ޑރ. އަފްރާޝީމްގެ ތަހުގީގު ރިޕޯޓަށް ބަލައި ދައުވާކުރެވޭނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓުގައިވާ މައުލޫމާތުތަކަށް ބަލައިގެން ދައުވާ އުފުލެން ޖެހޭނަކަމަށް ރައްޔިތުންގެ މަޖިލީހުން ގަބޫލުކުރާ ކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުން ވަނީ އެ ރިޕޯޓު ދިރާސާކުރުމަށްފަހު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީ، އިން އެކުލަވާލި ރިޕޯޓު ފާސްކޮށްފައެވެ.

އެ ރިޕޯޓަށް ވޯޓަށް އެހުމުގެ ކުރިން، ރިޕޯޓާ ގުޅިގެން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި، މައްސަލައިގައި ސަރުކާރުން ދެން ކުރަން ހުރި މަސައްކަތްތަކަކީ ކޮބައިކަމާ އަދި ދައުވާ ކުރެވެން ހުރި ފަރާތްތަކަކީ ކޮބައިކަން ސާފުކޮށް އެނގޭ ކަމަށެވެ.

ނަމަވެސް މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރަން ނުވަތަ އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް އުފުލާނެ ޖާގައެއް ނެތް ކަމަށް މަރު ކޮމިޝަނުގެ ނައިބު ރައީސް އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ކަމަށެވެ.

މައްސަލައިގައި ހައްޔަރުކުރަން ޖެހޭ، ނުވަތަ ދައުވާ އުފުލަން ޖެހޭ މީހަކު ހުރިކަން ސާފުކޮށްދިނުމަށް، ދެ ފަހަރެއްގެ މަތިން މަރު ކޮމިޝަނާއި ޕީޖީ އަރިހުން އެދިވަޑައިގެން ކަމަށާއި، ނަމަވެސް މިއަދާ ހަމައަށް ވެސް އެފަދަ ފަރާތެއް ކޮމިޝަނުން ބުނެދީފައި ނުވާކަމަށް އިމްރާން ވިދާޅުވިއެވެ.

ނަމަވެސް ނަޝީދު ވިދާޅުވީ މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނާ ފަރާތްތަކާމެދު ދައުވާ ކުރެވޭނެ ކަމަށް މަޖިލީހުގައި ތިއްބަވާ ގާނޫނީ ވަކީލުން ގަބޫލުކުރައްވާކަމަށެވެ.

އެހެންކަމުން ޕީޖީ އޮފީހުގެ ވަކީލުންނާއި މަޖިލީހުގައި ތިއްބަވާ ގާނޫނީ ވަކީލުން މައްސަލައިގައި ދެކިވަޑައިގަންނަވާ ގޮތް ދިމާނުވާތީ ނަޝީދު ސުވާލު އުފައްދަވައިފައެވެ.

ނަމަވެސް އެއް ބަޔަކީ އަނެއް ބަޔަކަށް ވުރެ ދެރަ ބައެއް ކަމުގައި ވިދާޅުވާން ދަތި ކަމަށާއި، އެއް ބަޔަކު އަނެއް ބަޔަކާ އަޅާކިޔަން އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށް ވިދާޅުވިއެވެ.

"މިތަނުގައި ތިއްބެވި ގާނޫނީ ވަކީލުންނަށް ގާނޫނީ ހަމަތަކުގެ މަތިން މި ރިޕޯޓުގައިވާ މައުލޫމަތަށް ބަލައި ދައުވާ ކުރެވެން އޮތް ކަން އެބަ ވަރަށް ސާފުކޮށް ބަޔާންކުރޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެހެންކަމުން މައްސަލައިގައި ދައުވާނުކޮށް އޮތީ ދައުވާ ކުރެވެން ނެތިގެން ކަމަށް މަޖިލީހަށް ގަބޫލުނުކުރެވޭ ކަމަށެވެ.

ކޮމިޝަންގެ ތަހުގީގު ރިޕޯޓްގައި ބުނެފައިވަނީ، ޑރ. އަފްރާޝީމްގެ މަރަކީ، ދީނީ ހިޔާލުތަފާތުވުންތަކުގައި ހައްދުފަހަނަ އެޅި ޖިހާދީ ގުރޫޕަކުން ފަންޑުކޮށްގެން ކުރި ކަމެއް ކަމަށެވެ. އެ ހަމަލާ ރޭވުމުގައި އެންމެ ބޮޑު މޭސްތިރިޔަކީ ހ. ހިލްޓަން، އަޒްލީފް ރައޫފް ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

ޖިހާދީ ފިކުރުގެ އެ ޖަމާއަތުން ޑރ އަފްރާޝީމާ މެދު ހިތްހަމަނުޖެހުންތައް ހުރީ ކީއްވެގެންކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މަރުވެފައި ތިބޭ މީހުންނަށް ނަދުރު ބުނުމާއި، އަންހެންމީހާގެ އައުރައަކީ ކޮބައިކަމާމެދު ޑރ. އަފްރާޝީމް ދެކެވަޑައިގެންނެވި ގޮތަކީ އިލްމުވެރިންގެ މެދުގައި ހިތްހަމަނުޖެހުން އޮތް ކަމެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މަޖިލީހުން އެ ރިޕޯޓު ދިރާސާކޮށް ނިންމައި 11 ކަމެއް ކުރަން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ރިޕޯޓުގައި ފާހަގަކޮށްފަައިވާ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ޖަމިއްޔާ ޖަމާއަތްތަކާ މެދު ލަސްނުކޮށް ފިޔަވަޅު އަޅަން މަޖިލީހުން ވަނީ ނިންމާފައިވެ އެވެ.

ޑރ އަފްރާޝީމްގެ މަރު ތަހުގީގުކޮށް އެކުލަވާލީ ރިޕޯޓުގައި ހިމަނާފައިވާ ޖަމާއަތްތަކުގެ ތެރޭގައި ރާއްޖޭގައި މިހާރު ރެޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާއަކަށް ހިމެނެނީ ހަމަ އެކަނި ސަލަފް ޖަމިއްޔާ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ހައްދު ފަހަނެ އެޅި ފިކުރުގެ ޖަމާއަތްތައް:

  • ޖަމިއްޔަތުއް ސަލަފް
  • ރާއްޖޭގައި ހިންގާ އަލްގައިދާ ޖަމާއަތް
  • އިސްލާމިކް ސްޓޭޓްސްއަށް ބައިއަތު ހިފި ޖަމާއަތް
  • ސީރިއާއާއި އިރާގުގައި ހަރަކާތްތެރިވާ ޖަބްހަތުއްނުސްރާއަށް ވާގިވެރިވާ އަލްގައިދާގެ ޖަމާއަތް

އޭގެ އިތުރުން ރިޕޯޓުގައި ފާހަގަކޮށްފައިވާ 11 ކަމެއްގެ ތެރޭގައި އެނގި ތިބެ ޑރ އަފްރާޝީމް އަލީގެ މަރު ފޮރުވަން މަސައްކަތް ކުރި މީހުންނަށް މިހާރުން މިހާރަށް ފިޔަވަޅުއަޅަން ވަނީ ގޮވާލާފަ އެވެ. އަދި ޑރ އަފްރާޝީމް އަލީގެ މަރާ ގުޅޭ އެކިއެކި ކަންކަމުގެ މައުލޫމާތު ލިބިފައިވާ މީހުންގެ ލިސްޓެއް މަޖިލީހުން ވަނީ އެކުލަވާލާފަ އެވެ. އެ ލިސްޓުގައި އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނޭ ގޮތަށް 36 މީހެއްގެ ވާހަކަ ފާހަގަކޮށްފައިވެ އެވެ.

ޑރ އަފްރާޝީމް އަލީ މަރާލާފައވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ސިޑި ކައިރިންނެވެ.

comment ކޮމެންޓް