ބައިގެންދާ ކުއްޖާއަށް ކަށުކަމާކެމި ފުރިހަމަކުރަން ނުޖެހޭ: ފަތުވާ މަޖިލިސް

ސަހަރާ----

ބަނޑަށް 120 ދުވަސް ފުރިހަމަ ވުމަށްފަހު މަންމަގެ ބަނޑުގައި ވަނިކޮށް މަރުވެގެން ވެއްޓޭ ކުއްޖާ ދިރިއޮތްކަމުގެ އަލާމާތެއް ފެނިފައިނުވާނަމަ އެ ކުއްޖާގެ މައްޗަށް ކަށުކަމާކެމީގެ އެއްވެސް ކަމެއް ފުރިހަމަކުރަން ނުޖެހޭނެކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.

ބައިގެންދާ ކުދިންނާ ގުޅޭގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރެފައިވާ ފަތުވާގައި ބުނެފައިވަނީ ބަނޑުގައި އޮއްވާ ހަތަރުމަސް ނުފުރެނީސް ވެއްޓިއްޖެނަމަ ކޮންމެ ސިފައެއްގައި އޮތްނަމަވެސް ސާފު ހުދު ފޮތިކޮޅެއް އޮޅާފައި ވަޅުލުން ނޫން ކަމެއް ކުރަން ނުޖެހޭނެ ކަމަށެވެ. އެފަދަ ކުދިންނަށް ނަންކިޔުމެއްވެސް އަދި އަގީގާ ކަތިލުމެއްވެސް ނެތްކަމަށް އިލްމުވެރިން އިއްތިފާގުވެލައްވާ ކަަމަށް ފަތުވާ މަޖިލީހުގެ ފަތުވާގައި ބުނެފައިވެއެވެ.

އަދި ހަނދުމަހުގެ 120 ދުވަސް (ހަތަރު މަސް) ފުރުމަށްފަހު ނުވަތަ ފުރާނަ އެޅުމަށްފަހު ބައިގެންދާ ކުދިންނާމެދު އަމަލުކުރަންޖެހޭ ދެ ހާލަތެއްވާކަމަށް އެފަތުވާގައި ވެއެވެ.

އެގޮތުން ކުއްޖާ ވެއްޓުމަށްފަހު ރުއިމަކުން، ނޭވާއަކުން އަދި ހަރަކާތަކުންވިޔަސް ކުއްޖާ ދިރިއޮތްކަމުގެ އަލާމާތެއް ފެނުމަށްފަހު މަރުވެއްޖެނަމަ ކުއްޖާ ހިނަވާ ކަފުންކޮށް ކަށުނަމާދުކޮށްފައި ވަލުލާން ޖެހޭނެ ކަމަށާއި މިއީ ސުންނަތުންވެސް ސާބިތުވާ އަދި ހަތަރު އިމާމުންވެސް އިއްތިފާގުވެލައްވާފައިވާ ކަމެއްކަމަށް ފަތުވާގައި ބުނެފައިވެއެވެ.

ބަނޑަށް ހަތަރުމަސް ވުމަށްފަހު ވިހެއުމާ ދޭތެރޭގައި ބައިގެންދިޔައިރު ދިރިއޮތްކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކުދިންނާ ގުޅޭގޮތުން އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރިކަމަށް ފަތުވާގައި ބުނެފައިވެއެވެ.

ބައެއް އިލްމުވެރިން ބުރަވެލައްވާ ގޮތަކީ އެފަދަ ކުދިންގެ ކިބައިން ދިރިއޮތްކަމުގެ އަލާމާތެއް ފެނިފައިނުވާނަމަވެސް ކުއްޖާގެ މައްޗަށް ކަށުކަމާކެމީގެ ކަންތައް ކުރަން ޖެހޭނެއެވެ. މިކަމުގެ ދަލީލެއްގެ ގޮތުގައި ރަސޫލާގެ ހަދީސް ބަސްފުޅެއް އިލްމުވެރިން ވިދާޅުވާކަމަށް ފަތުވާގައިވެއެވެ.

މިފަދަ ކުދިންނަށް ހަތްދުވަސް ވުމަށްފަހު ނަންކިޔަން ޖެހޭނެ ކަމަށާއި އަގީގާ ކަތިލަން ޖެހޭނެ ކަމަށްވެސް މިކަމަށް ބުރަވެލައްވާ އިލްމުވެރިން ވިދާޅުވާކަމަށް ފަތުވާ މަޖިލީހުގެ ފަތުވާގައި ބުނެފައިވެއެވެ.

ބަނޑަށް ހަތަރުމަސް ވުމަށްފަހު ވިހެއުމާ ދޭތެރޭގައި ބައިގެންދިޔައިރު ދިރިއޮތްކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކުދިންނަށް ކަށުނަމާދު ކުރުން ނޯންނާނެ ކަމަށް ބުރަވެލައްވަނީ ޝާފިއީ މަޒުހަބާއި ހަނަފީ މަޒުހަބު އަދި މާލިކީ މަޒުހަބާއި ޝާފިއީގެފާނު އަދި ސުފްޔާނުއްސައުރީ ކަމަށް ފަތުވާގައި ބުނެފައިވެއެވެ.

ފަތުވާ މަޖިލީހުން މި ފަތުވާ ނެރެފައިވަނީ އޮކްޓޯބަރު މަހުއެވެ.

ބައިގެންދާ ކުދިންނާމެދު އަމަލުކުރަންޖެހޭ ގޮތާ ގުޅޭގޮތުން ފަތުވާ މަޖިލީހުން ފަތުވާއެއް ނެރެފައިވަނީ ރާއްޖޭގައި ޅަފަތުގައި މަރުވާ ކުދިންގެ އަދަދު އިތުރުވަމުންދާ ކަމަށްބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.

އެގޮތުން ކަށުނަމާދާ ގުޅޭ މައުލޫމާތު އާންމުކުރާ ކަށުނަމާދު ފޭސްބުކް ޕޭޖުގައި މި ފަހަކަށް އައިސް އަހަރު ނުފުރޭ ކުދިންނާއި އެއްވެސް އުމުރެއް ނުޖަހާ، ތުއްތު ކުދިންގެ ކަށުނަމާދުގެ މައުލޫމާތު އާންމުކޮށްފައި ހުންނާތީ ޅަފަތުގައި މަރުވާ ކުދިން އިތުރުވާކަމަށް ބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް