މިޔަރު ގިނަވެ މަސްވެރިންނަށް އުނދަގޫވާތީ މިނިސްޓަރާ ސުވާލުކުރަން ޖާބިރު ހުށަހަޅުއްވައިފި

މިނިސްޓަރު ޒަހާ އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު --

ރާއްޖޭގެ ކަނޑުތަކުގައި މިޔަރު ގިނަވުމުގެ ސަބަބުން މަސްވެރިންނަށް ކުރިމަތިވާ ގެއްލުންތަކުގެ ޝަކުވާ ގިނަވަމުން އަންނާތީ އެކަމާ ހައްލެއް ހޯދުމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާ މަޖިލީހުގައި ސުވާލުކުރަން ނޯޓިސް ފޮނުވައިފި އެވެ.

މިނިސްޓަރު ޒަހާއާ ސުވާލުކުރަން ހުށަހަޅައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ. ޖާބިރު ވަނީ މިނިސްޓަރާ ހަތަރު ސުވާލެއް ކުރަން، ދެ ނޯޓިހެއް ފޮނުވައިފަ އެވެ.

ފުރަތަމަ ނޯޓިހުގައި ސުވާލު ހުށަހަޅައިފައި ވަނީ ރާއްޖޭގެ ކަނޑުތަކުގައި މިޔަރު ގިނަވުމުގެ ސަބަބުން މަސްވެރިންނަށް ކުރިމަތިވާ ގެއްލުންތަކުގެ ޝިކާޔަތު ބޮޑުވެފައިވާތީ، އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުގެ ވިސްނުން ހުރިތޯ އަދި އެކަން ކުރުމަށް ކިހާ މުއްދަތެއް ހޭދަވާނެތޯ ސާފުކުރުމަށެވެ.

ހަމައެއާއެކު ލޭނު އެޅުމުގެ މަސްވެރިކަމަކީ މަސްވެރިންނަށް ވަރަށް ބޮޑު އާމްދަނީއެއް ލިބެމުން އައި ކަމަކަށްވީއިރު، އެކަން ހުއްޓުމަކަށް އައިސްފައިވަނީ ކީއްވެތޯ އާއި އެ ފުރުސަތު އަލުން މަސްވެރިންނަށް ދިނުމުގެ ވިސްނުން ހުރިތޯ ސާފުކުރަން ވެސް ވަނީ ހުށަހަޅައިފައެވެ.

ދެވަނަ ނޯޓިހުގައި ޖާބިރު ހުށަހަޅާފައި ވަނީ މަސްވެރިކަން ޒަމާނީ ކުރުމަށް އެއްވެސް ދިރާސާއެއް މިހާތަނަށް ކޮށްފައިވޭތޯ އާއި ކޮށްފައިވާނަމަ އެ ދިރާސާގެ ނަތީޖާ ސާފުކޮށްދިނުމަށެވެ.

ހަމައެއާއެކު ރާއްޖޭގައި އެންވެރިކަން އަމިއްލައަށް އުފެއްދޭނެ ގޮތަކާ މެދު އެއްވެސް ވިސްނުމެއް ގެންގުޅޭތޯ ސާފުކުރަން ވެސް ޖާބިރު ވަނީ ހުށަހަޅައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މެމްބަރަކަށް ވަޒީރަކާ ސުވާލު ކުރެވޭނީ، އެ ވަޒީރަކާ ކުރަން ބޭނުންވާ ސުވާލުގެ
ނޯޓިސް މަޖިލީހުގެ ރައީސް މެދުވެރިކޮށް، އެ ވަޒީރަކަށް ލިޔުމުން ފޮނުވައި، 14 ދުވަހުގެ މުއްދަތު އެ ނޯޓިހުގެ ތާރީހުން ފެށިގެން ދިނުމަށް ފަހު، މަޖިލީހުގެ ޖަލްސާއެއްގަ އެވެ.

މެންބަރަކު ވަޒީރަކާ ކުރަން ބޭނުން ސުވާލުގެ ނޯޓިސް މަޖިލީހުގެ އިދާރާއަށް ލިބުމުން، އެ ސުވާލެއް ފޮނުވަންޖެހޭ ވަޒީރަށް މަޖިލީހުގެ އިދާރާއިން އެ ސުވާލެއް ލިޔުމުން ފޮނުވަން ޖެހޭނެއެވެ. ސުވާލުގެ ނޯޓިހުގެ ތާރީހު ގުނަން ފަށާނީ މަޖިލީހުގެ އިދާރާއިން ވަޒީރަށް ނޯޓިސް ފޮނުވާ ތާރީހުން ފެށިގެންނެވެ.

comment ކޮމެންޓް