އަހަރަކު އެއްފަހަރު އުރީދޫއިން ބާއްވަމުން އަންނަ ކަލާ ރަން އަށް އާންމުންގެ ތަރުހީބު ބޮޑެވެ. މި ދުވުމުގައި ބައިވެރިވާން ވަކި ހާއްސަ ފީއެއް ދައްކަން ނުޖެހޭ އިރު، ފައިސާ ހަރަދުކުރަން ޖެހެނީ ދުވުމުގައި ބައިވެރިވާ ކިޓް ގަންނަން އެކަންޏެވެ. މި ދުވުން ޚާއްސަވާ އެންމެ ބޮޑު އެއް ސަބަބަކީ ކޮންމެ އަހަރަކު ވެސް ކިޓް ވިއްކައިގެން ލިބޭ ފައިސާއިން ކަނޑައަޅާފައިވާ މިންވަރެއް އަމިއްލަ ޖަމިއްޔާއަކަށް ހަދިޔާ ކުރާތީ އެވެ.
ޗެރިޓީ ޕާޓްނަރުންނާ އެކު އެހީގެ ދުވުމެއް
މިއަހަރުގެ ޗެރިޓީ ޕާޓްނަރަކީ މޯލްޑިވްސް ޑެފް އެސޯސިއޭޝަނެވެ. އެ ޖަމިއްޔާއަކީ އަޑުއިވުމުގައި ދަތިތަކެއް ހުންނަ ފަރާތްތައް، މުޖުތަމައުގައި ބާރުވެރި ކުރަން 2008 ވަނަ އަހަރުން އުފެއްދި ޖަމިއްޔާއެކެވެ.
މި އެއްބަސްވުމުގެ ދަށުން އުރީދޫއަށް ވެސް ޑެފް އެސޯސިއޭޝަނުގެ ފަރާތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ޑެފް އެސޯސިއޭޝަނުން ވަނީ އުރީދޫގެ މުވައްޒަފުންނަށް ސައިން ލެންގުއޭޖް ދަސްކޮށްދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.
މިހާރު ވެސް އުރީދޫގެ ބައެއް މުވައްޒަފުންނަށް ސައިން ލެންގުއޭޖްގެ ހުނަރު ލިބިފައި ހުރިއިރު، ސައިން ލެންގުއޭޖް އެނގޭ މުވައްޒަފުންގެ އަދަދު އިތުރުވުމުގެ ސަބަބުން އެ ބަހުން މުއާމަލާތް ކުރާ ފަރާތްތަކަށް ހިދުމަތް ދިނުމުގައި ކުރިއަށް ވުރެ ވެސް ލުއިފަސޭހަ ވެގެންދާނެ ކަމަށް އުރީދޫއިން ބުނެ އެވެ.
އުރީދޫ ކަލާ ރަންއިން މިއަހަރު ލިބޭ ފައިސާއިން ބައެއް ހަދިޔާ ކުރުމުގެ އިތުރުން އެ ހަރަކާތުގެ ތެރެއިން ވެސް ޑެފް އެސޯސިއޭޝަނަށް ފައިސާ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
"އުރީދޫ ކަލާ ރަންގެ ޕާޓްނަރަކަށް ވުމުގެ ފުރުސަތު ލިބުނީމާ އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރުވެރިވަން އުރީދޫއަށް. މިއީ، އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ލިބޭ ރަނުގެ ފުރުސަތެއް. އަޅުގަނޑުމެންގެ އެދުމަކީ މި ދުވުމުގައި ބައިވެރިވެ އަޅުގަނޑުމެންނަށް އެހީވުން،" ޑެފް އެސޯސިއޭޝަނުން ބުންޏެވެ.
ދުވުމާ ހަމައިން ނުނިމޭ، ދެމިގެންދާ އެހީއެއް
މިދިޔަ އަހަރު އުރީދޫ ކަލާ ރަންގެ ޗެރިޓީ ޕާޓްނަރު، މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީގެ ޗެސާޕާސަން "ސަން" އަށް ވިދާޅުވީ، އެ ހަރަކާތުގެ ސަބަބުން ފައިސާގެ އެހީތެރިކަމާއެކު މީހުން ހޭލުންތެރި ކުރުމުގައި ވެސް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.
"އެ ބޭފުޅުން ކުރިއަށް ގެންދިޔަ ބުލަޑް ޑޮނޭޝަން ކޭމްޕެއް ވެސް. އޭގެ ފަހުން ހަމަ ކޮންމެ ތިން މަހަކުން އެއް މަހު އެ ކޭމްޕް މެދުކެނޑުމެއް ނެތި އެ ބޭފުޅުން ކުރިއަށްގެންދޭ. މި ހަރަކާތުގެ ސަބަބުން ބޮޑު އެކްސްޕޯޝާ އެއް ލިބުނު. ގިނަ ބަޔަކަށް އެއްފަހަރާ ރީޗް ވެވޭ ކަހަލަ ހަރަކާތެއް މިއީ،" ސުހާ ވިދާޅުވި އެވެ.
އުރީދޫ ކަލާ ރަންގެ 2017 ވަނަ އަހަރުގެ ޗެރިޓީ ޕާޓްނަރަކީ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އެވެ. އެ ޖަމިއްޔާއަކީ އުފަންވުމުގައި ހިތުގެ މައްސަލަ ހުންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ، އެކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް 2009 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ.
އުރީދޫއިން ވަނީ އެ އަހަރުގެ ކަލާ ރަން މެދުވެރިކޮށް ޓައިނީ ހާޓްސްއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އުފަންވުމުގައި ހުންނަ ހިތުގެ ބަލިތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް ވެސް މަސައްކަތްތަކެއް ކޮށްފަ އެވެ.
މިއަހަރުގެ އުރީދޫ ކަލާ ރަންގެ ހަރަކާތްތައް ފަށަން ރާވާފައިވަނީ މާދަމާއިން ފެށިގެން އެވެ. އެ ހަރަކާތުން ލިބޭ ފައިސާގެ ވަކި މިންވަރެއް ޗެރިޓީގެ ގޮތުގައި ހަދިޔާ ކުރުމަށް ރާވާފައިވާއިރު، ހަރަކާތް ކުރިއަށްދާއިރު ވެސް ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އުރީދޫ ކަލާ ރަންއަކީ ހަމައެކަނި، މަޖަލުގެ ދުވުމެއް ނޫނެވެ. މި ކުލަގަދަ ދުވުމުގެ ކުލަތަކުން އެހީގެ އަތެއް ދިއްކޮށްލަމާ ހިނގާށެވެ.