ބޮޑު އުންމީދުތަކަކާ އެކު ރާއްޖޭގެ ޓީމުތައް ނޭޕާލަށް ފުރަން ފަށައިފި

މިއަހަރު މޮރިޝަސްގައި އޮތް އައިއޯއައިޖީގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

ނޭޕާލުގައި ފަށަން ތައްޔާރުވެފައިވާ ސަރަހައްދީ އެންމެ ބޮޑު މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ޓީމުތައް އެ ގައުމަށް ފުރަން ފަށައިފި އެވެ.

އަންނަ މަހުގެ އެއް ވަނަ ދުވަހު ރަސްމީކޮށް ގޭމްސް ފެށުމަށް ހަމަޖެހިފައި އޮތް ނަމަވެސް މި މަހުގެ 27 ވަނަ ދުވަހު އަންހެން އަދި ފިރިހެން ވޮލީ މުބާރާތް ފަށާނެ އެވެ. މިފަހަރުގެ ގޭމްސްގައި 15 ކުޅިވަރެއް އޮންނަ އިރު ގޭމްސް ކުރިއަށް ދާނީ ނޭޕާލުގެ ދެ ސަރަހައްދެއްގަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑެތި އަދި ގިނަ ކުޅިވަރުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކެޕިޓަލް ކަތަމަންޑޫގަ އެވެ. އަނެއްބައި ކުޅިވަރުތައް ކުޅޭނީ ޕޮކަހަރާގަ އެވެ.

އެހެން ކަމުން އަންހެން އަދި ފިރިހެން ވޮލީ ޓީމުގެ ކުޅުންތެރިން ވަނީ މީގެ ތިން ދުވަސް ކުރިން ނޭޕާލަށް ގޮސްފަ އެވެ. ފިރިހެން ބައިގެ ފުރަތަމަ މެޗު މި މަހުގެ 28 ވަނަ ދުވަހު ފަށާއިރު ފުރަތަމައިން ކުޅެން ޖެހޭނީ ޕާކިސްތާނާ އެވެ. އަންހެން ޓީމުގެ ފުރަތަމަ މެޗު އޮތީ 27 ވަނަ ދުވަހު ޕާކިސްތާނާ ދެކޮޅަށެވެ.

އޮގަސްޓް، 13، 2019: ރާއްޖެ އާއި ލަންކާއާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ވޮލީބޯޅަ މެޗްގެ ތެރެއިން: މެޗު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފްގެ އިތުރުން އދ. ގެ ޒުވާނުންގެ މަންދޫބު ޖަޔާތުމާ ވެސް ވަޑައިގެންނެވި -- ފޮޓޯ/ ރައީސް އޮފީސް

މިފަހަރުގެ ގޭމްސްގައި ވާދަކުރާ ފެތުންތެރިންގެ ޓީމު ނޭޕާލަށް ފުރުމުގެ ކުރިން ތަމްރީން ހެދުމަށް ތިބީ މިވަގުތު އިންޑިއާގަ އެވެ. މިފަހަރުގެ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކުރިން ގައުމީ ރެކޯޑުތައް ހަދާފައިވާ އޮލިމްޕިކް ފެތުންތެރިޔާ ފާތިމަތު ފާރިހާ އެވެ. އަދި ކޯޗުންގެ ގޮތުގައި ގައުމީ ޓީމުގެ ހެޑް ކޯޗު އިބްރާޙީމް މޫސާ އާއި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އާދަމް މުހައްމަދު ބައިވެރިވާ ކަމަށް ވެސް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތު ދެ އެވެ.

މިފަހަރުގެ ފެތުންތެރިންގެ ޓީމުގައި ހިމެނެނީ ހަތަރު އަންހެން ފެތުންތެރިންނާއި ހަ ފިރިހެން ފެތުންތެރިންނެވެ. އެ ފެތުންތެރިންނަކީ އާއިޝަތު ސައުސަން، އާއިޝަތު ސާޖިނާ، އާއިޝަތު އުލްޔާ ޝާއިގް، ހަމްނާ އަހުމަދު، މުބާލް އައްޒާމް އިބްރާހީމް، އަލީ އިއްމާން، ޙަސަން އަޝްރަފް، ހުސައިން ހާއިޝް ހަސަން، ހުސައިން މުބާހު އަދި މުހައްމަދު އާން ހުސައިން އެވެ.

މީގެތެރެއިން އިންޑިއާގައި ކޭމްޕް ކުރާނީ މުބާލް އައްޒާމް އިބްރާޙީމާއި އާއިޝަތު ސާޖިނާ ފިޔަވާ ދެން ތިބި ފެތުންތެރިންނެވެ. މި ދެ ފެތުންތެރިން މިވަގުތު އަންނަނީ އޮލިމްޕިކް ސްކޯލާޝިޕްގެ ދަށުން އޮސްޓްރޭލިއާ އަދި މެލޭޝިޔާގައި ތަމްރީން ހޯދަމުންނެވެ. އެ ދެ ފެތުންތެރިން ވެސް ވަރަށް އަވަހަށް ޓީމާ ގުޅޭނެ ކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތު ދެ އެވެ.

މިފަހަރުގެ ގޭމްސްގެ ބެޑްމިންޓަން އިވެންޓުގައި ރާއްޖެއިން ވާދަކުރަނީ އަންހެން ބެޑްމިންޓަން ޓީމެވެ. ގޭމްސްގައި ވާދަކުރާ މި ޓީމުގައި ހިމެނެނީ ޖުމްލަ ހަ ކުޅުންތެރިންނެވެ. ގައުމީ އަންހެން ބެޑްމިންޓަން ޓީމްގައި ހިމެނެނީ ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ޕެއާ ކަމަށްވާ ފާތިމަތު ނަބާހާ އާއި އާމިނަތު ނަބީހާ ގެ އިތުރުން ނީލާ ނަޖީބް އާއި މާޝާ ރަޝީދު އަދި އާމިނަތު ޝަހުރުނާޒް މޫސާ އާއި މައިސާ ފަތުހުﷲ އެވެ.

ބެޑްމިންޓަން ޓީމު ވެސް ނޭޕާލަށް ފުރުމުގެ ކުރިން ފަހުގެ ތަމްރީންތައް ފުރިހަމަ ކުރަމުން މިވަގުތު އަންނަނީ އިންޑިއާގަ އެވެ. ފަރިތަކުރުންތަކަށް ފަހު ޓީމު ގޭމްސްއަށް ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28 ގަ އެވެ.

މިފަހަރުގެ ގޭމްސްއަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމު ކަމަށްވާ އަންހެން ފުޓުބޯޅަ ޓީމުވެސް މުބާރާތަށް ދިއުމުގެ ކުރިން މިވަގުތު އަންނަނީ ދުބާއީގައި ރަނގަޅު ފެންވަރުގެ ތަމްރީންތަކެއް ކުރަމުންނެވެ. ހޮނިހިރު ދުވަހުގެ ހެނދުނު ފުރި މި ޓީމު ދުބާއިގައި ތަމްރީނުތައް ފުރިހަމަކުރުމަށް ފަހު ދެން ދާނީ މުބާރާތް ބާއްވާ ނޭޕާލްގެ ޕޮކާރާ އަށެވެ. ޕޮކާރާ އަކީ އަންހެން ފުޓުބޯޅަ ކުޅުމަށް ހަމަޖެހިފައިވާ ސަރަހައްދެވެ.

ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ޓްރެއިނިންގް ކޭމްޕަށް ގަތަރަށް ފުރުމުގެ ކުރިން --- ފޮޓޯ// އެފްއޭއެމް

ދުބާއީގައި ފަރިތަކުރުންތައް ހަދަމުން އަންނަ އަންހެން ޓީމުގެ ހެޑް ކޯޗަކީ އަހުމަދު ނާޝިދު (ނާދު) އެވެ. އަދި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އިސްމާއީލް އަނިލް އެވެ. އެ ޓީމުން ވަނީ ދާދި ފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަންހެން ފުޓުބޯޅަ ޓީމާ އެކު އެކުވެރިކަމުގެ މެޗެއް ކުޅެ އެއްވަރުކޮށްފަ އެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު ތިނެއްގައި އިންޑިއާއާ ދެކޮޅަށް ނުކުންނައިރު ދެވަނަ މެޗުގައި ޑިސެމްބަރު ފަސް ވަނަ ދުވަހު ބައްދަލުކުރާނީ މުބާރާތް ބާއްވާ ނޭޕާލާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ޑިސެމްބަރު ހަތްވަނަ ދުވަހު ބައްދަލުކުރާނީ ސްރީލަންކާއާއި ދެކޮޅަށެވެ. އަންހެން ފުޓުބޯޅައިގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު ނުވައެއްގަ އެވެ.

ގޭމްސްގައި ބައިވެރިވާ ފިރިހެން ޓީމު ރާއްޖޭގައި ތަމްރީންތައް ހަދަމުން އަންނަ އިރު ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ނޭޕާލަށް ފުރާނެ އެވެ. ފިރިހެން ޓީމު މިހާރު ވެސް މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރަށް އޮތް އިރު 23 އަހަރުން ދަށުގެ ޓީމާ އެކު ޓީމުގައި އިތުރު ތިން ސީނިއާ ކުޅުންތެރިން ވެސް ވަނީ ހިމަނައިފަ އެވެ. އެ ތިން ކުޅުންތެރިންނަކީ ކެޕްޓަން އަކްރަމް އަބްދުލް ޢަނީ، އިބްރާހިމް މަހުދީ އަދި މުހައްމަދު ހަމްޒާ އެވެ.

މީގެ އިތުރުން ގޭމްސްގައި ވާދަކުރުމަށް އަންހެނުންގެ ޤައުމީ ކްރިކެޓް ޓީމާއި ފިރިހެނުންގެ ޤައުމީ ކްރިކެޓް ޓީމް ނޭޕާލަށް މިހާރު ވަނީ ފުރައިފަ އެވެ. މިއީ ރާއްޖޭގެ އަންހެން ކްރިކެޓް ޓީމެއް އެކުލަވާލައި ބައިނަލް އަގުވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ގޭމްސް ފެށުމުގެ ދުވަސްކޮޅެއް ކުރިން ނޭޕާލަށް ޓީމް ދިއުމުގެ އެންމެ ބޮޑު ބޭނުމަކީ އެގައުމުގެ މާހައުލަށް ޓީމް ހޭނުމެވެ. އެގޮތުން ގޭމްސްގައި ކުޅޭ ދަނޑާއި ރާއްޖޭގައި ޓީމު ފަރިތަކުރި ޕިޗް ވަރަށް ބޮޑަށް ތަފާތެވެ. އެހެންކަމުން ގޭމްސްގެ ކުރިން ނޭޕާލްގައި ފަރިތަކުރުންތަކެއް ކުރިއަށްގެންދިއުން ވަރަށް މުހިންމު ކަމެއް ކަމަށް ކްރިކެޓް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ގޭމްސް އަށް ހޭންޑްބޯޅަ ޓީމް އެންމެ ފަހުގެ ތައްޔާރީތަށް ވުމަށް ކޭމްޕް ކުރަމުން މިވަގުތު އަންނަނީ އިންޑޮނޭޝިޔާގެ ޖަކާޓާގަ އެވެ. ގޭމްސްއަށް ގައުމީ ހޭންޑްބޯޅަ ޓީމުން ތައްޔާރުވަމުން އަންނަނީ ސާބިއާގެ ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ. ޓީމް ޖަޕާނުގައި ކޭމްޕް ކުރުމަށް ފަހު ދެން ދާނީ ގޭމްސްގައި ވާދަކުރުމަށް ސީދާ ނޭޕާލްއަށެވެ.

