް ރަށުން އިތުރު ބިން ބޭނުންވެ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އެތެރެ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

"މިހާރު 2.2 ކިލޯ މީޓަރުގެ ރަންވޭއަށް އެއް ކިލޯ މީޓަރު އިތުރު ކުރަން މިއޮތީ. މިހާރު ވާގޮތަކީ އެ އާޕޯޓު އެކްސްޓެންޝަން އަށް ބޭނުންވާ ސަރަހައްދަށް އެބައަރާ ކުރިން ދޫކޮށްފައިވާ 45 ގޯތި. އެ ގޯތީގެ ބަދަލުގައި ދައުލަތުން ގޯތި ހަމަޖައްސައިދޭން ޖެހޭ. މަސައްކަތް ކޮށްފައި ހުރި ގޭގެއަށް އަގު ދޭގޮތަށް ސަރުކާރުންވެސް ވަނީ އެއްބަސްވެފައި. އަޅުގަނޑުމެން ކައުންސިލުންވެސް މި ދަންނަވަނީ ބަދަލު ދޭންޖެހޭ ފަރާތްތަކަށް ބަދަލު ދިނުމަށްފަހު، އެ ކަމަށް އެއްބަސްވުމަށް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ރަށުގެ ބިމުން ބޮޑު ބަޔެއް އެއާޕޯޓަށް ނެގިފައިވާއިރު، ރަށަށް ބިން އިތުރު ކުރުމަކީވެސް މާފަރު ރައްޔިތުން ބޭނުންވާ ކަމެއް ކަމަށް މާޖިދު ވިދާޅުވި އެވެ.

"ޕްލޭނިން މިނިސްޓްރީ އާއެކު ބޭއްވި ބައްދަލުވުމުގައިވެސް ރައްޔިތުން އެދުނީ ނަގާ ބިމުގެ ދެ ގުނަ ހިއްކައިދޭން،" އެއާޕޯޓު އެކްސްޓެންޝަން އާއެކު ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މާޖިދު ވިދާޅުވިއެވެ.

މާފަރަށް ރަންގަނޑެއް، އުއްމީދު ވަރަށް މަތި

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އޮޕަރޭޓު ކުރަން ހަވާލުކޮށްފައިވަނީ އައިލެންޑް އޭވިއޭޝަނާ އެވެ. މޯލްޑިވިއަން އިން ދުވާލަކު ތިން ދަތުރު މާފަރާއި މާލެ އާއި ދެމެދު ކުރަން ވަނީ ނިންމައިފަ އެވެ. އަދި މިމަހުގެ 15 އިން ފެށިގެން ދުވާލަކު ހަ ފްލައިޓު ބާއްވާނެ އެވެ.

އައިލެންޑް އޭވިއޭޝަނުގެ ވިސްނުން ހުރީ މާފަރު އެއާޕޯޓުގައި ޕައިލޮޓް ޓްރެއިނިން ފެސިލިޓީ ގާއިމް ކުރުމަށެވެ. އަދި ސީޕްލޭން ބޭސް އެއް ގާއިމް ކުރުމަކީވެސް މޯލްޑިވިއަންގެ ޕްލޭނުގައި ހިމެނޭ ކަމެކެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއް --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ސަރަހައްދުގައި ހުރި މަތީފަންތީގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ ޕްރައިވެޓް ޖެޓް ތަކަށް ހިދުމަތް ދިނުމަށް އެއާޕޯޓު އޮތީ ތައްޔާރަށެވެ. މޯލްޑިވިއަންއިން މިހާރު ޗައިނާއަށް ކުރާ ދަތުރުތައް މާފަރު އެއާޕޯޓަށް ޑައިވާޓުކުރުމުގެ ވިސްނުންވެސް މޯލްޑިވިއަންގެ އެބައޮތެވެ.

ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ފްލައިޓުތައް އެއާޕޯޓަށް ދަތުރު ފަށައި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައްވެސް މާފަރު ރައްޔިތުންނަށް ލުއިވެގެން ދާނެ އެވެ.

އިއްޔެ ހިދުމަތް ދޭންފެށި އެއާޕޯޓާއި މާލެ އާއި ދެމެދު ކުރާ ދަތުރަކަށް ނަގަނީ ކޮޅަކަށް 750 ރުފިޔާ އެވެ. މިއީ ގަދަ ވިއްސާރާގައި މާކަނޑު ހުރަސްކޮށް ކުރަންޖެހުނު ދަތުރުތަކަށް ނިމުމަކަށް އައިސް، މާފަރު ރައްޔިތުންނަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެކެވެ. މުޅި މި އަތޮޅަށް ލިބުނު އުފަލެކެވެ.

comment ކޮމެންޓް