އެތައް ކިލޯއެއްގެ ޑުރަގާ އެކު ހައްޔަރުކޮށް، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވެ، އުމުރު ދުވަހަށް ޖަލަށްލީމާ ވެސް މި މީހުންގެ މައްޗަށް ގާނޫނެއް ނުހިނގައެވެ. ޑުރަގު ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވެ، އުމުރަށް ޖަލަށްލާފައި ތިބި 314 މީހަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދިޔައީ މާފުދެއްވައިފައެވެ.
ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރާއި އިޚުތިޔާރުތަކުގެ ތެރޭގައި ކުށެއްގައި ކުށްވެރިވެ، މަތީ ކޯޓުތަކުގެ އިސްތިއުނާފީ މަރުހަލައި ނިމި ބަންދުގައި ތިބި ކުށްވެރިންނަށް މާފު ދިނުމާއި އަދަބު ލުއިކޮށްދިނުން ހިމެނެއެވެ. އެކަމަކު، އެއީ ހަމައެއްލަމައެއް ނެތި، އަދަބެއްސަދަބެއް ނެތި ބޭނުންހާ ހަމައަކުން ކުރާން އޮންނަ ކަމެއް ނޫނެވެ. އެއީ، ވަކި މުގައްދަސް މަގުސަދެއްގައި ގާނޫނުއަސާސީގައި ކަޅާއި ހުދުން ލިޔަން ޖެހުނު މާއްދާއެކެވެ. އެއްވެސް ހާލެއްގައި ވެރިއަކަށް އިންތިޚާބުކުރާ މީހާ ޖަލުތަކުގައި ތިބިއްޔާ ތިބި ކުށްވެރިން ދޫކޮށް، މުޖުތަމައަށް ނެރެންދޭ ލައިސަންސެއް ނޫނެވެ.
އިއްޔެ އާ ސަރުކާރުގެ ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މިދިޔަ ސަރުކާރު ނިމުމުގެ ކުރީގައި ޑުރަގުގެ މައްސަލަތަކުގައި ޓުރެފިކްކުރުމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލާފައި ތިބި ނުރައްކާތެރި ކުށްވެރިންގެ 314 މީހުންނަށް ޞާލިޙް ވަނީ މާފުދެއްވައިފައެވެ. އެ އެންމެން މިހާރު ތިބީ މުޖުތަމައަށް ދޫވެފައެވެ. އެއީ، ޞާލިޙް އެ ދެއްވި މާފުން ނޫނީ ކުރިއަށް މި އޮތް 20 އަހަރު ވެސް މިނިވަންނުވާނެ 314 މީހުންނެވެ.
ހަމައެއްލަމައެއް ނެތި ޞާލިޙް ބަހައިލި މާފު
ފުލުހުންނަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަން އެނގޭ ހިސާބަކުން އަދި ހައްޔަރެއް ނުކުރެވެއެވެ. އެތައް ދުވަހެއް ވަންދެން އެ މީހުންނަށް ފާރަލައިގެން ރަނގަޅު ދަނޑިވަޅެއް ބަލައިގެން، ކޯޓުން އަމުރެއް ހޯދައިގެން ހައްޔަރުކޮށްގެން ބަންދުކުރެވެނީ މަދު މީހެކެވެ. އެކަށީގެންވާ ވަރަށް ހެކި ހޯދައިގެން ރަނގަޅު ހެޔޮވަރު ދައުވާއަކާ ހިސާބަށް ދަނީ ނިސްބަތުން މަދު އަދަދެއްގެ ކުށްވެރިންނެވެ.
ހެޔޮވަރު ދައުވާއެއް ފައްތައިގެން ފުލުހުން އެ ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވައިގެން ކޯޓުތަކުގެ މަރުހަލާ ނިމޭއިރު އޮންނަނީ އެތައް އަހަރެއް ފާއިތުވެގެން ގޮސްފައެވެ. އެތައް އަހަރެއް ފަހު، ނިހާއީ ހުކުމެއް އަންނައިރު އެ ވަރުގެ މަސައްކަތެއް ކޮށްގެން އަތުލައިގަންނަ މީހުންގެ ތެރެއިން ކުށްކުރިކަން ސާބިތުވަނީ ނިސްބަތުން ބަލައި ނަމަ މަދު މީހަކަށެވެ.
އެކަމަކު، ޞާލިޙް ވެރިކަމުން ވަޑައިގަތީ ޑުރަގު ޓްރެފިކްކޮށްގެން އުމުރަށް ބަންދުކޮށްފައި ތިބި 314 ކުށްވެރިން މިނިވަންކޮށްފައެވެ.
"...ބަލައިލިއިރު ފާއިތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި، ޑުރަގު ޓްރެފިކްކުރުމުގައި ކުށުގައި އުމުރަށް ޖަލަށްލައިފައި ތިބި މީހުންގެ ތެރެއިން 314 މީހަކަށް އެބައިން ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މާފުދެވިފައި،" ހޯމް މިނިސްޓަރު އިހުސާން އިއްޔެ ވިދާޅުވިއެވެ.
"ސާބިތުވުމަށްފަހު މިހާ ފަސޭހައިން އުމުރުދުވަހުގެ ޖަލުހުކުމް މާފުކުރެވޭ ކުރެވުން މިއީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް،"
އެ މީހުން މައުސޫމުންނަށް ވީކީ ނޫނެވެ. އެ މީހުން ކުރި ކުށުގެ ޖަޒާ ކުޑަވީއެއް ނޫނެވެ. އެ މީހުން ކަމެއް ނުކުރާ ކަމަށް ހެދޭނެ ގޮތެއް އޮތީއެއް ނޫނެވެ. ވަށައިގެން ފެންނަން އޮތީ ޞާލިޙްގެ ކުށެވެ. އެއީ، އެ މަނިކުފާނަށް ގާނޫނުން ލިބިދޭ ބާރެއް ވެސް ނޫނެވެ. ކުރެއްވިގެންވާނެ ކަމެއް ވެސް ނޫނެވެ.
އޭގެ ކުރިއަށް ގައުމުގައި މިހާތަނަށް ހިނގި އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މުގުލުގައި ތިބި ކަމަށް ތަހުގީގުގައި ވެސް އަދި ޝަރީއަތުގައި ވެސް އަމިއްލައަށް އިއުތިރާފުވެ، އެ މައްސަލައިގައި ބަންދުގައި ތިބި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ވެސް ވެރިކަމުގެ ފަހު ނޭވާގައި ޞާލިޙް ވަނީ މާފުދެއްވައިފައެވެ.
މިއީ ހަމައެކަނި ފެންނާންހުރި ބޭއެއިންސާފުތަކެވެ. ބިތުފަންގި ނަގާއިރު މީގެ އެތައް ކޭލެއް ކައިފައި އޮންނާނެއެވެ.
މައްސަލައިގެ އަސްލު
ނުރައްކާތެރި ކުށްވެރިންނަށް ސީދާ ރައީސް މާފުދެއްވުމަކީ ނުރައްކާތެރި ކަމެކެވެ. އެއީ، ކިތަންމެ ބާރެއްގައި ހުންނެވިޔަސް އެންމެ ބޭފުޅަކަށް ނިންމޭ ވަރަށްވުރެ މާ ބޮޑު ގައުމީ މަސްލަހަތެއް އޮތް ކަމެކެވެ.
މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު ބުނާ ގޮތުން 14 ގްރާމަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލަތަކުގައި އުމުރަށް ޖަލަށްލާ މީހުންނަށް މާފެއް ނުދެވޭނެއެވެ. ނަމަވެސް ވަކި މިންގަނޑުތަކެއް ފުރިހަމަވާ ނަމަ އަދަބު ލުއިކޮށްދެވެއެވެ. އެގޮތަށް ވެސް އަދަބު ލުއިކޮށްދެވޭނީ އިއްވާފައިވާ ހުކުމެއްގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުކުރުމުންނެވެ. ޞާލިޙް އެ މާފެއް ދެއްވި ގޮތެއް ނޭނގެއެވެ. އެނގެނީ ޖަލުގައި އެ ކުށްވެރިން މިއަދު ނެތް ކަމެވެ. އެ ކަމުގެ ޒިންމާ ނަގާނެ މީހަކު ނެތް ކަމެވެ.
އެއީ، ގޭންގުތަކާއި ސަރުކާރާ އޮތް ގުޅުމެވެ. އެ ގުޅުން ކަމުނުގޮސްގެން ގެނައި ޞާލިޙް ސާބިތުކޮށްދިނީ ހެޔޮ 'ބޭފުޅެއް' ނެތީ ކަމެވެ.
އެ ވަރުގެ ބޮޑު ކުށެއްގައި، އެންމެ މަތީ މަރުހަލާތަކުގެ ކޯޓާ ހިސާބުން ވެސް ދައުވާ ސާބިތުވެ އުމުރު ދުވަހުގެ ބަންދެއްގައި ތިބި މީހުންނަށް އެހެން މާފު ދެވުމަކީ އެއީ ފުރަތަމަ ގޯހެވެ. ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގެ އެންމެ މުގައްދަސް ސިފައާ ވެސް ހިލާފު، އިންސާނީ އަހުލާގާ ވެސް ދެކޮޅު ކަމެކެވެ.
ފަނޑިޔާރު ވިދާޅުވީ ކީއްކުރަންކުރާ ހުކުމެއްތޯއޭ
އުމުރަށް ޖަލަށްލާފައި ހުއްޓައި ޞާލިޙް މާފުދެއްވި އެކަކުގެ މައްސަލައެވެ. ޖެނުއަރީ 2020 ގައި މާލޭގެ ހަ ގެއެއް ބަލައި ފާސްކޮށްފައި ޑުރަގު ޓްރެފިކްކުރުމުގެ ކުށުގައި ހައްޔަރުކުރި ހަ މީހުންގެ ތެރެއިން ދައުވާ ސާބިތުވި ދެ މީހުންގެ ތެރެއިން އެކަކެވެ.
ހުސެއިން ޒަހީން، މަތަރެސްމާގެ/ލ.ކަލައިދޫ އަކީ ކުށުގެ ދިގު މާޒީއެއް އޮތް މީހެކެވެ. އެކަމަކު، އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ބަންދުކޮށްފައި ހުއްޓައި ޞާލިޙް ވަނީ އޭނާއަށް މާފުދެއްވައިފައެވެ. އެކަން ހާމަކުރީ އިސްތިއުނާފީ އަޑުއެހުމެއްގައި ހުދު އޭނާއެވެ. ބުނީ، ހުކުމް ތަންފީޒުކޮށް ނުނިމޭ ކަމަށާއި މިދިޔަ ސަރުކާރުގައި އޭނާއަށް މާފުދީ މިނިވަންކުރީ ކަމަށެވެ. ފަނޑިޔާރު ނުރުހުންވީ އެހެންވެއެވެ.
ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ހިތްހަމަޖެހިވަޑައިނުގެން އެއްސެވި ސުވާލަކީ މިއަދު އެންމެން މި އަހައި ސުވާލެވެ.
"މިއީ ކީއްކުރަން ކުޅޭ ޑްރާމާއެއްތޯ،"އެވެ.
އެތައް ވަރަކުން ޖަލަށްލާފައި، ކޯޓުން އެ ވަރުގެ ހުކުމެއް ކުރީމާ އޭގެ ނަތީޖާއަކީ މިއެވެ. އެ މީހާ އެ ހުންނަނީ އަނެއްކާ ވެސް މަގުމަތީގައެވެ. އެ ވަރުގެ ހުކުމެއް ކުރީމައި ވެސް އެ ތަންފީޒު ނުވާނަމަ، ކޯޓުތަކުގައި މި ސަކަރާތް ޖެހުމުގެ ބޭނުމެއް ނެތެވެ. އެއްވެސް ކުށްވެރިއަކު ބަންދު ވެސް ކުރާނެ ކަމެއް ނެތެވެ. ޖަލުތައް ވެސް ތަޅައިލާފައި އަޅަންވީ ސިޔާސީ ޖަގަހައެކެވެ.
"އަޅުގަނޑުގެ ކަންބޮޑުވުމަކީ ޕީޖީން ދައުވާކޮށްގެން ރާއްޖޭގެ މަސްތުވާތަކެތި އެތެރެކުރާ މީހުން ޕްރޮސިކިއުޓް ކުރަންވެގެން ކޯޓުތަކުން ދައުވާތަކެއް ސާބިތުކުރީމައި، ހުކުމް ތަންފީޒުނުކުރެވޭ ކަމަށްވަންޏާ މިއީ ކީއްކުރަން ކުރާ ކަމެއްތޯ؟ އަޅުގަނޑުމެން މިއީ ކީއްކުރަން ކުޅޭ ޑްރާމާއެއްތޯ؟ ބޮޑު ސިންގާ ދައުލަތަކުން، ގާނޫނުތަކެއް ހަދައިގެން،" ފަނޑިޔާރު ނިޔާޒް ނުރުހިގެން ހުންނަވައި ވިދާޅުވިއެވެ.
ފަނޑިޔާރު ނުރުހުންވާން ހައްގެވެ. މިއީ ދައުލަތެއްގެ ސިފައިގައި ރާއްޖެ ފެއިލްވުމެވެ. މިއީ ޖަންގަލީ އުސޫލެވެ.
އިހުސާންތެރިކަމާއި އިންސާނިއްޔަތަށްޓަކައި ކުށްވެރިންގެ އަދަބު ލުއިކޮށްދޭން ގާނޫނުން ރައީސަށް ލިބިދޭ ބާރަކީ ނަހަމަ ގޮތުގައި އޭގެ ނާޖާއިޒު ފައިދާ ނަގަން ހުޅުވައިދޭ ދޮރެއް ނޫނެވެ. އެއީ، ރައީސް ބޭނުންފުޅުހާ ގޮތަކަށް 'އެބިއުސް'ކުރަން އޮންނަ ބާރެއް ނޫނެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑު ކަންބޮޑުވުމެއް ފަނޑިޔާރުންގެ ގޮތުގައި ތިބެ ހުކުމްކޮށްފައި ހުކުމް ތަންފީޒެއްނުވޭ. ދެން މި ގޮތަށް ވަންޏާ ކީއްކުރަންތޯ މިކަން މި ކުރަނީ؟ އަޅުގަނޑުމެން ލަދުގަންނަން ޖެހޭނެ ނޫންތޯ ދައުލަތެއްގެ ހައިސިއްޔަތުން،" ފަނޑިޔާރު ނިޔާޒް ވިދާޅުވިއެވެ.
ހަމައެއްލަމައެއް ނެތެވެ. އަދަބެއްސަދަބެއް ނެތެވެ. ގާނޫނެއް ގަވާއިދެއް ނުހިނގައެވެ.
ފަނޑިޔާރު ވިދާޅުވީ ރަނގަޅަށެވެ. ތަންފީޒުނުވާ ހުކުމެއް ކުރާނެ ކަމެއް ނެތެވެ. ނުރައްކާތެރި ކުށްވެރިން ނުބޭތިއްބޭ ޖަލެއް ވެސް ބަހައްޓާނެ ކަމެއް ނެތެވެ. ޖަލެއްގެ ބޭނުމެއް ނެތެވެ.