މި އަހަރުގެ ޖެނުއަރީ މަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ގޮތުން ބަންދުކޮށްފައިވާ ގިލިލަންކަންފުށި ރިސޯޓު އަންނަ މަހުގެ އެއް ވަނަ ދުވަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.
އަލިފާނުގެ ހާދިސާގައި ގިލިލަންކަންފުށީގެ މޫދު ހަތް ކޮޓަރިއަކާއި ރެސްޓޯރެންޓު ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ.
އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް ފަހު އެ ރިސޯޓު އަލުން ހުޅުވާ އިރު އާ ޕޫލް ވިލާތަކެއް ވަނީ ހަދައިފަ އެވެ.
މީގެ ކުރިން ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ރިސޯޓުގެ ލަގަބު ވެސް ހޯދާފައިވާ ގިލިލަންކަންފުށި އަލުން ހުޅުވާއިރު 45 އޯވާ ވޯޓާ ވިލާ ހުންނާނެ އެވެ. ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ވެސް ހުންނާނެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އޯވާ ވޯޓާ ވިލާ ވެސް ހުންނަ ގިލިލަންކަންފުށީގެ ވިލާތަކުގެ އިންޓީރިއާ އަށް ބަދަލުތަކެއް ގެނެސްފައިވާ އިރު ރިސޯޓުގެ ސްޕާގެ ފެންވަރު ކުރިއަށް ވުރެ ރަނގަޅުކޮށް އާ ހިދުމަތްތަކެއް ފަށާނެ ކަމަށް އެ ރިސޯޓުން ވަނީ ބުނެފަ އެވެ.
ގިލިލަންކަންފުއްޓަކީ ކުރިން ސޮނޭވާ ގިލީގެ ނަމުގައި ހިންގި ރިސޯޓެކެވެ. ނަމަވެސް 2012 ވަނަ އަހަރު ސިންގަޕޫރުގެ 'ހޮޓެލް ޕްރޮޕަޓީސް' އިން ވަނީ އެ ރިސޯޓު ގަނެ ގިލިލަންކަންފުށީގެ ނަމުގައި ރިސޯޓު ހިންގަން ފަށައިފަ އެވެ.