''ހޭއި ޝާން، މީ އަހަރެންގެ ލޯޔާރ ތާރާ......'' މަތިއޮމާންކޮށްލަން އުސައިދު ދޮގެއް ހަދާލިއެވެ. ތާރާއަށް ވެސް ކަމެއް ފަހުމުވެގެން އުސައިދުގެ ދޮގުގައި ބައިވެރިވިއެވެ. ބޭރުތެރޭގައި އުޅޭއިރު އެދެމެދުގައި އޮންނަ ގުޅުން ލޯތަކަށް ސިއްރުކުރަން އުސައިދު އަބަދުމެ މަސައްކަތްކުރެއެވެ. ނަމަވެސް ހަތަރުފާރުތެރޭގައި އެކަނިވުމުން ލޯބި ނޫން އެހެން އެއްޗެއް އުސައިދުގެ ފަރާތުން އޭނައަށް ނުލިބެއެވެ. ފައިސާއާއި އަގުހުރި ސާމާނުތައް ބުނި ވަރަކަށް ލިބޭތީ އުސައިދު އެދުނު ގޮތަކަށް ތާރާ ކަންތައް ކުރެއެވެ. އުސައިދު ކައިވެންޏެއް ކޮށްގެން އުޅޭކަން ވެސް އޭނައަށް އެނގެއެވެ. ނަމަވެސް އޭނަގެ ހިތުގެ ހުރިހާ މުރާދެއް ހާސިލުވާތީ ތާރާ ހުންނަނީ ހުރިހާކަމެއް ވަރިހަމަ ވެގެންނެވެ. ބޮޑެތި ފާފަތަކަށް އަރައިގަންނަނީ ޖެހިލުމެއް އަދި ބިރެއް ނެތިއެވެ.

''އަހަރެން ދަނީ...'' އަޝްކާންގެ ފަރާތުން ފެނުނު ރުޅިވެރިކަމުން ތާރާ ގަތީ އަމަށަކު ބިރެއް ނޫނެވެ. އަވަސްއަވަހަށް އެތަނުން ދާން ބޭނުންވީ އެހެންވެއެވެ. ތާރާ ދިއުމުން އުސައިދު ހިނިތުންވުމަކާއެކު ވާހަކަދައްކަން ފެށިއެވެ.

''ދޮންތަ ކިހިނެއްތަ؟...'' އުސައިދު އަހާލިއެވެ.

އުސައިދުގެ ތުންފަތަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވެގެން ދިޔަކަން އަޝްކާންއަށް ފާހަގަ ކުރެވުނެވެ. އެއާއެކު އޭނަ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. މުށްކަވާލެވުނުއިރު އޭނަގެ ކަތުރު ކަށިގަނޑަށް ވާންކަން ވެރިވެގެން ދިޔައެވެ. ރުޅިވެރިކަމުގެ ހޫނުކަން ސިކުނޑިއަށް ސަވާރުވެގެން ދިޔަ ހިނދު އޭނައަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. ނަފުރަތުގެ ބެލުމަކުން އޭނަ އުސައިދުއަށް ބަލާލިއެވެ.

އަޝްކާންއަށް މޮޔަ ކަމެއް ކުރެވުމުގެ ކުރިން ހުޝިޔާރުވެ ހުރި ކައްޔިސް، އަޝްކާންއާއި އުސައިދުގެ ދެމެދަށް ވަނެވެ. އަޝްކާންގެ މޭގައި އަތް ޖައްސާލަމުން ދެފަރާތަށް ބޯހޫރާލީ ނަފުސުގެ މައްޗަށް ރުޅިވެރިކަން ބާރުގަދަވުމުގެ ފުރުސަތު ނުދޭށޭ ބުނާ ފަދައަކުންނެވެ. އެހެން ނޫންނަމަ އިތުރު ހައިޖާންގަނޑެއް އުފެދިގެން ދިއުން ނޫން ކަމެއް ނުވާނެއެވެ.

''ހާދަ ރުޅި ގަދަވެފައޭ ތިހުރީ، އަނެއްކާ ކިހިނެއްވީ؟...''

އަޝްކާންގެ ދެލޮލުގައިވި ނަފުރަތުގެ އަސަރުތަކުން އުސައިދުއަށް ހައިރާންކަން ލިބުނެވެ. އަޝްކާންއަށް އައިސްފައިވި ބަދަލުތައް ފާހަކުރެވި އޭނަގެ ހިތުގައި ސުވާލު އުފެދުނެވެ. ދެވަ ސިކުންތުގައި މެޔަށް ފާޑެއްގެ ބިރުވެރިކަމެއް ވެރިވެގެން ދިޔައީ ދިމްނާ އޭނަގެ ހަޤީޤަތް އަޝްކާންއަށް ހާމަކުރީބާއޭ ހިތަށް އެރުމުންނެވެ. އެއާއެކު ނުތަނަވަސްކަން އޭނަގެ ނަފުސަށް ވެރިވިއެވެ. ހަމައެއާއެކު ދިމްނާ ދެކެ ހިތްހަމަ ވެސް ނުޖެހުނެވެ. އޭނަގެ އަނދިރި ފަރާތް ތިންވަނަ މީހަކަށް ހާމަ ކުރުމުންނެވެ. އެކަމުގެ ނަތީޖާ ނިކުމެދާނެ ގޮތަކާ މެދު އުސައިދު ފިކުރުބޮޑުވިއެވެ. އޭނަގެ އަނދިރިފަރާތް ހުރިހާ މީހުންނަށް ސިއްރެއްގެ ގޮތުގައި ބާއްވަން އޭނަ ބޭނުމެވެ. ނަމަވެސް ދިމްނާއާއި އަޝްކާން ވެފައިވަނީ އެކަމަށް އޮތް ބޮޑު ހުރަކަށެވެ. ނުރައްކަލަކަށެވެ. ހައްލު ބޭނުން ވެފައިވި މުސީބާތަކަށެވެ.

