ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިއެފްއެފްއެސްއޭ ބާއްވަނީ

މީގެ ކުރިން ބޭއްވި އައިއެފްއެފްއެސް ފޯރަމެއްގެ ތެރެއިން-- ފޮޓޯ/ޕިންޓްރެސްޓް

ފުރަތަމަ ފަހަރަށް އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާ (އައިއެފްއެފްއެސް) ރާއްޖޭގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

އައިއެފްއެފްއެސްގެ ހަތަރު ވަނަ އެޑިޝަން ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ވާ ބުރާސްފަތި ދުވަހު ހޮޓެލް ޖެންގަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސްލާމިކް ފައިނޭންސިންގް ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވާ އެ ފޯރަމްގައި ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ގޮތުން އެ ދާއިރާއާ ގުޅުންހުރި ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.

އެގޮތުން މަޝްވަރާ ކުރަން ރާވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ހަލާލް ފުޑް އިންޑަސްޓްރީ އާއި އިސްލާމިކް ޓޫރިޒަމްގެ އިތުރުން އާ ޓެކްނޮލޮޖީތަކާ އެކު ބޭންކިންގް ނިޒާމަށް އަންނަ ބަދަލުތަކާއި މި ސަރަހައްދުގައި އިސްލާމިކް ފައިނޭންސިންގެ ހާލަތު މިހާރު ގޮތް ހިމެނެ އެވެ.

އެ ފޯރަމްގެ ތެރެއިން މި ދާއިރާއިން ދޭ އައިއެފްއެފްއެސް އެވޯޑް ހަފްލާ ވެސް އޮންނާނެ އެވެ.

އިސްލާމިކް ފައިނޭންސިންގް އެސޯސިއޭޝަން އޮފް ސައުތު އޭޝިއާ (އައިއެފްއޭއެސްއޭ) ޖަމިއްޔާގެ ނަމުގައި އިސްލާމިކް ފައިނޭންސިންގެ މި ސަރަހައްދުގެ މައި ޖަމިއްޔާއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ އިރު، މާލެއަކީ އެ ޖަމިއްޔާގެ މައި މަރުކަޒަކަށް ހެދުމަށް ވެސް އައިއެފްއެފްއެސްގެ ތެރެއިން ވަނީ ރާވާފަ އެވެ.

އައިއެފްއެފްއެސްއަކީ ސްރީލަންކާގެ ޔޫޓީއޯ އެޑިއު ކޮންސަލްޓް ކުންފުނިން އިންތިޒާމުކުރާ ފޯރަމެކެވެ.

މިއީ އެ ފޯރަމް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރުގެ އިތުރުން، ލަންކާ ނޫން އެހެން ޤައުމެއްގައި ވެސް އެ ފޯރަމް ބޭއްވޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ފޯރަމްގެ ތިން އެޑިޝަން ވެސް ބާއްވާފައި ވަނީ ލަންކާގަ އެވެ.

comment ކޮމެންޓް