ހައްމާދަށް ހަމަލާދިން ވަޅި ކަނޑުގެ އަޑިން ފުލުހުން ނަގައިފި

ހައްމާދަށް ހަމަލާ ދިނުމުން އިތުރު ފަރުވާއަށް މާލެ ގެންނަނީ ---

ލަނޑާ ނަގާ ދޯންޏެއްގައި ހުއްޓައި އިސްމާއިލް ހައްމާދު، 26 އަށް ހަމަލާދީ ޒަހަމްކޮށްލާފައ ވާއިރު، އޭނާއަށް ހަމަލާދޭން ބޭނުން ކުރި ވަޅި ފުލުހުން ހޯދައިފި އެވެ.

މިމަހުގެ 21 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ހައްމާދު ވެސް މަސައްކަތް ކުރާ ދޯނީގައި ހިނގި ދެބަސްވުމެއްގައި ހައްމާދަށް ވަޅިން ހަމަލާދިނުމުން އޭނާ ވަނީ ކަނޑަށް ފުއްމާލައި އއ މާޅޮހަށް އަރައި އެރަށު މީހުންގެ އެހީތެރިކަމަށް އެދިފަ އެވެ.

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މެމްބަރުން މިއަދު ކުރި ސުވާލުތަކަށް ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހައްމާދަށް ހަމަލާދިން ވަޅި އެ ސަރަހައްދުގެ 15 ވަރަކަށް މީޓާރު އަޑިން ފުލުހުން ހޯދާފައިވާ ކަމަށެވެ.

އަދި އެކަން ހިގާފައިވާގޮތް އެފަރާތްތަކުން ފުލުހުންނާއި ހިއްސާކޮށްފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.

ސީޕީ ހަމީދު ވިދާޅުވީ އެ މައްސަލާގައި މިހާރު ހައްމާދުގެ ބަހެއްވެސް ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި ހައްމާދަށް ހަމަލާ ދިން މައްސަލާގައި ފުލުހުން ހައްޔަރުކޮށްފަައިވާ އިސްމާއިލް އާސިފް ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ކުށަށް އިއުތިރާފުވެފައިވާ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

'ސަން' އަށް ލިބިފައިވާ ބައެއް ފޮޓޯތަކުން ހައްމާދު އަދި އާސިފްވެސް މަސައްކަތްކުރި ދޯނީގައި ގޮސް އެމީހުން ވަނީ ޑިންގީއެއް ވަގަށް ނަގަން މަސައްކަތް ކޮށްފަ އެވެ. އަދި އެމީހުން ހިފަހައްޓައި ބަޔަކު އެމީހުން ފުލުހުންނާ ހަވާލުކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ ލިބިފަ އެވެ.

"ހައްމާދު އާއި އަދި އެހެން ފަރާތަކުން ޑިންގީއެއް ވަގަށް ނަގައިގެން ކަމަށް ބުނެ ޑިންގީއެއްގެ ހަތަރު ފޮޓޯ އަޅުގަނޑު މެންނަށްވެސް މި ފެންނަނީ. އަޅުގަނޑަކަށް އަދި ކަށަވަރު ކުރެވިފައެއް ނެތް ޑިންގީއެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި. ހައްމާދު ނުވަތަ ހައްމާދުއާ އެއްކޮށް އުޅުނު ފަރާތެއް ޕޮލިސް ސާވިސްއަށް ހާޒިރުކޮށް ހިފަހައްޓައި ނުވަތަ އެޅިގެންދިޔަ ފިޔަވަޅުތަކެއް އަދި އަޅުގަނޑަކަށް ބަލައިލެވިފައެއް ނެތް." ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި އެވެ.

ހައްމާދަކީ މީގެ ކުރިންވެސް އެކި ކުށުގެ ރިކޯޑު އޮތް މީހެއްކަން ސީޕީ ފާހަގަކުރެއްވި އެވެ. އެގޮތުން ސެޕްޓެމްބަރު 22 ވަނަ ދުވަހު މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނުތަކެއް ވައްދަން އުޅުމުން ވަރަށް ފަހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ހައްމާދަށް ދިން ހަމަލާތަށް އޭނާ އައިޖީއެމްޗުގައި ފަރުވާ ހޯދަމުން ދާއިރު އޭނާ މިހާރު އޮތީ އައިސީޔޫއިން ނެރި ވޯޑުގައި ކަމަށާއި ހާލު ރަނގަޅުވަމުން އަންނަ ކަމަށް ސީޕީ ވިދާޅުވި އެވެ.

comment ކޮމެންޓް