''ކަލޭގެ ދުލުން ދޮންތަގެ ނަން ވެސް މީގެ ފަހުން ނުކިޔާތީ!...'' ކައްޔިސްގެ އެދުނުފަދައިން އުސައިދުއާއި ދުރަށް އަޝްކާން ޖެހިލިއެވެ. އަދި ހަށިފުރާ ދޫކޮށްލި ނޭވާއަށް ފަހު އުސައިދުއަށް ވަރުގަދަ އިންޒާރެއް ދިނީ ޝަހާދަތް އިނގިލި ދިއްކޮށްލަމުންނެވެ.

''ތީތަ އަޝްކާންގެ ޅިޔަނުއާ ވާހަކަދައްކަން އެނގުނު ގޮތަކީ؟...'' އަޝްކާންގެ އިންޒާރުގެ ސަބަބުން އުސައިދު ގާތަށް ވެސް ރުޅިއައެވެ. އަޝްކާންގެ ވާހަކަދެއްކުމުގެ މޭރުމުން އޭނަގެ ހަޤީޤަތް ދިމްނާގެ ފަރާތުން އަޝްކާންއަށް އެނގިއްޖެކަން އުސައިދުއަށް ޔަޤީން ކުރެވުނެވެ. އެކަމާ ޖެހިލުންވެ ބިރުގަތުމުގެ ބަދަލުގައި، އަޝްކާން އޭނައަށް އަމުރުކުރުމުން އެކަމާ މެދު އޭނަ ރުޅިގަދަ ވިއެވެ. އުމުރުގެ މިހާތަނަށް އައިއިރު އެއްވެސް މީހަކު އޭނައަށް އަމުރެއްކޮށްފައި ނުވެއެވެ. ހުރިހާ ކަމެއް ވަމުން އައީ އޭނަ ބުނާ ފަދައަކުންނެވެ. ބޭނުންވާ ގޮތަކަށެވެ. ކަން އެހެން އޮތް އިރު އޭނައަށް އަމުރުކުރަން އަޝްކާން އަކީ ކާކު ހެއްޔެވެ؟ އަޝްކާންގެ ހައިސިއްޔަތަކީ ކޮބާ ހެއްޔެވެ؟ ދިމްނާއެއީ އޭނަގެ އަނބިމީހާއެވެ. ދިމްނާގެ މައްޗަށް ބާރުވެރިވުމުގެ ހައްޤު އޭނައަށް ލިބިފައި ވެއެވެ. ބޮޑާކަމާއި ކިބުރުވެރިކަން ވަށާލި ހިނދު އުސައިދުއަށް ބުމަގޮށްޖަހާލެވުނެވެ.

''ކަލޭ ތީ އަހަރެންގެ ޅިޔަނެއް ނޫން، ވަރަށް އަވަހަށް ކަލޭގެ ފަރާތުން ދޮންތަ ސަލާމަތް ކުރާނަން، ހީނުކުރާތީ ކަލޭ ބޭނުންހާ ގޮތެއް ދޮންތައަށް ހެދިދާނެ ކަމަކަށް!... އެހެނެއް ނުވާނެ، އަހަރެން ދުނިޔޭގައި ހުރިހާ ހިނދަކު ދެން ކަލޭގެ އުނދަގޫ ދޮންތައަށް ޖެހުމުގެ ފުރުސަތެއް ނުދޭނަން... ދުނިޔެއަށް ބޭޒާރުވާން ބޭނުންނުވާނަމަ ދޮންތައާ ދުރުން ކަލޭ އުޅެން ޖެހޭނީ، އެހެންނޫނީ ކަލޭގެ ހަޤީޤަތް އެންމެނަށް ހާމަކުރާނަން!... ޔޫ ބޭޓާރ ސްޓޭ އަވޭއި ފްރޮމް މައި ސިސްޓާރ!...'' އަޝްކާން ރުޅިވެރިކަމާއެކު ބުނެލިއެވެ. އޭރުވެސް އަޝްކާން ކަތި ފިޔަވަޅެއް އަޅާފާނެތީ އެކަމަށް ސަމާލުވެގެން ކައްޔިސް ހުއްޓެވެ. އޭނަ ވެސް އުސައިދުއަށް ބަލާލި ނުރުހުމާއެކުގައެވެ.

އަޝްކާންއާއި ކައްޔިސްއަށް ބަލާލި އުސައިދު ޖަހާލީ މަލާމާތުގެ ހިނިގަނޑެކެވެ. އެއާއެކު ލޭހޫނުވެފައިވި އަޝްކާންގެ ރުޅިވެރިކަން އިން ފަހަނައަޅައިދިޔައެވެ. އެވަގުތު އަނެއްކާ ވެސް އަޝްކާން ހިފެހެއްޓީ ކައްޔިސް އެވެ.

''ކާކު އަޝްކާންގެ ވާހަކަ ޤަބޫލުކުރާނީ؟... ހުދު އަޝްކާންގެ މައިންބަފައިން ވެސް އިތުބާރުކުރަނީ އަހަންނަށް، ދެން ތި ދޮގު ވާހަކަތަށް ޤަބޫލުކުރާނީ ކާކުތަ؟، ދެއްކޭނެ އެންމެ ހެއްކެއްގެ މިންވަރު ވެސް ނެތް... ބޭކާރު ވާހަކަތައް ދައްކައިގެން އެންމެންގެ ނަޒަރުގައި އަޝްކާންއާއި ދިމްނާގެ އަގު ވެއްޓުން ނޫންކަމެއް ނުވާނެ!، ފީރިމީހާގެ ބޮލުގައި ދޮގު ތުހުމަތުތައް އެޅުވުމުގެ ސަބަބުން އިތުރަށް ދިމްނާ ބޭޒާރުވުން ނޫންކަމެއް ވެސް ނުވާނެ، އެހެން ވާންތަ އަޝްކާން ބޭނުން ވަނީ، ދޮންތަ ބަދުނާމުވާންތަ؟.... ހެހެހެހެހެ... ޔޫ ކާންޓް ޑޫ އެނީތިންގް ޓު މީ!... އަޑު އިވިއްޖެތަ!...''

