މިއަހަރު ނިމޭއިރު 24 ގަޑިއިރުގެ ސެންޓަރުތަކަށް ދެ ޑޮކްޓަރުން ހަމަވާނެ: އަމީން

މިނިސްޓަރު އަބްދުﷲ އަމީން މިއަދު މަޖިލީހުގައި --- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި 24 ގަޑިއިރު ހިދުމަތްދޭ ހުރިހާ ސިއްހީ މަރުކަޒުތަކަށް ދެ ޑޮކްޓަރުން ހަމަވެގެން ދާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ ތަޅުމަށް އަމީން ހާޒިރު ކުރީ ތިމަރަފުށީގައި އަޅަން ނިންމަފައިވާ ހޮސްޕިޓަލާ ބެހޭ ގޮތުން ސުވާލު ކުރުމަށް އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެދިވަޑައިގެންނެވެ. މިއަދު މެމްބަރަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ ބައެއް ސިއްހީ މަރުކަޒުތަކުގައި ޑޮކްޓަރުންގެ ދަތިކަން ހުރިކަން ސަރުކާރަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް އައިއރު 24 ގަޑިއިރު ހިދުމަތްދޭ ގިނަ ތަންތަނަށް ދެ ޑޮކްޓަރުން ހަމަޖެއްސިފައިވާ ކަަމަށް އަމީން ވިދާޅުވި އެވެ.

"މިއަހަރު އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުން ރާއްޖޭގައި 24 ގަޑިއިރު ހިދުމަތްދޭ ކޮންމެ ތަނެއްގައި ދެ ޑޮކްޓަރުން މަދުވެގެން ބޭތިއްބުމުގެ އިންތިޒާމު ހަމަޖެހި. މިއަހަރު ނިމުމުގެ ކުރިން 24 ގަޑިއިރު ހިދުމަތްދޭ ހުރިހާތަނަކަށް ދެ ޑޮކްޓަރުން ހަމަވާނެ. މިހާރުވެސް ވަރަށް ގިނަ ތަންތަނަށް ހަމަވެފައި ވަނީ." މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މިއަދު މަޖިލީހުގައި އަމީން ވިދާޅުވީ މެމްބަރުންވެސް އިސްކަމެއް ދޭންވީ ރަށްރަށުގައި ސިއްހީ ހިދުމަތްދޭ ބޮޑެތި އިމާރާތްތައް އެޅުމުގެ ބަދަލުގައި ތަނުން ދެވޭ ހިދުމަތް ގިނަކޮށް ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ. އަމީން އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކައަކާ ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ ރަށެއްގައި ސިއްހީ މަރުކަޒެއް އަޅައި އެނދުތަކެއް ބެހެއްޓި ނަމަވެސް ގިނަ ވާނީ އެނދުތައް ހުސްކޮށް ހުންނަ ގަޑިތައް ކަމަށެވެ.

މިނިސްޓަރު އަބްދުﷲ އަމީން މިއަދު މަޖިލީހުގައި --- ފޮޓޯ/ މަޖިލިސް

ނަޝީދު ވިދާޅުވީ އޭނާ ނުދާ ހެލްތް ސެންޓަރެއް ރާއްޖޭގައި ނުހުންނާނެ ކަމަށެވެ. ވޭތުވެ ދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ހެލްތް ސެންޓަރެއްގައި މީހަކު ވިހާފައި ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ވިހާ ކޮޓަރިއެއް ބޭނުންކޮށްފައި އޮތީ ކޮން މިންވަރަކަށްތޯ އަޅުގަނޑުމެން ބަލާލައިފިއްޔ އަޅުގަނޑުމެންނަށް އެނގޭނެ މި އިމާރާތްތަކުގެ ބޭނުންކުރެވޭ މިންވަރު. ބައެއް ފަހަރަށް ވޯޑުގައި އިންނަ ހަތަރު އެނދު ފަސް އެނދު ފުރިދާނެ. އެއީ ރޯގާއެއް އައިސްގެން ޗިކަންގުންޔާ ޖެހިގެން ނުވަތަ މިބާވަތުގެ ކޮންމެސް ކަމަކާ ގުޅިގެން. އެހެން ނަމަވެސް ގިނަ ވަގުތު އެ ހުރިހާތަނެއްވެސް ހުންނާނީ ހުސްކޮށް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ތަރައްގީއަކީ ހޮސްޕިޓަލު އިމާރާތް ކުރުން ކަމަށް ދެކޭނަމަ އެއީ ވަރަށް ބޮޑު އޮޅުމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ތަރައްގީއަކީ އެތަނަކުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އެވާހަކަތަކާ ގުޅިގެން މިނިސްޓަރު އަމީން ވިދާޅުވީ އާންމުކޮށް ރަށްރަށުގައި މީހުން ވިހާތަން މިހާރު ނުފެންނަ ކަމަށެވެ. ވިހަން ވެއްޖެ ނަމަ ކޮންމެ މީހަކުވެސް ދަނީ އަތޮޅު ހޮސްޕިޓަލަށް ނުވަތަ މާލެއަށް ކަމަށް އަމީން ވިދާޅުވި އެވެ.

އެކަން ހައްލުކޮށް ވިހަން އަތޮޅު ހޮސްޕިޓަލަށް ދާންޖެހުމަށް ހައްލެއް ހޯދުމަށް އައުޓްރީޗް ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަމަށް އަމީން ވިދާޅުވި އެވެ. އެގޮތުން މާބަނޑު މީހުންނަށް ސްކޭން ކުރުމުގެ ހިދުމަތްވެސް ރަށުގައި ތިބެގެން ކުރެވޭ ގޮތަށް ހަމަޖެއްސުމަށް އެ ޕްރޮގްރާމުގެ ތެރެއިން މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން އެކަށީގެންވާ ފަރުވާ ނުލިބުމަކީ އާންމު ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ. ޕެނެޑޯލް ގުޅައެއްވެސް ލިބޭ ފެންވަރުނެތް ބައެއް ސިއްހީ މަރުކަޒުތައް ހުރިކަން ބައެއް ފަރާތްތަކުން ފާހަގަ ކުރެ އެވެ. އަމީން ވިދާޅުވީ އެކަން ކަމަށް ހައްލު ލިބިގެން ދާނެ ކަަމަށެވެ.

comment ކޮމެންޓް