ބޯގަންވިލް (ނޮވެމްބަރު 24): ޕަޕުއާ ނިއު ގިނީގެ ޕްރޮވިންސެއްގެ ގޮތުގައި މިހާރު އޮންނަ ބޯގަންވިލް، އެގައުމުގެ ބާރުގެ ދަށުން މިނިވަން ވުމާ ބެހޭ ގޮތުން ވޯޓެއް ނަގަން އިއްޔެ ފަށައިފި އެވެ.
އެވޯޓުގައި ބައިވެރިވާން 207،000 މީހުން ރެޖިސްޓާކޮށްފައިވާ އިރު، ބޯގަންވިލްގެ އެކަހެރި އަވަށްތަކުގައި ދިރިއުޅޭ މީހުންނަށްވެސް ވޯޓު ލެވޭނެކަން ޔަގީން ކުރުމަށްޓަކައި އަންނަ މަހުގެ ހަތެކާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ އެވެ. އެވޯޓުގައި ވަނީ ބޯގަންވިލް މިނިވަން ދައުލަތަކަށްވުމަށް ނުވަތަ ޕީއެންޖީގެ ބައެއްގެ ގޮތުގައި އޮވެ، އަމިއްލަ ވެރިކަމުގެ ބާރުތައް އިތުރު ކުރުމަށް ހިޔާރު ކުރުމަށް އެދިފަ އެވެ.
އެވޯޓު ބާއްވަން އެއްބަސްވީ، ބޯގަންވިލްގެ މިނިވަން ކަމަށް ތާއިދު ކުރާ ފަރާތްތަކާއި ޕީއެންޖީގެ ސަލާމަތީ ފައުޖުތަކާ ދެމެދު 1988އިން 1998އަށް ކުރިއަށް ދިޔަ ދާހިލީ ހަނގުރާމައަށް ފަހުގަ އެވެ. އޭރު ބޯގަންވިލްގައި އަމިއްލަ ސަރުކާރެއް އެކުލަވާލުމަށް ހެދި އެއްބަސްވުމުގައި، އެސަރަހައްދުގެ މިނިވަން ކަމާ ބެހޭ ވޯޓެއް ނަގާނެ ކަމަށްވެސް ބުނެފައިވެ އެވެ.
އެވޯޓުގެ ނަތީޖާ އިއުލާން ކުރާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ 20ގަ އެވެ. އަދި އެވޯޓުގައި ބޯގަންވިލްގެ ރައްޔިތުން މިނިވަންކަމަށް ވޯޓުދިން ނަމަވެސް، އެކަމުގައި އެންމެ ފަހު ގޮތެއް ނިންމާނީ ޕީއެންޖީގެ ޕާލިމެންޓުންނެވެ.