މަލާމާތުގެ ހުނުމަކަށް ފަހު އުސައިދު ބުނެލިއެވެ. އަޝްކާންއަށް އޭނަގެ ހަޤީޤަތް އެނގުމުން އެކަމުގެ ބިރުވެރިކަމެއް މިހާރަކު އޭނަގެ މޫނުގައި ނުވެއެވެ. އެއަށްވުރެން ބޮޑަށް އޭނަގެ އަމިއްލަ ނަފުސަށް އޮތް އިތުބާރު ބޮޑެވެ. އެދެލޮލުގައި ވަނީ ނުރައްކާތެރި ވިދުވަރެކެވެ. އޭނައަށް ހުރިހާކަމެއްގައި ކާމިޔާބު ލިބޭނެކަމުގެ ޔަޤީންކަން ވެސް އޮތެވެ. އެހެންވުމުން އޭނަގެ ހަޤީޤަތް އިތުރު މީހަކަށް ބޭޒާރުވާނީ ފަހެ ކިހިނެއް ހެއްޔެވެ؟

''އަދި ބުނަން، ދިމްނާއަށް އަހަރެންގެ ފުށުން ދުވަހަކު ސަލާމަތެއް ނުވެވޭނެ، އަހަރެން އޮންނާނީ އެކަން ކަށަވަރުކޮށްފައި... ދުވަސްތަކެއް ނުވެ ދިމްނާ އަންނަން ޖެހޭނީ ހަމަ އަހަރެންގެ ގާތަށް!!!...'' މަލާމާތުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން އަޝްކާންއަށް އުސައިދު ރައްދު ދިނެވެ. އެއަށްފަހު އެތަނުން ދާން ހިނގައިގަތެވެ. އަޝްކާންއަށް ފަސްދީ ކުރިއަށް ހިންގައިގަތް އިރު އުސައިދުގެ ތުންފަތުގައިވި ހިނިތުންވުން ރުޅިވެރިކަމަށް ބަދަލުވެގެން ދިޔައެވެ. ދިމްނާއާ މެދު އެހިތުގައި އަނދަން ފެށީ ނަފުރަތުގެ ގިނި އަލިފާނެވެ. މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ކާރަށް އުސައިދު އެރިއެވެ. ކާރުގެ ހުންގާނުގައި ބާރަށް ހިފަހައްޓާލެވުނު ހިނދު އެތެރެހަށި ދިޔައީ ރުޅިން ފިއްސަމުންނެވެ.

''ޔޫ ބިޗް، ކަލޭ ހީކުރީތަ ކަލޭގެ ކޮއްކޮ ފޮނުވައިގެން އަހަންނަށް ބިރުދެއްކޭނެ ކަމަށް؟، ކަލެއަށް މިފަހަރު އަހަރެންގެ ހަޤީޤީ ކުލަ ދައްކާލާނަން، އަހަރެންގެ ފައިބުޑަށް ވެއްޓީ ރޮއެ އާދޭސްކޮށް ސަލާންޖަހަންޖެހޭ ވަރު ކުރާނަން، ކަލޭ ހީކުރީތަ އެހާ ފަސޭހައިން ކަލެއަށް އަހަރެންގެ އަތްދަށުން ސަލާމަތްވެވިދާނެ ކަމަށް؟، ކަލެއަށް އަހަރެންގެ ފަރާތުން ސަލާމަތް ވުމުގެ ފުރުސަތެއް އަދި އަހަރެންގެ ހަޤީޤަތް އިތުރު މީހަކަށް ބޭޒާރުކުރުމުގެ ފުރުސަތެއް ވެސް ނުލިބޭނެ، އެހެން ވިޔަކަ އަހަރެން ނުދޭނަން...އަޝްކާން!، ކަލޭ ތިކުޅުނީ އަލިފާނާކަން ރަގަޅަށް އަންގަދޭނަން މިފަހަރު، ޔޫ ޖަސްޓް ވޯކް ދި ޑެވިލް އިން މީ!...'' ރުޅިވެރިކަމުގެ ހަޅޭކެއްގެ އަޑު ބޭރުކޮށްލަމުން އުސައިދު ބުނެލިއެވެ. އޭގެ އިރުކޮޅެއްފަހުން ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ. އެއަށްފަހު ކާރު ދުއްވާލިއެވެ.

*****

އުސައިދު ދިޔަ މަންޒަރު ބަލަން ހުރި އަޝްކާން ހުރީ ރުޅިގަދަވެފައެވެ. އުސައިދު ފަހުން ބުނި ޖުމްލައިގެ ސަބަބުން ވަކިން ބޮޑަށް އޭނަގެ ޠަބީއަތު ގޯސްވިއެވެ. އުސައިދުގެ ވަކިތަކުން ދޮންތަ މިނިވަކުރަން އިތުރު ހިތްވަރެއް އޭނަގެ ހިތުގެ ތެރޭގައި އުފަންވެގެން ދިޔައީ އުސައިދުގެ މަލަމާތުން ފުރިގެންވި ހިނިތުންވުމުގެ ސަބަބުންނެވެ. ކުރެވުނު ކަންތަކާ މެދު އެއްވެސް ޖެހިލުންވުމެއް، ބިރުވެރިކަމެއް އަދި ލަދުވެތިކަމެއް ވެސް އުސައިދުގެ ފަރާތުން ނުފެނުނެވެ. އެއާ ޚިލާފަށް ފެނިގެން ދިޔައީ މަކަރުވެރި، ހިތްނުބައި ޝައިތާނީ ވިސްނުންތަކުން ފުރިފައިވި ޖައްބާރު މީހެކެވެ.

''ޝާން... ޑޯންޓް ލެޓް ހިމް ގެޓް ޓު ޔޫ...'' އަޝްކާން އިންތިހާއަށް ރުޅި އައިސްފައި ހުރިކަން ފާހަގަ ކުރެވުނު ކައްޔިސް ބުނެލިއެވެ. ރުޅީގެ ސަބަބުން އަޝްކާން ކަމެއްކޮށްފާނެތީ އޭނަ ހުރީ ފިކުރުބޮޑުވެފައެވެ. އޭނަ މަސައްކަތް ކުރީ އަޝްކާންއަށް ވިސްނައިދޭށެވެ. ރުޅީގެ މައްޗަށް ބަރޯސާވެ ހުރެ ނިންމާ ނިންމުންތައް ގޯސްވާނެ ވާހަކަ އޭނަ ތަކުރާރުކޮށް އަޝްކާންގެ ގާތުގައި ބުންޏެވެ. އޭނަ އެދެމުން ދިޔައީ އިހުސާސްތަކުގެ މައްޗަށް ބުރަވުމަށްވުރެން ސިކުނޑީގެ ބޭނުންކޮށްގެން ނިންމުންތައް ނިންމާށެވެ. އޭރުން މެނުވީ އެންމެ ރަގަޅު ގޮތެއް ނުނިންމޭނެއެވެ.

''އޭނަ ކޮންމެ އެއްޗެކޭ ބުންޏަސް ދިމްނާ ބޭނުންނުވާ ކައިވެންޏެއްގައި ގަދަ މަޖުބޫރުން ހައްޔަރެއް ނުކުރެވޭނެ...'' އަޝްކާންގެ ކޮނޑުގައި އަތްބާއްވާލަމުން ކައްޔިސް ބުނެލިއެވެ. ފުންނޭވާތަކެއް ދޫކޮށްލަމުން އަޝްކާން ކައްޔިސްއަށް ބަލާލިއެވެ. އަދި ކައްޔިސްގެ ވާހަކަތަކާއި އެއްބަސްވުމުގެ ގޮތުން ބޯޖަހަލިއެވެ.

''ދެން ހިނގާ ކޮފީއެއް ބޯލަން...'' މާހައުލުގައިވި ނުތަނަވަސްކަން ކަނޑުވާލަން ކައްޔިސް މައުޟޫޢު ބަދަލުކޮށްލިއެވެ. ''ކޮން ދުވަހަކުތަ އަޝްކާން ބިޓެއް ނަގާނީ؟ މުސްކުޅިވާ އިރުގައި ވެސް ހުސްކޮށް ހުންނަންތަ ބޭނުމީ...''

''ކޮންމެ ފަހަރަކު ކީއްވެތަ އަހަރެންގެ ޒާތީ ވާހަކަ ދައްކަނީ، ތިހެން ބުނާ މީހާ ވަކި ތިހިރީ ރިލޭޝަންޝިޕެއްގައިތަ؟...'' ކެފޭއަށް ވަންނަން ހިނގައިގަންނަމުން އަޝްކާން ބުނެލިއެވެ. އޭނަގެ ޖުމްލައިން ކައްޔިސް ޖަހާލީ ހިނިގަނޑެކެވެ.

''އަހަރެންގެ ވާހަކައެއް ނޫން ދޯ މި ދައްކަނީ، ޝާންގެ އުމުރުން ތިހާ ހިސާބަށް ދިޔައިރުގައި ވެސް ކުއްޖަކާ ރައްޓެއްސެއް ނުވޭ، އަހަރެން ވެސް ބިރުގަނޭ މީހުން ދައްކާ ވާހަކަ ތެދަކަށް ވެދާނެތީ!...'' ކައްޔިސް ބުނެލިއެވެ.

''ކޮން ވާހަކައެއް؟...'' ދެލޯހަނިކޮށްލަމުން ކައްޔިސްއަށް ބަލާލި އަޝްކާން އެހިއެވެ.

''ދެޓް ޔޫ އާރ ގޭ...'' އަޝްކާންއާއި ކައިރިއަށް ޖެހިލަމުން ސިއްރުސިއްރުން ކައްޔިސް ބުނެލިއެވެ. ކައްޔިސްގެ އަޑުގައިވި ސީރިޔަސްކަން ފިލައި ހިނިގަނޑުފަޅައިގެން ދިޔައީ އަޝްކާން ހިތްހަމަނުޖެހުމާއެކު އޭނައަށް ބަލާލުމުންނެވެ. ވަގުތުން އަޝްކާންއާއި ދުރަށް ޖެހިލަމުން އަތްމައްޗަށް ނަގަލީ އަމާންކަން ދޭ ފަދައަކުންނެވެ.

''ކައްޔިސް!...'' ކައްޔިސްގެ ކޮނޑުގައި ޖަހާލަމުން އަޝްކާން ބުނެލިއެވެ.

