ޖަލުގައި މީހަކު މަރުވުމުން އާއިލާއަށާއި އެޗްއާރުސީއެމަށް އަންގަން ޖެހޭ ގޮތަށް ހަދައިފި

މައުރަޒުގައި ދެ ގައިދީއަކު ކުރަހަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޖަލުގައި ހުރި ގައިދީއަކަށް ނުވަތަ ބަންދުގެ މުއްދަތު ޖަހާފައި ހުރި މީހަކަށް ބޮޑު އަނިޔާއެއް ލިބިއްޖެނަމަ ނުވަތަ މަރުވެއްޖެނަމަ އޭނާގެ އާއިލާއަށާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށް އަންގަންޖެހޭ ގޮތަށް ހަދައިފިއެވެ.

މިގޮތަށް ހަމަޖެއްސީ، ހުކުމް ތަންފީޒުކުރާ މީހުންނާމެދު އަމަލުކުރަންޖެހޭ މެޑިކަލް ގަވައިދަށް އިއްޔެ ގެނައި އިސްލާހުތަކަކާއެކުއެވެ.

އެ ގަވައިދުގައި މީގެ ކުރިން ބުނެފައިވަނީ ހުކުމެއް ތަންފީޒުކުރާ ނުވަތަ ބަންދު މުއްދަތު ޖަހާފައިވާ މީހަކަށް ބޮޑު އަނިޔާއެއް ވެއްޖެނަމަ ނުވަތަ މަރުވެއްޖެނަމަ ކޮމިޝަނަރ އޮފް ޕްރިޒަންސްއާއި އިންސްޕެކްޓާ އޮފް ޕްރިޒަންސްގެ އިތުރުން ހޯމް މިނިސްޓަރަށް ޑިރެކްޓަރ އޮފް ޕްރިޒަން ވަގުތުން އަންގަންޖެހޭ ކަމަށެވެ.

ނަމަވެސް އިއްޔެ ގެނައި އިސްލާހާއެކު، އެ ތިން ފަރާތުގެ އިތުރުން އެ މީހެއްގެ އާއިލާއަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް އެކަން ވަގުތުން އަންގަން ޖެހޭނެއެވެ.

ގަވައިދަށް ގެނައި އިތުރު އިސްލާހުތަކުގެ ތެރޭގައި، ގަވައިދުގެ ނަމަށްވެސް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން "ހުކުމް ތަންފީޒުކުރާ މީހުންނާމެދު އަމަލުކުރަންޖެހޭ މެޑިކަލް ގަވައިދު"ގެ ނަން ވަނީ "ގައިދީންނާއި ބަންދުމީހުންނަށް ސިއްހީ ފަރުވާ ދިނުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ގަވައިދު"އަށް ބަދަލުކޮށްފައެވެ.

އިތުރަށް ދެން ގެނެސްފައިވާ އިސްލާހަކީ ގައިދީ ނުވަތަ ބަންދު މީހުންގެ މެޑިކަލް ލިޔެކިޔުންތަކުގެ ކޮޕީ، އޭނާގެ އާއިލާގެ އިތުރުން ގާނޫނީ ވަކީލުންނަށްވެސް ހިއްސާކުރެވޭ ގޮތަށް ގެނެސްފައިވާ އިސްލާހެވެ. މީގެ ކުރިން އެ ގަވައިދުގެ އެ މާއްދާގައި އޮންނަނީ މެޑިކަލް ލިޔުންތަކުގެ ކޮޕީ، ގައިދީގެ އާއިލާއަށް ދެވޭނެ ކަމަށެވެ.

ޖަލުތަކާ ޕެރޯލްގެ ގާނޫނުގެ ދަށުން ހަދާފައިވާ މި ގަވައިދު އެކުލަވާލައި އަމަލުކުރަން ފެށީ 1 ޑިސެމްބަރު 2015 ގައެވެ.

comment ކޮމެންޓް