މިފަހަރުގެ ސައުތް އޭޝިއަން ގޭމްސްގައި ގައުމީ ހޭންޑްބޯޅަ ފިރިހެން ޓީމް ލައްވާލާފައި ވަނީ އިންޑިއާ އާއި ބަންގްލަދޭޝްއާ އެކު ގްރޫޕް އޭގަ އެވެ. ގައުމީ އަންހެން ހޭންޑްބޯޅަ ޓީމް ލައްވާލާފައިވަނީ އިންޑިއާ އާއި ޕާކިސްތާނާއި އެކު އޭ ގުރޫޕުގަ އެވެ.

ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން ޓީމާއި ފިރިހެން ބާސްކެޓް ޓީމްވެސް މިހާރު ދަނީ ޗައިނާގެ ކުންމިންގައި ކޭމްޕް ކުރަމުންނެވެ. މިކޭމްޕްގައި ކުޅުނު ފުރަތަމަ މެޗް ގައުމީ އަންހެން ބާސްކެޓް ޓީމް ކާމިޔާބުކޮށްފައިވަނީ 35 ޕޮއިންޓްގެ ތަފާތުންނެވެ. އެއީ 61 ޕޮއިންޓް 26 ޕޮއިންޓުންނެވެ. ނަމަވެސް ޗައިނާގެ ކުންމިންގެ ސަންޝައިން ގުރޫޕް އޮފް ޔުނާން ޔުނިވަރސިޓީ އޮފް ފައިނޭސް އެންޑް އިކޮނޮމިކްސް ޓީމާ ވާދަކޮށް ފިރިހެން ބާސްކެޓް ޓީމު ވަނީ އެއް ޕޮއިންޓްގެ ތަފާތުން ބަލިވެފަ އެވެ.

ގޭމްސްގައި ވާދަކުރުމަށް އެންމެ ދުރާލައި ތައްޔާރުވަމުން އަންނަ އެއް ކުޅިވަރަކީ އެތުލެޓިކްސް އެވެ. އެގޮތުން ޔޫތު މިނިސްޓްރީގެ ހަރަދުގައި އިންޑިއާގެ ޕަޓިއާލާއަށް ދެ ސްޕްރިންޓަރުން ކަމަށްވާ ހަސަން ސާއިދާއި އިބާދުﷲ އާދަމް އާއި މިޑްލް ޑިސްޓެންސް ދުވުންތެރިން ކަމަށްވާ ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އަދި ހުސެއިން ރިޒާ (ކުޑަރިޒާ) ކެންޔާ އަށް ފޮނުވި މެރެތަން ދުވުންތެރިޔާ ޝިފާޒް މުހައްމަދު ވަނީ ފޮނުވާފަ އެވެ.

އެތަނަށް ދިޔަ ހަތަރު ދުވުންތެރިންގެ ތެރެއިން ސާއިދު ވަނީ އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްގައި 2016 ވަނަ އަހަރު 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. އޭގެ ކުރީ އަހަރު އޭނާ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. ޖުލައި މަހު މި އަހަރުގެ އައިއޯއައިޖީން އޭނާ 200 މީޓަރުން ލޯ މެޑަލް ހޯދި ނަމަވެސް 100 މީޓަރު ދުވުމުން ލިބުނީ ހަތަރު ވަނަ އެވެ.

މީގެ އިތުރުން ވެސް ބާކީ ހުރި ކުޅިވަރުތަކުގައި ވާދަކުރާ ދިވެހި ޓީމުތައް ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ނޭޕާލަށް ފުރާނެ ކަމަށް އޮލިމްޕިކް ކޮމިޓީން ވަނީ މައުލޫމާތު ދީފަ އެވެ.

comment ކޮމެންޓް