''އެއީ ދޮގަކަށް ނުވާނަމަ ދެން މިހާރު ވެއްޖެދޯ ކުއްޖަކު ހޯދަން، ކިހިނެއް ވާނެތަ މަލްސާ؟... ދަ ވޭއި ޝީ ލުކްސް އެޓް ޔޫ ސޭއިސް އެ ލޮޓް...'' އަޝްކާންއަށް ފުން ނަޒަރެއް ދެމުން ކައްޔިސް ބުނެލިއެވެ. އެއާއެކު އަޝްކާންއަށް ހުއްޓުމެއް އައިކަން ކައްޔިސްއަށް ފާހަގަ ކުރެވުނެވެ. މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަކަން ވެސް މެއެވެ. ހައިރާންކަން ލިބިގެން ދިޔަ ކައްޔިސްއަށް ދެވަނަ ސިކުންތުގައި ހިނިތުންވެވުނީ ފޮރުވަން އުޅުނުކަމުގައި ވިޔަސް އަޝްކާންގެ ސިއްރެއް އޭނައަށް ޔަޤީން ކުރެވުމުންނެވެ.

''ޔޫ ލައިކް ހާ ޑޯންޓް ޔޫ؟... އެހެންވެތަ މަލްސާ ހޮވީ ވެސް؟...'' ކައްޔިސް އެހިއެވެ. އަޑުގައި ވަނީ ޝައުޤުވެރިކަމެވެ.

''ބޭކާރު ވާހަކަ ނުދައްކާ... މަލްސާ އެއީ ހަމައެކަނި އަހަރެންގެ ސެކްރެޓަރީ، އިތުރު ކަމެއް ނެތް!...'' ވާހަކަ އޮއްބާލަން މަސައްކަތްކުރަމުން އަޝްކާން އަވަސްއަވަހަށް ބުނެލިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކެފޭއަށް ވަނެވެ. ދޮރުން އެތެރެއަށް ވަދެގެން ދިޔަ އަޝްކާންއަށް ބަލަން ހުރި ކައްޔިސްއަށް ހިނިތުންވެވުނެވެ. އޭނަގެ އެކުވެރިޔާއަށް ރަގަޅު ބަދަލެއް އައިސްފައިވާކަން ފާހަގަ ކުރެވުނީތީއެވެ.

*****

''ކާކުގެ ކާރެއްގައިތަ މަލްސާ މިއަދު ގެއަށް އައީ؟، އެވެސް އޮފީސް ނިމުނުތާ އެތައް އިރެއް ފަހުން......'' ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔަ ދަނޑިވަޅުގައި ޖަމީލާ އޭނަގެ ހިތުގައި މިހުރިހާ އިރުވަންދެން ވިކަމުން ދިޔަ ސުވާލު ފެންމަތިކޮށްލިއެވެ. ކާމެޒު ދޮށުގައި އެވާހަކަ ހިއްސާކުރުމުގެ ސަބަބެއް ވެސް އޮތެވެ. މާހައުލުގެ ހަމަޖެހުން ނަގާލައި ބޮމެއް ގޮއްވާލުމެވެ. ހުސޭނުގެ ސަމާލުކަން ވެސް މަލްސާއަށް އަނބުރާލުމެވެ.

ހަމަޖެހިލައިގެން ކާން އިން މަލްސާ ދިޔައީ ސިއްސައިގެންނެވެ. މީހާ ހާސްވެގެން ދިޔައީ ބައްޕަގެ ސުވާލުން ފުރިގެންވި ނަޒަރު އޭނަގެ ހުއްޓިފައިވާކަން ފާހަގަ ކުރެވުމުންނެވެ.

''އޮފީހުގައި އުޅޭ ރައްޓެއްސަކާ އެކުގައި...'' ހަޤީޤަތް ހާމަކޮށްފިނަމަ އިތުރު ސުވާލުތަކާ ކުރިމަތިލާން ޖެހުން ނޫންކަމެއް ނުވާނެކަން މަލްސާއަށް އެނގުމުން އޭނައަށް މަޖުބޫރުވީ ދޮގު ހަދާށެވެ. ވަކިން ޚާއްސަ ގޮތެއްގައި ދޮންމަންމަގެ ސުވާލުތަކާ ކުރިމަތިލާނެ ގޮތެއް އޭނަގެ ވިސްނުމަކަށް ނައެވެ. މިހާރުވެސް އެދެއްކި ވާހަކައަކުން ދޮންމަންމަ ބޭނުންވާ ކަމަކާ މެދު ހިތުގައި ސުވާލު އުފެދުނެވެ.

''ފިރިހެނެއްތަ؟...'' މަސްރަހު އިތުރަށް ހަލަބޮލިކޮށްލަން ޖަމީލާ އެހިއެވެ. އޭނަގެ ނަޒަރު ސީދާ ވެފައިވަނީ މަލްސާ އަށެވެ. މަލްސާގެ ކޮންމެ ކަމަށް ހުޝިޔާރުވެ އިން ކަހަލައެވެ. އެމޫނަށް އަންނަ ކޮންމެ ބަދަލެއް އޭނައަށް ފާހަގަ ކުރެވެމުން ދިޔަ އެވެ. މަލްސާގެ ދޮގުތައް ހޯދަން އަތުކުރި އޮޅާލައިގެން އިން ކަހަލައެވެ.

ޖަމީލާގެ ސުވާލުތަކުން މަލްސާއަށް އިތުރު ނުތަނަވަސްކަމެއް ލިބުނެވެ. އެއާއެކު ދެވަނަ ދޮގު ހަދަން ޖެހުނެވެ. ދޮގު ހެދުން އެއީ އޭނަ ނުރޭހެ ކަމަކަށް ވިޔަސް ދޮންމަންމަގެ ސުވާލުތަކުން ސަލާމަތްވާން އެނޫން އިތުރު ގޮތެއް އޭނައަށް ނުވާ ކަހަލައެވެ.

''ނޫން، ވިވިއަން، ވިއްސަރާވުމުން ގެއަށް ދާނެ ގޮތެއް ނެތީމަ ވިވިއަން ރައްޓެހިވެގެން އުޅެ ކުއްޖާގެ ކާރުގައި ގެނެސްދިނީ...'' މަލްސާ ބުނެލިއެވެ. އެއާއެކު ސުވާލު އުފައްދާނެ އިތުރު ކަމެއް ނެތުމުން ހިމޭންކަން ޚިޔާރުކުރަން ޖަމީލާއަށް މަޖުބޫރު ވިއެވެ. ނަމަވެސް މަލްސާގެ ވާހަކަ ޤަބޫލުކުރަން އޭނައަށް ނުހަނު އުނދަގޫ ވިއެވެ. މަލްސާ ގެއަށް އައި ކާރުގެ ހައިބަތު ފެނުނީ އޭނައަށް ވިއްޔާއެވެ.

''އެހެންތަ؟، މިހާރުގެ ފިރިހެނުންނަކީ ނިކަން ފާޑެއްގެ ބައެއް، އިތުބާރުކުރެވުނަސް ކޮންމެކޮންމެ މީހެއްގެ ކާރަށް އަދި ސައިކަލަށް ނަރާތި، މަލްސާއާ މެދު ކަންބޮޑުވެފައި ހުރުމުން ހަމަ އެސުވާލުކޮށްލެވުނީ!...'' މަތި އޮމާންކޮށްލަން ޖަމީލާ ހިނިތުންވެލިއެވެ.

މަލްސާ ވެސް ނުތަނަވަސްކަމާއެކު ހިނިތުންވެލިއެވެ. ދޮންމަންމަގެ ނިޔަތް ނުބައި ނޫންކަން ހިތަށް އެރުމާއެކު ދެރަވީ ދޮންމައާ މެދު ހިތް ގޯސްކުރެވުމުންނެވެ. މިފަހަރު ދޮންމަންމަ އެދެއްކީ ދޮގު ވާހަކައެއް ވެސް ނޫން ވިއްޔާއެވެ. ހަޤީޤަތުގައި ވެސް އޭނައާ މެދު ފިކުރުބޮޑުވީކަން ނޭގެއެވެ.

''ހޫނނނ، ކޮންމެވެސް ނުބައެއް އެބަ އުޅޭ، އޭނަ އެހަދަނީ ހުސް ދޮގު، އެބުނާ ވިވިއަން އަކު ރައްޓެހިވެގެން އުޅެނީ މަހުޖަނަކާ ނޫން ނަމަ އެކަހަލަ ކާރެއް ނުދުއްވޭނެ، މަށަށް ޔަޤީން!... އެކާރުގައި އައީ ކޮންމެވެސް އެހެން މީހެއް، އަނެއްކާ ކާކުބާ؟... އޭނަ މީހަކާ ރައްޓެހިވީބާ؟...'' ޖަމީލާއަށް ހިތާހިތާ ބުނެވުނެވެ. އޭނަގެ ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. ފިކުރުބޮޑުވެ ހާސްވީ މަލްސާގެ ނަސީބު ރަގަޅުވެދާނެތީ އެކަމާއެވެ. މުސަނދިކަމުގެ ލައްޒަތު މަލްސާއަށް ލިބެން ޖަމީލާގެ ހިތަށް ކެތެއް ނުވާނެއެވެ. އެކާރުގެ ވެރިމީހަކު ހޯދައިގެން މެނުވީ ދެނެއް އޭނަގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

*****

މުޅިން އައުދުވަހަކށް ސަނާ ކިޔަމުން އަރައިގެން އައި އިރާ އެކު މާލޭގެ މަލަމަތި ހަލަބޮލި ވެއްޖެޔެވެ. ކުރީ ދުވަހު ވެހުނު ވާރޭގެ އަސަރު ފިލައި އިރުގެ ހޫނުކަން ދުނިޔެއަށް ވެރިވާން ފަށއިފިއެވެ. އުދަރެސް ވެސް ފެންނަނީ ނިކަން ރީއްޗަށެވެ. ޖެހިލާ ރޯޅިތަކުގައި އެކުލެވިގެން ވަނީ ހިތްގައިމު ކަމެކެވެ.

މަލްސާ އޮފީހަށް ވަންނަން ދިޔަ ވަގުތު ވިވިއަންގެ މެސެޖެއް އޭނައަށް ލިބުނެވެ. ބަލިވެގެން އޮފީހަށް ދާނެވޭނެ ވާހަކަ އަންގަން ވެގެންނެވެ. ދުރާލާ އޭނަ އޮތީ އަޝްކާންއަށް ވެސް އެކަން އަންގާފައެވެ. ނަމަވެސް އޭނަގެ އިންތިޒާރުގައި މަލްސާ ހުރެދާނެތީ މިއަދު ވަޒީފާއަށް ނާންނާނެ ވާހަކަ މަލްސާއަށް ވެސް އަންގާލީއެވެ. އެމެސެޖު ފެނުމުން މަލްސާގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. އަޝްކާންއާއި އެކީގައި އެކަނި މަސައްކަތްކުރަން ޖެހޭނެތީއެވެ. މައްސަލައެއް ދިމާވެދާނެތީ ވެސް އޭނަ ފިކުރު ބޮޑު ވިއެވެ. އެހުރިހާކަމަކަށް ވުރެން ބޮޑަށް މީހާ ފިނިވެފައިވަނީ އަޝްކާންއާއެކު އެކަނިވާނެތީއެވެ. ހިތާހިތާ ދުޢާކުރެވުނީ ހުރިހާކަމެއް ވެސް ރަގަޅަށް ވުމަށް އެދިއެވެ.

*****

އާދައިގެ މަތިން ދުވަސް ފެށިގެން ކުރިއަށް ދިޔައެވެ. އަޝްކާންގެ ހުރިހާ މީޓިންގްތަކެއް ތާވަލް ކުރަމުން ދިޔަ މަލްސާއަށް އެހެނިހެން ދުވަސްތަކާ ނުބައްދަލު ކަމެއް އަޝްކާންގެ ފަރާތުން ފާހަގަ ކުރެވުނެވެ. ކަމަކާ މެދު އަޝްކާން ފިކުރުބޮޑުވެފައި ހުންނަ ތަނެވެ. އެކަމާ ހުރެ އޭނަގެ ހިތުގައި ސުވާލު އުފެދުނެވެ.

އަޝްކާންއަށް ދޭން ކޮފީ ހިފައިގެން މަލްސާ ކެބިންއަށް ވަން އިރު އަޝްކާން އިނީ ފުން ޚިޔާލަކަށް ގެއްލިފައެވެ. ކެބިންގެ ދޮރު ހުޅުވާލި އަޑަށް އަޝްކާން ދިޔައީ ސިއްސައިގެންނެވެ. ޚިޔާލުތައް އެއްފަރާތް ކޮށްލަމުން ދޮރާ ދިމާއަށް ބަލާލި ހިނދު އޭނައަށް ފެނުނީ މަލްސާއެވެ. ނުތަނަވަސްކަން މޫނުމަތިން ފިލުވާލަމުން އޭނަ މަލްސާއަށް އިޝާރާތް ކުރީ އާދައިގެ މަތިން ސޯފާ ކުރިމަތީ ހުރި މޭޒު މަތީ ކޮފީ ހިފައިގެން އައި ތަބައް ބެހެއްޓުމަށެވެ.

އަޝްކާން އެދުނު ފަދައިން މަލްސާ ކަންތައް ކޮށްދިނެވެ. ނަމަވެސް ކެބިން އިން ނިކުމެގެން ދިއުމުގެ ބަދަލުގައި އޭނަ ބަލާލީ އަޝްކާން އަށެވެ. އަޝްކާންއަށް އުނދަގޫކުރަމުން ދިޔަ ކަންތައް އޮޅުން ފިލުވަން މަލްސާ ބޭނުން ވިއެވެ. ނަމަވެސް އޭނަގެ ހައްސިއްޔަތެއް ނެތްކަން ހަނދާންވުމާއެކު ޚިޔާލު ބަދަލުކޮށްލަމުން މަލްސާ ކެބިން އިން ނިކުންނަން ހިނގައިގަތެވެ. ނަމަވެސް ދޮރާ ހަމައަށް ގޮސްފައި ޚިޔާލު ބަދަލުވި ފަދައަކުން ފަސްއެނބުރި އަޝްކާން އަށް ބަލާލިއެވެ. އަޝްކާން ފިކުރުބޮޑުވެފައިވާތަން ފެނި އޭނަގެ ހިތަށް އުނދަގޫވީއެވެ. މަދަދުވެރިވެވެން އޮތް ގޮތަކުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުން ވީއެވެ.

''ސާރ، އިސް އެވްރީތިންގް އޯކޭ؟...'' ހިތްވަރުކޮށްލަމުން މަލްސާ އެހިއެވެ. އެދެމެދުގައިވާ ބީރައްޓެހިކަމުގެ ސަބަބުން އަޝްކާން ޖަވާބު ދީފާނެ ގޮތަކާ މެދުގައި މަލްސާ ހާސްވިއެވެ. ކުރެވުނީ މޮޔަކަމެއްކަން ރޭކާލުމާއެކު އަނބުރާ އެޖުމްލަ ގެންނަން ވެސް އޭނަ ބޭނުން ވިއެވެ. އެހެނަސް ވެދިޔަކަމެއް ބަދަލު ނުކުރެވޭނެތީ ނުތަނަވަސްކަމާއެކު އަޝްކާންއަށް ބަލަން މަލްސާއަށް ހުރެވުނެވެ.

މަލްސާގެ ސުވާލުން އަޝްކާންއަށް ބަލާލެވުނީ މަލްސާ އަށެވެ. އެއާއެކު ދެޒުވާނުންގެ ހަތަރުކަޅި ގުޅިލާ މެހިގެން ދިޔައެވެ. މަލްސާ ފަދައިން އަޝްކާންއަށް ވެސް އެވަގުތު ކޮޅަށް ގެއްލިފައި ހުރެވުނެވެ. ކައްޔިސްގެ ވާހަކަތައް އޭނަގެ ސިކުނޑީގައި ދައުރުވެގެން ދިޔައީ އެދަނޑިވަޅުގައެވެ. ކީއްވެގެންކަމެއް ނޭގެއެވެ. އެވާހަކަތަކާ މެދު ފުންކޮށް އޭނައަށް ވިސްނާލެވުނެވެ. ތަފާތު ނަޒަރަކުން މަލްސާއަށް ބަލާލެވުނެވެ. އެއަޑުން އޭނައާ މެދު ފިކުރުބޮޑުވެފައި ހުރިކަން ވެސް އަޝްކާންއަށް ފާހަގަ ކުރެވުނެވެ.

''އެވްރީތިންގް އިސް ފައިން...'' ހިނިތުންވުމަކާއެކު އަޝްކާން ބުނެލިއެވެ. މަލްސާ ފިކުރުބޮޑުވެފައިވުމުން އެކަމަށް ނިމުމެއް ގެންނަން އަޝްކާން ދޮގެއް ހަދާލިއެވެ. އެފަދައިން ކަންތައް ކުރަން ބާރު އެޅީ އޭނަގެ ހިތެވެ. އެމައުސޫމް މޫނުގައިވި ހާސްކަމުގެ ކުލަވަރުތަކެއް ނިމުމެއް ގެންނަން ބޭނުން ވީއެވެ. އެހެންނޫނަސް މަލްސާއަށް މަދަދުވެރިވެވޭނެ ގޮތެއް ވެސް ނެތެވެ. އޭނަގެ ދިރިއުޅުމެ ހައިޖާނުގެ ތެރެއަށް މަލްސާ ގެންނަން ވެސް ބޭނުމެއް ނުވިއެވެ.

