އަނަސްގެ މަރު: ހަތަރު މީހަކު ހަމަލާ ދިނުމަށްފަހު އިތުރު ސައިކަލްތަކެއްގައި ފިލި

އަނަސް މަރާލި މީހުން: ދައުވާ ލިބޭ ހަތް މީހުން ވެސް ވަނީ އެކަމަށް އިންކާރު ކޮށްފައި ---

ގައިގެ އެތަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްއަށް ހަމަލާދީފައިވަނީ ސައިކަލު ތަކެއްގައި އައި ހަތަރު މީހަކު ކަމަށާއި ހަމަލާ ދިނުމަށްފަހު އެ މީހުން ފިލި ކަމަށް ދައުލަތުން ބުނެފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ، އަނަސް މަރާލި މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާން އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.

އެ މީހުންގެ ތެރެއިން، މުހައްމަދު ސާޒު އާއި ޖުނައިހު އަބްދުﷲ އާއި ހަސަން މަހްފޫޒު އަދި ސިމާހު މޫސާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ހަތަރު މީހުންނަކީ އަނަސްއަށް ހަމަލާ ދިންމީހުން ގޮވައިގެން ސައިކަލްތަކުގައި އައި މީހުންނެވެ.

އަނަސް އަށް ހަމަލާ ދީފައިވަނީ އަހުމަދު ޒަޔާނާއި އަފްރާހު އަބްދުއްރައްޒާގާއި އުސްމާން ޝަރީފު ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އަދި އެ ތިން މީހުންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އެ މީހުން އަނަސް އަށް ހަމަލާދިނުމަށް އައުމުން، ސައިކަލެއް މަތީގައި އިށީންދެ އިން އަނަސް ވަނީ ދުވެފައި ގޮސް ލިޓަސް ސާވިސް ސެންޓަރަށް ވަދެފަ އެވެ. އަދި އެ މީހުން އަނަސްއަށް ވަޅިން ހަމަލާދީފައިވަނީ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ދައުވާ ލިބޭ ހަތް މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހެކި ހުށަހަޅާފަ އެވެ. އެގޮތުން ސިއްރުން ހެކިބަސް ދިނުމަށް ހަތް މީހެއްގެ ނަން ހުށަހަޅާފައިވާއިރު ވީޑިއޯ ރިޕޯޓާއި ފޯން ކޯލް ރިކޯޑިންގެ އިތުރުން އިންޓަލިޖެންސް ރިޕޯޓެއް ވެސް ޕީޖީން ހުށަހަޅާފަ އެވެ.

ހަތް މީހުން ވެސް ދައުވާއަށް އިންކާރު

އަނަސްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަތް މީހުން ވެސް މިއަދުގެ އަޑުއެހުމުގައި ވަނީ ދައުވާ އަށް އިންކާރު ކޮށް އެ ހާދިސާ ހިނގި ވަގުތު އެތަނުގައި ނެތް ކަން ހާމަ ކުރުމަށް ދިފާއީ ހެކި ހުށަހަޅާފަ އެވެ.

އެގޮތުން ހަމަލާ ދިން ކަމަށް ދައުލަތުން ބުނާ އަފްރާހު އާއި މާރާލުމުގައި ބައިވެރިވިކަމަށް ބުނާ މަހްފޫޒު އެ ދުވަހު ހުރީ ހުޅުމާލޭގައި ކަމަށް އޭނާގެ ވަކީލް އާދަމް އާސިފް ވަނީ ވިދާޅުވެފަ އެވެ. އެ ދެ މީހުންގެ އިތުރުން އެހެން މީހުން ހުރި ތަނުގެ ތަފްސީލް މިއަދުގެ އަޑުއެހުމުގައި ހާމަ ނުކުރި ނަމަވެސް ޝަރީއަތަށް އެކަން ހުށަހަޅާފައިވާނެ ކަމަށް އެ ފަރާތްތަކުގެ ވަކީލުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް