ލަންޑަންގައި ވަޅިން ޙަމަލާދިން ޒުވާނަކީ އަލްގާއިދާގެ ފިކުރުގެ ދަލުގައި ޖެހިިފައިވާ މީހެއް

އުޘްމާން ޚާން

ލަންޑަން (ޑިސެމްބަރު 1) : އިނގިރޭސިވިލާތުގެ ލަންޑަން ބްރިޖް ސަރަހައްދުގައި ހުކުރު ދުވަހު އާންމުންނަށް ވަޅިން ޙަމަލާދިން އުސްމާން ޚާން އަކީ އަލްގައިދާގެ ހަރުކަށި ފިކުރުގެ ދަލުގައި ޖެހިފައިވާ އިނގިރޭސި ޒުވާނެއްކަމަށް ލަންޑަންގެ ފުލުހުން ބުނެފި އެވެ.

ލަންޑަން ފުލުހުންގެ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ޔުނިޓްގެ އެންމެ އިސް އޮފްސަރު، އެސިސްޓެންޓް ކޮމިޝަނާ ފޯ ސްޕެޝަލް އޮޕަރޭޝަންސް، ނީލް ބާސޫ ވިދާޅުވީ އުމުރުން 28 އަހަރުގެ އުސްމާން ޚާނަކީ އަލްގައިދާގެ ހަރުކަށި ފިކުރު އިންސްޕަޔާވެ އެފިކުރަށް ގޮސް ހުސްވެފައިވާ ޖިހާދީ ފިކުރުގެ މީހެއްކަމުގަ އެވެ. އުޘްމާނަކީ 2012 ވަނައަހަރު ޓެރަރިޒަމްގެ މައްސަލައެއްގައި ޖަލުގައި ހައްޔަރު ކުރުމަށް ފަހު މިދިޔަ އަހަރު ޖަލުން ދޫކޮށްލާފައިވާ މީހެކެވެ. އޭނާ ދޫކޮށްލީ ވަކި ޝަރުޠުތަކެއް ފުރިހަމަކުރަން ޖެހޭ ގޮތަށް އަދި އެކަންނުކޮށްފި ނަމަ އަލުން ޖަލަށް ދާން ޖެހޭ ގޮތަށް ލައިސަންސެއްގެ ދަށުން ކަމަށް ވެސް ބާސޫ ވިދާޅުވި އެވެ.

އެހެން ނަމަވެސް ލަންޑަން ބްރިޖް ސަރަހައްދުގައި ދިން ވަޅީގެ ހަމަލާގެ ޒިންމާ އުފުލާފައި ވަނީ އަލްގާއިދާގެ ބަދަލުގައި އައިއެސް ޖަމާއަތުންނެވެ. އައިއެސްގެ ނޫސް އެޖެންސީ "އަލްޢަޢްމާޤު" ބުނެފައި ވަނީ ލަންޑަން ބްރިޖް ސަރަހައްދުގައި ހަމަލާދީފައި ވަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިއެއް ކަމަށާއި އޭނާ އެކަންކުރީ އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރާ ގައުމުތަކުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންގެ ދަށުން ކަމުގަ އެވެ. ނަމަވެސް، ލަންޑަން ބްރިޖްގެ ޙަމަލާއަކީ އައިއެސްގެ ކަމެއްކަމުގެ އެއްވެސް ހެއްކެއް އެޖަމާއަތަށް ދެއްކިފައެއް ނުވެ އެވެ.

ވަޅީގެ ޙަމަލާއަށްފަހު ލަންޑަންގެ ފުލުހުން ހަރަކާތްތެރިވަނީ

ޕާކިސްތާން ދަރިކޮޅަށް ނިސްބަތްވާ އިނގިރޭސި ރައްޔިތެއް ކަމަށްވާ އުސްމާން ޚާންގެ މައްޗަށް 2013 ވަނަ އަހަރު 16 އަހަރުގެ ޖަލަށްލުމަށް ހުކުމްކުރެއްވި ފަނޑިޔާރު ވަނީ އޭނާއަކީ ޖިހާދީ ފިކުރުގެ ނުރައްކާތެރި މީހެއްކަމަށް ކަނޑައަޅާފައި ލައިސަންސް ޕްރޮގްރާމްގެ ދަށުން ވެސް އޭނާ ދޫކޮށްނުލުމަށް އަމުރު ކުރައްވާފަ އެވެ. ނަމަވެސް އުޘްމާން ޖަލުގައި ހަ އަހަރު ހޭދަކުރުމާ އެކު ޓެގެއް އަޅުވާފައި އޭނާ ވަނީ ދޫކޮށްލާފަ އެވެ. އުޘްމާން ދޫކޮށްލި ސަބަބު ހޯދުމަށް ޓަކައި ލަންޑަންގެ ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ އިތުރަށް ތަހްގީގް ކުރަމުންނެވެ.

ލަންޑަން ބްރިޖްގެ ވަޅީގެ ހަމަލާއަށް ފަހު އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ޓެރަރިޒަމްގެ އަމަލުތައް ހިންގިކަމުގެ ކުށް ސާބިތުވެގެން ޖަލު ހުކުމްކޮށްފައިވާ ފަރާތްތަކުގެ ހުކުމްތައް ފުރިހަމައަށް ތަންފީޒު ކުރަންޖެހޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. މިގޮތުން މުޖްރިމުންނާއި ޓެރަރިސްޓުން ފަދަ މުޖްތަމައަށް ނުރައްކާވާ ފަދަ ބޮޑެތި ކުށްތަކާއި ޖަރީމާތައް ހިންގާފައިވާ ފަރާތްތައް މުއްދަތަށް ވުރެ ކުރިން ޖަލުން މިނިވަން ކުރެވިގެން ނުވާނެކަމަށް ޖޯންސަން ވިދާޅުވި އެވެ.

އުސްމާން ޚާން، ލަންޑަން ބްރިޖް ސަހަރައްދުގައި ވަޅިން ދިން ޙަމަލާތަކުގައި ދެމީހުން މަރުވެ ތިން މީހުން ޒަޚަމްވެފައިވެ އެވެ. އެޙާދިސާއަށް ފަހު އާންމުންގެ ކޮންޓްރޯލްގެ ދަށުގައި ބިންމަތީގައި އޮތް އުސްމާން ޚާން އުނަޑަނޑުގައި ގޮވާތަކެތީގެ ބެލްޓެއް އޮތްކަމަށް ބަލައި ފުލުހުންވަނީ އޭނާގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ. ނަމަވެސް ފަހުން އޭނާގެ ބެލްޓް ބެލިއިރު އޭގައި ގޮވާތަކެތި ނެތްކަން ވަނީ ކަށަވަރުވެފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް