އިސްލާމިކް ފައިނޭންސިންގް ދާއިރާގެ ސަރަހައްދީ ފޯރަމް ފަށައިފި

ހަތަރުވަނަ އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތް އޭޝިއާ-- ސަންފޮޓޯ/ ފަޔާޒު މޫސާ

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާ (އައިއެފްއެފްއެސްއޭ)ގެ ހަތަރު ވަނަ އެޑިޝަން މިއަދު ފަށައިފި އެވެ.

މިއަދު ހެނދުނު 9:00 އިން ހަވީރު 4:30 އާ ހަމައަށް ހޮޓެލް ޖެންގައި ކުރިއަށް ގެންދާ އެ ފޯރަމްގައި އިސްލާމިކް ފައިނޭންސިންގް ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކުގެ އިތުރުން ބޭރުގެ ތަޖުރިބާކާރުން ވެސް ވަނީ ބައިވެރިވެފަ އެވެ.

އެ ފޯރަމްގެ ޝަރަފުވެރި މެހެމާނަކީ ސްރީލަންކާގެ އަމާނާ ބޭންކުގެ ޗެއާމަން އަދި އަމާނާ ތަކާފުލްގެ ޑިރެކްޓަރު އުސްމާން ގާސިމް އެވެ.

އެ ފޯރަމްގެ ތެރެއިން ހަތަރު ޕޭނަލް ޑިސްކަޝަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ އިރު، ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ދާއިރާއާ ގުޅުން ހުރި އެވޯޑުތަކެއް ދިނުމަށް ވެސް ވަނީ ރާވައިފަ އެވެ.

އެ ފޯރަމާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ކޮންފަރެންސްގެ ޗެއާމަން އަދި އައިއެންސީއީއައިއެފްގެ އެސޯސިއޭޓް ޕްރޮފެސަރު ޑރ. އައިޝަތު މުނީޒާ ވިދާޅުވީ، މި ފޯރަމްގެ ތެރެއިން މި ސަރަހައްދުގައި އިސްލާމިކް ފައިނޭންސިންގް ފުޅާކުރުމަށް ހުރި ދަތިތަކާއި އެކަމަށް ހޯދޭނެ ހައްލުތަކަކީ ކޮބައިކަމާ މެދު މަޝްވަރާ ކުރާނެ ކަމަށެވެ.

"ރާއްޖެއަކީ މި ރީޖަންގެ ހަބަކަށް [އިސްލާމިކް ފައިނޭންސިންގްގެ] ހެދުމަށްޓަކައި ކުރަން ޖެހޭ މުހިންމު ކަމެއް މި ރީޖަންގެ ހުރިހާ ސްޓޭޓްހޯލްޑަރުން ގެނެސް، އެބޭފުޅުންނާ މަޝްވަރާކޮށް، ރާއްޖެއަށް ހޯދޭނެ ފުރުސަތުތަކަކީ ކޮބައިތޯ ބަލައި، އެ ފުރުސަތުތައް ލިބޭނެ އެންމެ ރަނގަޅު ގޮތަކަށް ރާއްޖޭގެ އިސްލާމިކް ފައިނޭންސިންގްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ބައްޓަން ކުރުމަކީ." މުނީޒާ ވިދާޅުވި އެވެ.

އެ ފޯރަމްގައި ބާއްވާ ހަތަރު ޕޭނަލް ޑިސްކަޝަންގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ މި ސަރަހައްދުގައި އިސްލާމިކް ފައިނޭންސިންގް އޮތް ހާލަތާއި އދ.ގެ އެސްޑީޖީ ހާސިލު ކުރުމަށް ޓަކައި އިސްލާމިކް ފައިނޭންސިންގްއިން އަދާކުރެވޭނެ ދައުރާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން ރާއްޖެއަށް ޚާއްސަ ޕޭނަލް ޑިސްކަޝަނެއް ވެސް ފޯރަމްގައި ކުރިއަށްދާނެ އެވެ.

އަހަރު އެއްފަހަރު ކުރިއަށްގެންދާ އައިއެފްއެފްއެސްއޭ މީގެ ކުރިން ތިން ފަހަރު ވެސް ބާއްވާފައިވަނީ ސްރީލަންކާގަ އެވެ.

comment ކޮމެންޓް