ޑީސީގެ ކޮމިކް ކެރެކްޓަރު ޖޯކާ އަށް ބިނާކޮށް މިއަހަރު ނެރުނު ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބުމުގެ ސަބަބުން އެ ފިލްމުގެ ސީކުއަލްއެއް ހެދުމަށް ތައްޔާރުވެއްޖެއެވެ.
މައުލޫމާތު ލިބޭގޮތުގައި ޖޯކަރުގެ ޑައިރެކްޓަރު ޓޮޑް ފިލިޕްސް ވަނީ ވޯނާ ބްރޮސްގެ ޗެއާމަން ޓޯބީ އެމެރިޗްއާ ބައްދަލުކޮށްފައެވެ. އަދި ޑީސީގެ ކުރިއަށް ރާވާފައިހުރި ޕްރޮޖެކްޓުތަކުގެ ހިޔާލުތަކެއް ޓޮޑް ވަނީ ޓޯބީ އާ ހިއްސާކޮށްފައެވެ.
މައުލޫމާތު ލިބޭގޮތުގައި ޓޮޑް ހުށަހަޅާފައިވަނީ ޑީސީގެ ގިނަ ކެރެކްޓަރުންގެ އޮރިޖިން ވާހަކަތަކެއް އުފެއްދުމަށެވެ. އެ ވާހަކަތައް އެއް ފިލްމު އަނެއް ފިލްމާ ގުޅިފައި ހުންނާނެ ކަމަށާއި އެންމެ ފުރަތަމަ ޕްރޮޖެކްޓަކަށް ވާނީ ޖޯކަރުގެ ސީކުއަލް އެއް ކަމަށްވެސް އޭނާ ވަނީ ހުށަހަޅާފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޖޯކަރުގެ ސީކުއެލް ހެދުމުގެ ހުއްދައިގެ އިތުރުން އެހެން ފިލްމެއްވެސް އުފެއްދުމުގެ ހުއްދަ ވަނީ ޓޮޑް އަށް ލިބިފައެވެ.
ޖޯކަރުގެ ސީކުއަލްގައި އޮރިޖިނަލް ފިލްމުގެ ލީޑު ވާކީން ފީނިކްސް ފެނިގެން ދާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެ ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅުގައި ފެށުން އެކަށީގެންވާނެ ކަމަށް ބެލެވެއެވެ.
ޖޯކަރު ފިލްމަށް ދަނީ ބޮޑެތި ކާމިޔާބީތަކެއް ލިބެމުންނެވެ. ދާދި ފަހުން އެ ފިލްމަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުމާއެކު އެ ފިލްމު ވަނީ ތާރީހުގެ ތެރެއަށް ގޮސްފައެވެ. އެ ފިލްމަކީ މިހާތަނަށް އެއް ބިލިއަން ޑޮލަރު ލިބިފައިވާ ހަމައެކަނި "އާރު ރޭޓެޑް" ފިލްމެވެ.