މޫސުން ގޯސްވެ މެދު ރާއްޖެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފި

ވިއްސާރަ ދުވަހެއްގައި މާލޭ ސުނާމީ ބިނާ ސަރަހައްދު ކައިރި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މެދު ރާއްޖޭގެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވަނީ މިއަދު ރ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު 13:30ގެ ނިޔަލަށެވެ.

މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ކަނޑުދަތުރުތައް ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުގެ މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މި ފާއިތުވި 10 ގަޑިއިރުގެ ތެރޭގައި ވެސް ވަނީ ތިން ޔެލޯ އެލާޓެއް ނެރެފަ އެވެ.

comment ކޮމެންޓް