ދެން އެދެމެދަށް ވެރިވެގެން ދިޔައީ ހަމަހިމޭންކަމެވެ. އިސްވެ ވާހަކަ ދައްކާނެ މީހަކު ނުވިއެވެ. އަޝްކާންގެ ތޫނު ބެލުންތަކުން މަލްސާގެ ހިތުގެ ވިންދާ ކުޅެލަމުން ދިޔައެވެ. އެބެލުމުގައި ތަފާތުކަމެއް ވިކަމަށް މަލްސާގެ ޒަމީރު ބުނެލިއެވެ. އޭގެ ސަބަބުން ހިތަށް ފިނިކަމެއް ލިއްބައިދިނެވެ. ހަމަހިމޭންކަމުގެ ސްކޫތެއްގެ ތެރެއަށް ފީނެމުން ދިޔަ ދެ ޒުވާނުން ސިއްސައިގެން ދިޔައީ އަޝްކާންގެ ފޯނު ރިންގްވާން ފެށުމުންނެވެ. އެފުރުސަތުގެ ބޭނުން ހިފައި މަލްސާ އަވަސްއަވަހަށް ކެބިންއިން ނިކުތެވެ. އޭރު އޭނަގެ ހިތް މޭގެ ތެރޭގައި އޮވެ ތެޅެމުންފޮޅެމުން ދިޔައެވެ.

ކެބިން އިން ނިކުމެގެން ދިޔަ މަލްސާއަށް ބަލަން އިން އަޝްކާންގެ ހިނިތުންވުން ފުންވިއެވެ. މޭޒުމަތީ އޮތް ފޯނަށް އޭނަ ޖަވާބު ދިނެވެ.

*****

މެންދުރެވެ. ޝުއައިބުއާއި ބައްދަލުކުރަން ޖާމީލާ އައިސް ހުރީ މާލޭގެ ނަން މަޝްހޫރު ރެސްޓޯރެންޓަކަށެވެ. ވަގުތުގެ ގޮތުން އެތަން އޮތީ މީހުންތަކުން ފުރިބާރުވެފައެވެ. ނަމަވެސް ޖަމީލާއާއި ޝުއައިބުއަށް އެތަނުން މޭޒެއް ލިބުނެވެ. ވެއިޓަރު ގެނެސްދިން މެނޫއަށް ފަރުވާތެރިކަމާއެކު ޖަމީލާ ބަލަމުން ދިޔައެވެ. ކުރިމަތީ އިން ގޮނޑީގައި އިން ޝުއައިބު ހަށަން ބަނދެލިއެވެ. ނުރުހުމުގެ އަސަރު އެމޫނުގައި ވިއެވެ. ޖަމީލާގެ ސަމާލުކަން އަނބުރާލަން އޭނަ ކަރުކެހިލިއެވެ.

''ކީއްވެގެންތަ މަ ބުނި ކަންތައް ނުކޮށްދެވިގެން ތިއުޅެނީ...'' ހިތްހަމަނުޖެހުމާއެކު ޝުއައިބު ބުނެލިއެވެ.

''އަދި ނުކޮށްދެވިގެން އުޅޭހާ ދުވަހެއް ވެސް ނުވައެއްނު، އަހަރެން އޮތީ ޝުއައިބުއަށް ޔަޤީންކަން ދީފައެއް ނޫންތަ؟ ފުރުސަތު ލިބުނުހާ އަވަހަކަށް އެކަން ފުރިހަމަކޮށްދޭނަން...'' ހިނިތުންވުމަކާއެކު ޖަމީލާ ބުނެލިއެވެ.

''އޭނަ ވަޒީފާއަށް ދާން ފެށިފަހުން ވަރަށް ފޮނި ބޮޑުވެގެން އުޅެނީ... އިހަށް ދުވަހު ގެއަށް އައީވެސް ނިކަން އަގުބޮޑު ކާރެއްގައި، އަހަރެން ސުވާލުކުރުމުން ވެސް ހެދީ ދޮގު... އޭނަ ކޮންމެވެސް ގަނޑެއް އެބަ ގަނޭ!...'' ޖަމީލާ ތުން އަނބުރާލިއެވެ.

''ދެން އެކަމެއް ހުއްޓުވަން ޖަމީލާ ނޫޅެންތަ!، މަ ނޫން އިތުރު މީހަކަށް މަލްސާއާއި ކައިރިވުމުގެ ފުރުސަތު ލިބޭކަށް މަ ބޭނުމެއް ނޫން، އެކަމެއް ޖާމީލާ ވީ ވަގުތުން ވަގުތަށް ހުއްޓުވަން، އަދި މަލްސާ އަހަރެންގެ ގާތަށް ގެނެސް ދޭން...'' ޖަމީލާގެ ފަރުވާކުޑަ ކަމާ މެދު ޝުއައިބު ރުޅިއައެވެ. އޭގެ ސަބަބުން ފައިސާބޮނޑި އަތުން ދޫވެދަނެ ކަމުގެ ބިރާ ހުރެ ޝުއައިބު ރުއްސަން އެތައް ވާހަކައެއް ދައްކަން ޖަމީލާއަށް މަޖުބޫރު ވިއެވެ. އެކިގޮތްގޮތުން ވާހަކަ ދައްކައިގެން އޭނަ ޝުއައިބުއަށް އުއްމީދުތައް އާކޮށްލަ ދިނެވެ. ނުވީތާކަށް އެބައްދަލުވުން ނިންމާލަމާއެކު ޝުއައިބުއަށް ތާރީހެއް ދެމުން ފައިސާ އަތުލިއެވެ.

(ނުނިމޭ...)

https://sun.mv/126732

comment ކޮމެންޓް